3 އަހަރުނުވާ 55 މިލިޔަން ޑޮލަރުގެ ސީޕްލޭން ޓާމިނަލް ކަބަޑަށް
ފުލް މޫން ރިސޯޓަށް ސީޕްލޭން ބަދަލު ކުރުމަކީ ފަތުރުވެރިންނަށް ޖެއްސޭނެ އިތުރު ތަކުލީފެއް
55 މިލިއަން ޑޮލަރު ހޭދަކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް 3 އަހަރު ހަމަނުވާ އައު ސީޕްލޭން ޓާރމިނަލް ކުރަން ނިންމި ނިންމުމަކީ ބޮޑު ހިޔާނާތެކެވެ. ރާއްޖޭގެ ކަނޑުގެ ކުލަތައް ރަމްޒު ކޮށްދޭހެން ފަތުރުވެރިންގެ ހިތްތައް ދަމައިގަންނަ ގޮތަށް ތައްޔާރުކޮށް ނޫވިލު ނަމުގައި 2022 ވަހަރު ހުޅުވި ސީޕްލޭން ޓާރމިނަލް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓަށް ބަދަލު ކުރަން ނިންމި ނިންމުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ.
ނޫވިލު ސީޕްލޭން ޓާރމިނަލުން ދުވާލަކު ފަސްހާހަށް ވުރެ ގިނަ ފަތުރުވެރިން ހިދުމަތް ހޯދައެވެ. 500 އަށް ވުރެ ގިނަ ސީޕްލައިން ދަތުރު އެ ޓާރމިނަލުން ކޮންމެ ދުވަހަކު ހިންގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް އަންނަ ފަތުރުވެރިންގެ ގިނަ ބަޔަކު ސިޕްލައިންގައި އެ މީހުންގެ މަންޒިލަށް ދަތުރުރު ފަށަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާ އެއްގަމު މަގުން ގުޅިފައި އޮންނަ ނޫވިލު ސީޕްލޭން ޓާރމިނަލުންނެވެ. އެނބުރި ދިއުމަށްވެސް ބޭނުން ކުރަނީ އެ މަގެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާ އެއްގަމު މަގުން ގުޅިފައި އޮތް ނޫވިލު ސީޕްލޭން ޓާރމިނަލްގެ ބަދަލުގައި ފުލް މޫން ރިސޯޓަށް ސީޕްލޭން ބަދަލު ކުރުމަކީ ފަތުރުވެރިންނަށް ޖެއްސޭނެ އިތުރު ތަކުލީފެކެވެ. ކިތަންމެ ގާތް ނަމަވެސް ލޯންޗު ފަހަރުގައި އެއާރޕޯޓުން ސީޕްލޭން ޓާމިނަލަށް ދާން ޖެހިއްޖެނަމަ އެއީ ފަތުރުވެރިންނަށް ކުރެވޭ ގޯނާއެކެވެ. ދިގު ދަތުރަކަށް ފަހު މަންޒިލަށް ދިޔުމަށްޓަކާ ސީޕްލޭން ޓާރމިނަލަށް ދިޔުމަށް ކަނޑު އުޅަދެއް ބޭނުންކުރަން ޖެހުމަކީ ތަކުލީފަކަށް ނޫނީ ފަތުރުވެރިންނަށް ނުވާނެއެވެ. އަމްދުން ކުޑަކޮށްވެސް މޫސުން ގޯސްނަމަ އެކަމަކީ ވާނީ އަނިޔާއަކަށެވެ.
އެއްގަމު މަގުން ދެޓާރމިނަލް ގުޅާލުމަކީވެސް ހަރަދު ބޮޑު އުނދަގޫ ކަމަކަށް ނޫނީ ނުވާނެއެވެ. ބޮޑު ހަރަދެއް ކޮށްގެން ހަދާނިންމާ ރަގަޅަށް އޮޕަރޭޝަނުގައި އޮތް ސީޕްލޭން ޓާރމިނަލެއް އެހެންތާކަށް ބަދަލު ކުރުމުގެ ކުރީން ކުރަންހުރި ކަންކަން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައިވެސް މާގިނައެވެ.
ހިނގަ ހިނގާ އޮތް ރިސޯޓެއް ހުއްޓުވާލާ އެތަނަށް ސީޕްލޭން ޓާރމިނަލް ބަދަލު ކުރުމަކީ ވަކީން ބޮޑު ގެއްލުމެކެވެ. ރިސޯޓް ހުއްޓުވާނުލާ އެމީހުންގެ އިހުތިސާސުން ބައެއް ދަމައިގަތުމަކީ ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އިންތިހާ ދަރަޖައިގެ ގެއްލުން ބޮޑު ކަމަކަށް ނޫނީ އެކަންވެސް ނުވާނެއެވެ.
ވަކީ ޖެޓް ޓާރމިނަލެއް ނެތުމަކީ ސީޕްލޭން ޓާރމިނަލް އުފުރާލަން ޖެހޭކަމެއް ނޫނެވެ. ހުޅުލޭ ފަޅަކީ ހިއްކައިގެން ޖެޓް ޓާރމިނަލެއް ނޭޅޭވަރުގެ ތަނެއް ނޫނެވެ. ޖެޓްތައް ޕާކްކުރާނެ ޖާގަ ނުހޯދޭ ވަރުގެ ތަނެއްވެސް ނޫނެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި އިންޓަރނޭޝަނަލް އެއަރޕޯޓްތައް ހެދުމަށް އަމާޒު ހިފާފައި ހުރި ވަރަށް ބަލާއިރު ރާއްޖެއަންނަހާ ޖެޓެއް ހުޅުލޭގައި ޕާކްކުރުވުމަށް ފޫގަޅާކަށްވެސް ނުޖެހެއެވެ. އެ ތަންތާނގައި ޖެޓްތައް ޕާކްކުރަން ޖާގަ ނުއުފެއްދޭނީ ހެއްޔެވެ.
ތަރައްގީވެ ކުރިއަރަމުން އަންނަ ގައުމުތަކުގައި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ނުހުއްޓޭނެކަމަށް ބުނެ ކުރެވިފައި ހުންނަ ރަނގަޅު ކަންކަން ތަޅާ ބިމާ ހަމަކުރާކަށް ނުޖެހެއެވެ. މާސްޓަރ ޕްލޭނެއް 100 އަހަރަށް ހެދިޔަސް ކޮށްނިމިފައި ހުންނަ ކަންކަން ވުޖޫދުން ފުހެނުލާ އެއާއެކުގައި ތަރައްގީގެ ޕްލޭނު ރާވަން ނޭނގެންޏާ ޕްލޭން ކުރުމުގެ ބޭނުމެއް ނެތެވެ. ތުރާކުނު ސައީދު އިސްވެހުރެ ދައުލަތުން ބޮޑެތި އިސްރާފުތައް ކުރަން އުޅޭނެކަމެއް ނެތެވެ.