ބަނގުރޫޓް ދައުލަތަކާ ހަވާލުވަނީ ކީއްކުރަން!
އިބޫއަށް އިތުރު 5 ދީގެން ހަމަޔަކަށް އަޅުވާލީމާ ވެރިކަން ހޯދިއްޔާ މާ ސަޅިވާނެ
ރާއްޖޭގެ އިގުތިސާދުގައި މައްސަލައެއް ނެތޭ ބުނީ ކާކު ހެއްޔެވެ. ހުރި މައްސަލަތަކާ އެކު ރޭވުންތެރި ކަމާއެކު ކުރަން ބޭނުން ކަންކަން ކޮއްގެން މެނޭޖު ކުރެވޭނީ ލައްކަ މޮޅުވީމައެވެ. ސްރީލަންކާއަށް ކުރިމަތިވި ފަދަ ތަދުމަޑު ކަމެއް ކުރިމަތިވުމުގެ ފުރުސަތު އެދުވަސްވަރު އެންމެ ބޮޑު އެއްގައުމަކީ ރާއްޖެކަމަށް ދުނިޔޭގެ ބައެއް މާލީ އިދާރާތަކުން ބުންޏެވެ. ކޮވިޑްގެ ވަބާއަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު އޮތީ ރާއްޖޭގައި ކަމަށް ބުނީވެސް ހަމަ އެ އިދާރާ ތަކުންނެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާ ތަކުން ދިރާސާކޮށް އަބަދުވެސް ރެކަމަންޑޭޝަންތައް ދެއެވެ. އެހުރީ ރަނގަޅު ކަންކަމެވެ. އެ ރެކަމަންޑޭޝަން ތަކުން ހެޔޮފައިދާ ކުރެއެވެ. ދުރާލާ ތައްޔާރުވެ ކްރައިސަސް މެނޭޖުކުރަން ފަސޭހަވެއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކަކީ ސިޔާސީ ގޮތުން ސަރުކާރުތައް ބަލިކޮށް ގައުމުތައް ބަނގުރޫޓް ކުރަން ނެރޭ އެއްޗެއް ނޫނެވެ.
ސިޔާސީ ވާދަވެރިން ސަރުކާރާ ދެކޮޅަށް ދަރަންޏޭ ދެކޮޅެއް ނުޖެހޭ ނުކިޔަނީ ކޮން އިރަކު ހެއްޔެވެ. އެއްކޮޅުން އެވެނިކަމެއް ނުވެޔޭ މިވެނި ކަމެއް ނުވެޔޭ ކިޔާ އަނގަދިޔާ ކުރަމުން ދަރަންޏޭ ހަރަދު ބޮޑޭ ގޮވާ ނަގާނެއެވެ. ސިޔާސީ ބޭނުމަށް އަނގަފުރާ ދައްކާ ވާހަކަތަކުން ހީވަނީ ރާއްޖޭގައި އޮތްހާ ނުބައިކަމަކާ ދަރަންޏަކާ ހަރަދަކާ ފިތުނަޔަކާ ފަސާދައަކީ މި ސަރުކާރު އައިފަހުން އަލަން އުފަން ކުރުވި ކަންކަން ހެންނެވެ.
ޒަމާނުއްސުރެ ވާރުތަ ވަމުން އައި ދަރަނީގެ ދަންތުރައަކީ މި ސަރުކާރަށް ވެސް އޮތް ބޮޑު ބުރައެކެވެ. އެކަމުގެ ސަބަބުން ކުރަންޖެހޭ ގިނަ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް އާމްދަނީއެއް ނުލިބެއެވެ. ދަރަނި އަދާކުރަން ވެސް ދަރަނި ނަގަން ޖެހެއެވެ. އެހެނެކޭ ކިޔާ ކާނާޔާ ބޭހާ ތެލާ އަތްފޯރާ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ނުދީ ހަދާނެ ގޮތެއް ބުނެބަލާށެވެ. ބޭސް ފަރުވާއާއި އާސަންދައަށް ހަރަދު ނުކޮށް ވާނެ ގޮތެއް ކިޔާބަލާށެވެ.
ސަރުކާރު ކުންފުނި ތަކަށް ދައުލަތުން ފައިސާ ހަރަދު ކުރާތީ އެކަމާ މޭނުބައި ކޮށްގެން ވާހަކަ އެބަ ދައްކައެވެ. ހެއްދެވީއްސުރެ އަސާސީ ހައްގު ތަކުން މަހުރޫމް ކޮށްލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެހެން އެކަން އެކުރަނީ ހަރަދު ކުޑަ ކުރުމަށާއި ދަރަނި މެނޭޖް ކުރުމަށާއި އާއްމު ކުންފުނިތަކާއި ޖަމާއަތް ތަކުން އުފުލަން ޖެހޭ ތަކުލީފް ކުޑަކުރުމަށެވެ.
ނިކަން ވިސްނާލަ ބަލާށެވެ. ހެއްދެވީއްސުރެ ރާއްޖޭގައި ރަށްރަށް ހުއްޓެވެ. މީހުން ދިރިއުޅެންފެށި ވަކި ޒަމާނެއް ނޭނގުނަސް އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އެކި ނަންނަމުގައި އެކިފާޑުގެ ވެރިކަން ވެސް ކޮށްފިއެވެ. އެކަމަކު މަދު ރަށެއްގައި ނޫނީ ސާފު ތާހިރު ފެނެއް ނެތެވެ. ލަފާ ފުރޭނެ އެކަށީގެންވާ ބަނދަރެއް ނެތެވެ. ގިނަ ރަށްރަށުގައި ކަރަންޓް ދެނީ ނަމަކަށެވެ. އެރަށް ރަށުގައިވެސް އުޅެނީ ދިވެހިންނެވެ. ގާނޫނު އަސާސީން ހައްގު ކަށަވަރު ކޮށްދޭ ރައްޔިތުންނެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގު ކަށަވަރުކޮށް ދޭން ނޫޅެ ސަރުކާރަކުން ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ.
އެވެނެތާކު މިވެނެ ކަމެއް ނެތިގެން މިވެނި ތާކު އެވެނި ކަމެއް ނެތިގެން އިދިކީލިންގެ ދެފައި ކައިރި ނުވެއެވެ. ކަމެއް ފަށައިފިތަ އެނިމުނީއެވެ. އެކަމެއް ނުނިމިގެން ނިމުންލަސް ވެގެން ދަމާ ހާސަރު އެހާ ގިނައެވެ. ބަސްބުނާ ހިނދުން ޓިސްލާފައި ކަންކަން ވާންވެސް ޖެހެއެވެ. ކަންކަން ކުރާއިރު އެކަންކަން ކުރާނެ މީހުން ބޭނުންވެއެވެ. އެކަމަށްޓަކާ ރަށަކުން މީހަކަށް ވަޒީފާއެއް ދިނަސް ހީވާނީ ރޮލާކައިފާނެ ހެންނެވެ. އެހެނަސް މީހުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާ އުފައްދާފައި ނެތިގެންވެސް ވާދަވެރިން ހީވަނީ ރަލެއް ބޮވިގެން އުޅޭހެނެވެ.
އަޖައިބަކީ ދަރާވިކި ބަގުރޫޓް ވެފައިވާ ދައުލަތަކާ ހަވާލު ނުވެވިގެން ބައިހަދާފައި އުޅޭ އުޅުމެވެ. އެކަކު ޕާޓީ ޓިކެޓް ހިފައިގެން ޖަލުގައި ތެޅެފޮޅެނީއެވެ. އަނެކަކު އަމިއްލަ ޕާޓީގެ ޓިކެޓް ނުލިބުމުން ބޮލާފޮށާ އެޅެނީއެވެ. އެޅިހާ ބޯކިބަލުން ލިބުނު ބައި ކުޑަވެ ބޯކިބާ އެކީ ކާލަން ދަތްދިލެނީއެވެ. އެކަނިމާ އެކަނި މަރުފަލި ޖަހާ ބަޔަކުވެސް އެބައުޅެއެވެ.
އައު ބަޔަކު އައުމުން ހުރި ދަރަނި ނެތްކަމަށް ވާނެ ހެއްޔެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދާ ނުދީ ކުރަން ހުރި ކަންކަން ނުކޮށް ވާން އޮތީހެއްޔެވެ. ވޯލްޑް ބޭންކުން އެބުނާ ހާލަތާއި ވާދަވެރިންގެ ކަން ބޮޑުވުންތަކާ ކުއްލި ބަދަލަކުން ގައިމުވެސް ހައްލެއް ނުވާނެއެވެ. އިބޫއަށް އިތުރު ފަސް އަހަރު ދީގެން ހަމަޔަކަށް އަޅުވާލީމާ ވާދަވެރިން ދެން ވެރިކަން ހޯދިއްޔާ މާ ރަނގަޅުވާނެއެވެ.