މުއިއްޒުގެ ވެރިކަމުގައި އިޒްރޭލް ޕާސްޕޯޓް މަނައެއް ނުކުރެވޭނެ!

މުއިއްޒުގެ ވެރިކަމުގައި އިޒްރޭލް ޕާސްޕޯޓް މަނައެއް ނުކުރެވޭނެ!

ފަލަސްތީނު ރައްޔިތުންނޭ ކިޔައިގެން ދިވެހީންގެ ވެރިން އަނގަ ހުޅުވަން ލަދުނުގަންނަކަމެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އުޅެގަތް ގޮތުން ހީވީ ފަލަސްތީނަށް ވުރެ ފަލަސްތީނުހެންނެވެ. ފަލަސްތީނުގެ މުޖާހިދުން ވެސް މުއިއްޒަށް ވުރެ ފަލަސްތީނު ވަންތަކަން ކުޑައޭ ހީވިއެވެ. 

ފަލަސްތީނުގެ ހައްގުގައި މުއިއްޒު ދައްކާލި ވާހަކައިން ގަތްބިރުން ނަތަންޔާހޫ ވެސް އައިސީޔޫގައި އެނދުމަތި ކުރަން ޖެހުނެވެ. އެމެރިކާވެސް ބިރުން ރޫރޫ އަޅާ ގޮތްހުސްވެގެން ޓްރަމްޕަށް ވެރިކަން ދިނެވެ. ފަލަސްތީނަށްޓަކާ މުއިއްޒު ނުއުފުލާ އަޑެއް ނުދައްކާ ވާހަކައެއް ނުކުރާނެ ކަމެއް ނެތްކަމަށް ހެދިގެން އުޅެގަތެވެ. 

ދުނިޔޭގެ އާރާބާރު ހުރި ގައުމުތަކަށް ގޮންޖަހާ މިވަރެއް ނެތިގެން ނެތްވަރު ދައްކަން އުޅެން ހަދައިގެން ފަލަސްތީނު މައްސަލައިގައިވެސް މުއިއްޒަށް ޖެހުނީ އިންޑިއާ އައުޓް ދަތުރެވެ. އާރާ ބާރުގެ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުން ކުރިއަރާފައިވާ އިސްލާމީ ގައުމުތަކުން ހަނު އެތިބެނީ ދައްކާނެ ވާހަކައެއް ކުރާނެ ކަމެއް ނެތިފައެއްނޫނެވެ. އުނބަށް ޖަހަން ޖެހޭނެތީއެވެ. ގަދަ ބަސްބުނެގެން ހަށިފޮޅާލައިގެން އެ ގައުމުތަކަށާއި ފަލަސްތީނަށް ވެސް އެކަމުން ނުރައްކާ ވާނެ ވަރު ވިސްނޭތީއެވެ. 

ބައިނަލް އަގުވާމީ ޕޯޑިއަމަކަށް ހުއްޓެވޭއިރަށް މޭފުއްޕީމާ ވާގޮތް މުއިއްޒަށް ނޭގުނަސް ދުނިޔޭގެ އެހެން ވެރިންދަނެއެވެ. މަތިހަށިނަގާފައި ދައްކާ ވާހަކައަކުން ނުވަތަ ކުރާކަމަކުން އަމިއްލަ ގައުމާއި ރައްޔިތުން އުފުލަން ޖެހިދާނެ ތަކުލީފާއި ކުރިމަތިވެދާނެ ނުރައްކާތެރިކަމަކާ މެދު ގައުމާ ރައްޔިތުންދެކެ ލޯބިވާވެރިން ކަންބޮޑުވެއެވެ. މުއިއްޒަށް އެވަރުވެސް ނޭނގެއެވެ. ވާނީ އެހެންތާއެވެ. ވެރިކަމަކީ މުއިއްޒާާ ކުފޫހަމަ ކަމެއް ނޫން ވިއްޔާއެވެ. 

މުއިއްޒު ވެރިކަމުގައި ކުރާ ގިނަ ކަންކަމާއި ދައްކާ ގިނަ ވާހަކަ ތަކާއެއްގޮތަށް ފަލަސްތީނު މައްސަލަ ވެސް މުއިއްޒަށް ވަނީ ދޮގާ މަކަރުން ޖަރީކުރަން ޖެހިފައެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން އެއީ އޭގެ އެއް މިސާލެވެ. މާ ބޮޑު ފަލަސްތީނީ މުޖާހިދަކަށް ހެދިގެން ދިވެހި ރައްޔިތުންނަށް ތިއްތި ދައްކަން އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރަން ތެޅިގަތެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރަން ވަޒީރުންގެ މަޖިލީހުން ފާސްކޮށް ދުނިޔޭގައި އެއް އަޑަކަށް އެވާހަކަ ފަތުރާލީއެވެ. 

ހަރާމުން ހަރާމެވެ. މަޖިލިސް ތެރޭގައި މައްސަލަ ޕާކްކޮށްފައި ބާއްވާއިގެން އިޒްރޭލު މީހުންނަށާއި އިޒްރޭލްގެ ވިޔަފާރިތަކަށް ރާއްޖޭން އެދަނީ މަރުހަބާ ކިޔަމުންނެވެ. އިޒްރޭލާއި އެމެރިކާއާއި އިންޑިއާދެކެ ގަންނަ ބިރުން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަކީ މުއިއްޒުގެ ވެރިކަމެއްގައި ވާނެ ކަމެއް ނޫނެވެ. 

ފަލަސްތީނައިގެން އުޅޭކަން ދިވެހީންނަށް ދައްކަން ފޮނު އެރުވިޔަް އދ އާއި ދުނިޔޭގެ ބާރުހުރި ގައުމުތަކަށް މުއިއްޒު އެއްޗެއް ބުނެގެން ޑަރު ހީވާ ގައުމެއް މީހެއް ދުނިޔެއަކުނެތެވެ. ރާއްޖޭގައި އުޅޭ މުއިއްޒުގެ އައުވާނުންކޮޅަށް ލައްކައެކޭ ހީވިޔަސް ބައިނަލްއަގުވާމީ މުޖުތަމައުގައި މުއިއްޒަކީ ކުނަމެއްސެކެވެ.