އިންތިއަށް: އިސާހިތު ވިރިހުސްވެ ހުޅުކޮޅު ނިވިދާނެ!
އިމްތިޔާޒް ފަހުމީމެން ރާއްޖެ ބަޑަށް ޖައްސައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ.
ދެރަވެއެވެ. އަސަރުކުރެއެވެ. ޅަނބާޅަ ޅަދޮޅު ކަމުގައި ދަގުޔަށް ވީތީއެވެ. ޓީވީއެމްއަށް އަރަ އިނދެ ރީތިހާ އިނގިރޭސިލަވަ ހުށަހަޅައިދިން އިރު ލައްކައެކޭ ހީވިއެވެ. ނަންހުރި ފަނޑިޔާރު މަނިއްޕުޅަކަށް ނިސްބަތްވާ ވަންހައަކަށް އުފަން ވިޔަތީ ހަމަލަމަ ހުންނާނޭ ކަމަށް ހީކުރެވުނެވެ. އަތްބަލާ ފާލުބަލާ ޖާދޫގަރަކަށް އުފަން ވިޔަތީ ފާލުބަލާ ރަމަލު ނުޖެއްސަސް ކަންހިނގާ މަގު ފަހުމު ވާނެޔޭ ހީކުރެވުނެވެ.
ލިބިހުރި ކަމަށް ބެލެވޭ އިލްމާ ހެދި ބޮޑުވި ވަންހަޔަށް ކުޅަ އިތުބާރަކުން ހިސާބު ގަނޑު މީހުންގެ ވަކީލަކަށް އިންތިހާބު ކުރަމުން އައީ ބޮލުރޮދި ކެނޑިފައިވާ ރާރާ ގުޑިއަކަށް ވާނެ ކަމަށް ހިތައެއް ނޫނެވެ. ބަޔަކު އިތުބާރުކޮށް ގޮނޑިއެއްގައި ވެޑުވުމުން ތިމާއާއި އެއްގޮތަށް ދުނިޔެ އެބުރެން ފަށާނެ ކަމަށް ހީކުރާ ވަރު ބޮޑު މޮޔައަކަށް ވާނެކަމަށް މީހުން ހިޔެއް ނުކުރެއެވެ.
އަރާއިން އޮފި އަމިއްލަ އަތުން ކަނޑާލައިގެން ބިންމައްޗަށް ގުޅައަކަށް ޖެހޭވަރުގެ އަގުޅިނެތް ކަންނޭލަކަށް ވާނޭ ހީކުރަނީ ކާކު ހެއްޔެވެ. ޝަރީއަތާ ގާނޫނަކީ ތިމާ އެކަނި ދަންނަ އެއްޗެއް ކަމަށްވެ އެންމެން އެޅިހާ ބަތަކަށް ރިހަވެފައި ތިބީ ރުވާފަތުން ރިޔާ ނަގައިގެން ސީދީން ކަނޑު ހިނގި ޒަމާނު ގައެވެ. އަތް ބަލައިގެން ނަސީބު ބުނެދިން އިރު ބަފާ މީހާވެސް ބެދޭމަޅި ކިޔާދީފައި ނެތީތާއެވެ. ކިރިޔާވެސް ހިލަމެއް ކުރިން ވީނަމަ ބަލި ބުޅާގަނޑަކަށް ވާކަށް ކަންކަމަކާ ނޫޅުނީހެވެ.
އިންތިހާބުގެ ކުރީ ތިން އަކުރުން ކުރުނަން އެޅޭތީ ކުރިމަތިލާ ކޮންމެ އިންތިހާބެއް ކާމިޔާބު ނުވާނެކަން ގަބޫލު ނުކުރެވެނީ ތާއެވެ. އިންތިޒާމުވި އިންތިހާބެއް އިންތިޒާރުން ކައްސާލުމަކީ އިންތިހާނަކަށް ނުވިތާއެވެ. ލިބި އޮތް އިމްތިޔާޒް ފަހުމް ވީނަމަ އިންތިހާ ދަރަޖައަށް ހަޑިއެއް ނުވާނެއެވެ.
ހަސަދަ އާއި ފިތުނަ ފަސާދައިގެ ހުޅުން އަދާ ހުލިވުމަކީ އެހެން ބައެއްގެ ކުށެއް ނޫނެވެ. ދެ ދުވަހު ދެ ގޮތަށް ވާހަކަ ދައްކަމުން ކޮޅުމޮޅު ކުރަން ނެތި މޮށުމުން ދޮޅި އެޅެނީ ތިމާއެވެ. އިމްތިޔާޒު ފަހުމީއަށް ލިބިގެން އުޅެނީ އެލަނޑެވެ. ވާނީ އެހެންތާއެވެ. އިންތިގެ ދުނިޔެ އިންތިއަށް ފެންނަނީ އަންނިގެ ލޮލުންނެވެ. އަންނިގެ ލޮލުން ބަލައިގެން އިންތި ވާހަކަ ދެއްކީމާ ހަޑިވެ ހަރާބު ވަނީ އިންތިއެވެ.
ސެޕްޓެމްބަރ ގެ ފަހުން އެހެން ބަޔަކު ބޯހިއްލާ ލެވޭ ނުލެވޭ ވާހަކަ އިންތި ނުދައްކާށެވެ. ޗެއަރޕާސަން އިންތިހާބުގެ ފަހުން އިންތިއެކޭ ކުރިން ބުނިހެން ބޮލުރޮދި ކެނޑިފައި އޮތް ރާރާ ގުޑިއެކޭ އެއްވެސް ތަފާތެއް ނެތެވެ. މީހުންގެ އިހުތިރާމާ ކުލުނު ކެނޑި ހުރިގޮތަށް ހުރެ ތިޔަ ހުރީ އަނދަ އަނދާ ހުރި އުއްބައްތި އަކަށް ބަދަލުވެފައެވެ. އިސާހިތު އެކީއެކަށް ވިރިހުސްވެ ހުލިވެ ހުޅުކޮޅު ނިވޭނީއެވެ.
އިންތިމެން ބުނާ ގޮތުން މީގެ ހަމަސް ކުރިން ވެސް ރާއްޖޭގައި ހުރީ އެންމެ ދުވަހެއްގެ ކާޑެވެ. ކޮއްތެއް ދަރެއް ބޯފެނެއް ނެތެވެ. ލިބޭނެ ގޮތެއްވެސް ނެތެވެ. ދައުލަތުގައި ކާޑައި ތެލާއި ގަންނާނެ ފައިސާއެއް މުސާރަ ދޭނެ ފައިސާއެއް ނެތެވެ. ލިބެން އޮތް ގޮތެއް ނެތްތާ ދޭނެ މީހަކުވެސް ނެތެވެ. އެކަމަކު އޭގެ ފަހުން ވެސް ރާއްޖޭގައި މީހުން އުޅެނީ ބަނޑުފުރާ ކައިގެންނެވެ. މުސާރަ ލިބިގެންނެވެ. ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ކެފޭތަކާ ރެސްޓޯރެންޓްތަކާ އަބަދުހެން ފުރި ބާރުވެފައެވެ. ތެޔޮ ލިބެން ނެތިގެން އެންމެ އުޅަނދެއް ވެސް ދުއްވުމެއް ހުއްޓައެއް ނުލައެވެ. އެހެނަސް އިމްތިޔާޒް ފަހުމީމެން ރާއްޖެ ބަޑަށް ޖައްސައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ.
ޓްވީޓަރ އަތްގަޑު އޮތީތީ ރާގުރާގަށް ފިތުނަވެރި ވާހަކަ އިންތިމެން ދައްކަ ދައްކާ ތިޔަ ތިބެނީ މަދުއުޅި ނެތް ވަކަވަލެއް ފަދަ މިސާލެވެ. ވަގަށް ގޮވުމާ ދޮގު އިލްޒާމް މީހުންގެ ބޮލުގައި އަޅުވާއިރު ކުށެއް ސާބިތު ނުވާ ކޮންމެ މީހަކީ މައުސޫމެއް ކަމަށް ބުނާ ދުނިޔަވީ ގާނޫނުގެ އިބްތިދާއީ ހަމަ ގަބޫލު ނުކުރާ ގާނޫނީ ވަކީލަކު ރައްޔިތުންގެ ވަކީލަކަށް ކުފޫ ހަމަ ނުވާނެކަން ވެސް ބުނެދޭންވީ އަންނި ދޯއެވެ.