އާރޓީއެލް ސަބްސިޑީއަކީ ޔާމީނަށް ބޮޑު ގެއްލުމެއް
ބުރިޖު ނިމިގެން ދުވަސްކޮޅަކު ވެރިކަމުގައި ތިބިނަމަ ހަންދަމާލީސް!
އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ރައްޔިތުންނަށް ދޭ ގެއްލުމެއް ގޮތުގައި ސިފަވާ ބަޔަކީ ރައްޔިތުނަށް ލުއިފަސޭހައެއް ވުމަށް ނޭދޭ ބައެކެވެ. އޭރުޓީއެލަށް ސަރުކާރުން ސަބްސިޑީ ދިނުމަކީ ދައުލަތަށް ދޭ ގެއްލުމެއް ކަމަށް ދެކޭ ބަޔަކު ރައްޔިތުންގެ ވެރިންނަށް ލާން ހެޔޮ ނުވާނެއެވެ.
ރައްޔިތުންނަށް ރަނގަޅެއް ލުޔެއް ވާން ޔާމީނުގެ ބައިގަނޑު ނޭދޭވަރު އެބަ އެނގޭ ނޫންހެއްޔެވެ. އިރު ކޮޅަކުން އާސަންދައަކީ ވެސް ގެއްލުމެކޭ މިބައިގަޑު ބުނެފާނެއެވެ. ކަނޑު މަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމާއި ގެއްލޭ މީހަކު ހޯދަން ކުރާ ހޭދައަކީ ވެސް ގެއްލުމެކޭ ގޮވަން ފަށާ ފާނެއެވެ. ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފުން އެއަރކްރާފްޓެއްގައި ޑޮކްޓަރުންނާ ހަމަޔަށް ގެނައުމަކީ ގެއްލުމެއް ކަމަށް ބުނެ ފާނެއެވެ.
ނަމާދަށް އަރާ މީހުން އަތުން ފައިސާ ނުނަގާތީ މިސްކިތް އެޅުމަކީ ބޮޑު ގެއްލުމެއް ކަމަށް ބުނަން ވެސް މި ބައިގަނޑު ފަހަށް ނުޖެހޭނެއެވެ. އަޅާ ފިޔަވަޅަށް ލާރި ނުލިބެންޏާ މަގު ހެދުން ވެސް ވާނީ ގެއްލުމަކަށް ކަމަށް ބުނެފާނެއެވެ. ރަށްރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްގެން ފައިސާ ނުލިބެންޏާ އެވެސް ވާނީ ގެއްލުމަކަށް ކަމަށް ހަދާނެ ތާއެވެ.
ބަނދަރުތައް ހަދާ ބިން ހިއްކުމަކީ ޕީޕީއެމް ފިކުރަށް ވާނީ ގެއްލުންމަކަށް ތާއެވެ. ސްކޫލުތައް އަޅާ މުއައްޒަފުންނަށް މުސާރަދީ އެ ތަންތަން ހިންގަން ހަރަދު ކުރުމަކީ ބޮޑު ގެއްލުމެކޭ މާދަމާ ގޮވާނެއެވެ. ލޯނު ނަގައިގެން ބުރިޖުއަޅާ އެތަން ބެލެހެއްޓުމަށް ހަރަދު ކުރުމަކީ ވެސް ހާދަ ބޮޑު ގެއްލުމަކަށް ވާނެތާއެވެ. ބުރިޖު ނިމިގެން ގިނަ ދުވަހު ވެރިކަމުގައި ނުތިބެވުނުކަން ރަނގަޅެވެ. ތިބިނަމަ ހަން ދަމާލީސް ކަން ކަށަވަރެވެ.
ބުނަން ހެއްޔެވެ. ސަރުކާރުން ރައްޔިތުންނަށް ގާއިމު ކޮށްދޭ ލުއިފަސޭހަ ދަތުރު ފަތުރުގެ ނިޒާމަކީ ނަފާ ހޯދަން ކުރާ ވިޔަފާރިއެއް ނޫނެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި 300.6 މިލިއަން ރުފިޔާ ހިމަނާފައި އޮތުމުން ވާނުވާ ނޭގި އަމިއްލައަށް ބަރަހަނާ ވެވޭއިރުވެސް ނޭގެއެވެ. ކަރަންޓްގެ ހިދުމަތަށް ސަރުކާރުން ސަބްސިޑީ ނުދޭނަމަ ރައްޔިތުން ކަނު އަދިރީގައި ތިބޭނެތާ ކޮން ދުވަހެއް ހެއްޔެވެ. ފެނަށް ސަބްސިޑީ ނުދޭނަމަ ގައިން ބޮލުން ތާހިރު ވެވުނީސް ހެއްޔެވެ. ސިޔާސީ ގޮތުން ފިތުނަ އުފައްދަން ވެސް ހަމަޖެހޭ އެއްޗެއް ކިޔާށެވެ. އަމިއްލައަށް ތިޔައެޅެނީ ބޮލާފޮށައެވެ.
އާނއެކެވެ. އާރުޓީއެލްގެ ހިދުމަތަށް ނަގާ ރަމްޒީ އަގުން ލިބޭ އެއްޗަކުން ހިނގާ ހަރަދުގެ ދިހައެއް އިންސައްތަ ވެސް ނުލިބޭނެއެވެ. ލިބޭކަށް ނުވެސް ޖެހެއެވެ. އެހެނަސް އެމްޓީސީއަކީ ސަރުކާރާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންގެ ހިއްސާ އޮންނަ ވިޔާފާރި ކުންފުންޏެކެވެ. އެ ކުންފުނިން ކުރާކަމެއް ކުރާނީ ކުންފުންޏަށް ގެއްލުން ނުވާ ނަފާ ލިބެނިވި ގޮތަކަށެވެ.
އެހެން ކަމުން ރައްޔިތުންނަށް ތަކުލީފު ނުޖައްސާ އަގު ހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ހިދުމަތެއް ދެމެހެއްޓޭނީ ސަރުކާރުން ސަބްސިޑީ ދީގެންކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ. ދަތުރފަތުރު ހިންގުމަށް ދޭ ސަބްސިޑީއަކީ ދައުލަތަށް ވާގެއްލުމެއް ކަމަށް ބުނެ އާރުޓީއެލް ހިދުމަތް ހުއްޓުވަން އުޅޭނެ ކަމެއް ނެތެވެ. އެކަމެއް ނުވާނެއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރފަތުރގެ ހިދުމަތް މިސަރުކާރުން ދިނުން ޔާމީނަށް ވާނީ ވަރަށް ބޮޑު ގެއްލުމަކަށެވެ.