މޯދީގެ ފައިތިލައިގައި ދޫލާން ނުޖެހިއްޖެއްޔާ ގައިނަސީބު
ސިފައިން ބޭލުމާއި ލޯންތައް ރިސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތަކުގެ އެޖެންޑާއަށް ފިޔާ އިތުރު ކުރުން
ވަރަށް ބޮޑު ތެދެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވިދާޅުވަނީ ހަމަ ރަނގަޅަށެވެ. ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތެވެ. ރާއްޖޭގެ ބޯޑަރު އޮތީ ތަން މިނަށް ހުޅުވިފައެވެ. އެތެރެ ކުރާނެ އެއްޗެއް އެތެރެ ކުރާނެ ވަރަކަށް ކުރަންވީއެވެ.
މީގެ ކުރިންވެސް އިންޑިއާއިން ފިޔާ ލިބުން ދަތިވެލާ އިރަށް ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވަނީ ރާއްޖެއަށް ފިޔާ އެތެރެ ކުރުމަށް ދައްޗެއް އޮވެގެނެއް ނޫނެވެ. ބާޒާރުގައި ފިޔާ އަގު ބޮޑުވަނީ އިންޑިއާއިން ފިޔާ ލިބުން ދަތިވެގެންނެވެ. އެކަމަކު މިނިސްޓަރު ވިދާޅުވަނީ ދަތިނުވާނެ ކަމަށެވެ. ރާއްޖެއަށް ފިޔާ، އަލުވި، ބިސް ފަދަ އަސާސީ ބާވަތްތައް އެތެރެކޮށް އުޅެނީ އިންޑިއާއިންނެވެ. އިންޑިއާއިން އެތަކެތި ގެންނަނީ ދުނިޔޭގެ އެހެން ތަންތާ އެތަކެތި ނެތިގެނެއް ނޫނެވެ.
އިންޑިއާ ނޫން އަވައްޓެރި އެހެން ގައުމަކުން ރާއްޖެއަށް ބޭނުންވާ ވަރަށް އެތަކެތި މެދުނުކެނޑި ލިބެން ނެތުމަކީ އިންޑިއާއިން އެފަދަ ތަކެތި އެތެރެކުރަން ޖެހޭ މައިގަނޑު އެއް ސަބަބެވެ. ބިހާއި ފިޔައާއި އަލުއްވަކީ އުމުރުކުރު ހަލާކުވުން އަވަސް ގުދަންކޮށްގެން ބަލަހައްޓަން އުނދަގޫ ބާވަތް ތަކެވެ. ދުރު ކަރަކަރައިން އެތަކެތި ހޯދާ ބަރުކޮށްގެން ގެނެސް ރާއްޖޭގެ ބާޒާރަށް ނެރެވިއްކުމަކީ ހަރަދު ބޮޑު ގެއްލުން ބޮޑު ކަމެކެވެ.
އާއްމުންނަށް އަތްފޯރާ އަގެއްގައި ފިޔައާއި އަލުއްވާއި ބިސް ވިއްކެނީ ދަތިކަމެއްނެތި އިންޑިއާއިން ލިބޭތީއެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލުމަކީ ރާއްޖޭގެ ރައްޔިތުންނަށް އުފުލަން ޖެހުނު ބޮޑުތަކުލީފެކެވެ. އިގްތިސާދީ މިނިސްޓަރު ކިތަންމެ އޮމާންކޮށް ވިދާޅުވިޔަސް އިންޑިއާއިން ފިޔާ ނުލިބުމުގެ އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަން ޖެހޭ އެއްބަޔަކަށް ދިވެހިން ނުވެ ނުދާނެއެވެ.
އެކުވެރި ގައުމުތަކުން ރާއްޖެއަށް ކިތަންމެ ބޮޑު އިސްކަމެއް ދިނަސް ރާއްޖޭގެ ބާޒާރުން ފިޔާ ލިބުން ފަސޭހައެއް ނުވާނެއެވެ. ލިބެން ހުއްޓަސް އަތްފޯރާފަށުގައި އަގުތަކެއް ނުހުންނާނެއެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރިޔަސް ރާއްޖެއަށް އެކަމުން ދަތިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެ ކުރައްވާ "އެކްސް" އަކުން ފިޔާ ލިބުމަށް އޮތް ހުރަހެއް ނައްތައެއް ނުލެވޭނެއެވެ. އަތްފޯރާ އަގުގައި ދަތިނުވެ ރާއްޖޭގެ ބާޒާރުން ފިޔާ ލިބެން ހުންނާނެ ގޮތެއް މިނިސްޓަރ ވިދާޅުވެ ދެއްވާ އެގޮތަކަށް އެކަމެއް ހަމަޖައްސާ ދެއްވަން ޖެހެއެވެ.
އިންޑިއާ އައުޓު ކުރަން ނިކުމެ އިންޑިއާ އާއި ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ފުރަތަމަވެސް މިޖެހުނީ ފިޔާ އާވީގައެވެ. ރަނގަޅު ބަދަހި ގުޅުމެއް އޮތްނަމަ ކިތަންމެ ވަރުގަދަ އެކްސްޕޯޓް ސިޔާސަތެއް އިންޑިއާއިން ތަންފީޒު ކުރިޔަސް ރާއްޖެއަށް ހާއްސަ އިސްތިސްނާއެއް ދޭނެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެ ގޮތް ހަދާދޭނެއެވެ.
އިންޑިއާ އާއި ދެކޮޅަށް ފުއްޕާ ރަތްރޮނގު ދަމަން އުޅުނު މީހުނަށް ފިޔާކިލޯއަކަށްޓަކާ މޯދީގެ ފައިތިލައިގައި ދޫލާން ނުޖެހިއްޖެއްޔާ ގައިނަސީބެވެ. ސިފައިން ބޭލުމާއި ލޯންތައް ރިސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތަކުގެ އެޖެންޑާއަށް ފިޔާ އިތުރު ކުރަން މިއޮތީ ޖެހިފައެވެ. ދަތިކަމެއްވާ ނެތެވެ.