ޝިޔާމް ދައްކާހާ ވާހަކަ ވެގެންދަނީ ޖަމަލު ފޮޑިއަށް!

ކަމެއް ކުރެވެންދެން ބައިސާ ނުކަނޑާ ނުހުރެވޭ!

ޝިޔާމް ދައްކާހާ ވާހަކަ ވެގެންދަނީ ޖަމަލު ފޮޑިއަށް!

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. ހުއްޓާނުލާ ތެޔޮގުޅާ ސާދާކުރަން ނުހަދަބަލާށެވެ. ރަނގަޅު ނަތީޖާއެއް ނެރެދެވޭނެ ކަމެއް ކޮށްފައި އެވަހަކަ ދައްކަބަލާށެވެ. ވެރިކަމާ ހަވާލުވެ އަހަރެއްވާން ދަނީއެވެ. ހައްދަވައިގެން ކުރެވުނުކަމެއް ނެތެވެ. މިވެނިކަމެއް ކުރެވުނީމާ އެވެނިކަމެއް ވާނެއޭ ކިޔުން ނޫންކަމެއް އަދި އެބަކުރެވޭހެއްޔެވެ. 

ފައިދާހުރި ކަމެއްކޮށް ރަނގަޅު ނަތީޖާއެއް ނެރެދެވޭނެ އެންމެ ކަމެއްވެސް އަދި ކުރެވިފައެއް ނެތެވެ. އަބަދާ އަބަދު އަތްގުޅި ނުކާވަރު ބޮޑެތި ކަރާފެޅިއަކަސް ކަމަކުނުދާނެއެވެ. އެކްސްގައި ޒާތަޒާތުގެ ޕޯސްޓުކޮށްގެން ކަމެއް ވާނަމަ މަސްވެރިކަމުގެ ސިނާއަތުގައި ނުކުރެވި އޮތް އެއްކަމެއް މިހާރަކު ނުއޮންނާނެއެވެ. މަސްވެރިކަމާ ގުޅުވައިގެން ކިތައް ވާހަކަ ކިތައް ގޮތަށް ދައްކައިފިން ހެއްޔެވެ. ދެއްކި ވާހަކައަކުން މަސްވެރިކަމަށް ލިބުނު ކުރިއެރުމެއް މަސްވެރިންނަށް ވީމޮޅެއް ހަރަމުން ހަރާމެވެ. 

މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ނުދެވި ކޮންމެ ފަހަރަކު މަސްވެރިން ފައިސާ ހޯދަން ޖެހެނީ މުޒާހަރާ ކޮށްގެންނެވެ. މިފްކޯ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްގެން މަސްވެރިންނަށާއި ސަރުކާރަށް ވީމޮޅެއް އެބަ އޮތްހެއްޔެވެ. މަތިހަށި ނަގާފައި ލޭނު އަޅަން ހުއްދަދޭން ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ. މިހެން ކިޔާފައި ނުކިޔާނެ އެއްކަމެއްވެސް ނެތެވެ. ބައިސާ ކެނޑުންނޫން ކަމެއް ނުކުރެވެއެވެ. 

ސައޫދީއަށް މަސްބޭރުކުރަން އުޅޭ އުޅުން އަނެއްކާ ކިހާވަރަކުން ދާނެ ބާވައެވެ. ބަޔަކު ޝައުގުވެރިކަމެއް ފާޅުކޮށްލުމަކީ އަދި އެކަން ވުމެއްނޫނެވެ. އެންމެ ރަނގަޅެވެ. ތިޔަބުނާ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްބަލާށެވެ. ސޮއިކޮށްގެން ތިޔަބުނާ ގޮތަކަށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރި އަރުވާލާ ސައުދީއަށް މަސް އެކްސްޕޯޓް ކުރުމަށް ދޮރުތައް ހުޅުވައިގެން މަސް އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ތިޔަބުނާ ނަފާވެރިކަން ހޯދަދީ ބަލާށެވެ. 

ވެރިކަމަށް އާދެވުމުން ބައި ހަދާފައި ޗައިނާއަށް ގޮސް ޗައިނާއިން ހޯދައިގެން އަނގައިން މަސްވެރިކަމަށް ގެނައި ކުރިއެރުން ތަކާހުރެ މަސްވެރިންނާއި ސަރުކާރު އެތިބީ ކުރުދޮށީގައެވެ. އޭރުވެސް މެރިން ސެކްޓާއަށް ތަފާތު އިންވެސްޓްމަންޓްތައް ގެންނަ ވާހަކަ ނިކަން ބާރަށް ދެއްކިއެވެ. ސީފުޑް މާކެޓްވެސް ޗައިނާއަށް ފުޅާކޮށްލި ކޮށްލީނުން ހީވީ ޓޫރިޒަމްވެސް އެއްޗަކަށް ނުވާނެކަމަށެވެ. އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ. ޝިޔާމް ދައްކާހާ ވާހަކަ ވެގެންދަނީ ޖަމަލު ފޮޑިއަށެވެ.