ކާމިޔާބު 91 ޕްރޮޖެކްޓް ނިމި ފެނަކަ ނަފާވެރިކަމާ ދިމާލަށް

ކާމިޔާބު 91 ޕްރޮޖެކްޓް ނިންމާލިއިރު ރަށްރަށުގެ ރައްޔިތުން އެތިބީ އުފަލުން ފޮޅިފަ

ކާމިޔާބު 91 ޕްރޮޖެކްޓް ނިމި ފެނަކަ ނަފާވެރިކަމާ ދިމާލަށް

ފެނަކަ ކޯޕަރޭޝަނުގެ ތަސައްވަރު ކިލަނބުކޮށްލަން ދަރަނީގެ ވާހަކަ ދައްކާއިރު ފެނަކައިން ރައްޔިތުންނަށް ލިބޭ ލުއިފަސޭހައާއި ކުރިއެރުމުގެ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނުގެ ސަރުކާރުން ފެނަކައަށް ވާރުތަކުރުވި ބޮޑު ދަރަނީގެ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ފެނަކަ އެތައް މިލިއަނަކުން ދަރުވާލިއިރު ރައްޔިތުންނަށް ދިން ހިދުމަތުގެ ފެންވަރުދަށް ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. 

މިސަރުކާރު އައުމުގެ ކުރީން ރައްޔިތުން ތިބި ދަތިހާލާއި އުފުލި ބުރައާއި ލިބުނު ބޮޑެތި ގެއްލުން ތަކުގެ ވާހަކަ ނުދައްކާ ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާކަށް ރީއްޗެއް ނޫނެވެ. މި ސަރުކާރަށް ވީފަހުން 91 ޕްރޮޖެކްޓް ފެނަކައިން ފުރިހަމަ ކޮށް މިހާތަނަށް އެ އޮތީ ނިންމާފައެވެ. ރަށްރަށުގައި ހުރި ހަސްނެތް ދުނބުޅި އިންޖީނުގެތައް އެންމެ މިޒަމާނުގެ އިންޖީނުގެ ތަކަކަށް އެހުރީ ބަދަލުކޮށްފައެއވެ. އެރަށަކާ އެންމެ އެކަށީގެންވާ ވަރަށެވެ. ޕަވަރ ހައުސްއާއި އިދާރީ އޮފީހެވެ. ތެޔޮ ރައްކާކުރެވޭނެ ޒަމާނީ ޓޭންކުތަކެވެ. ބޭނުން ވަރަކަށް ކަރަންޓް ފޯރު ކޮށްދެވޭވަރުގެ ބްރޭންޑް ނިއު ޖަނަރޭޓަރ ސެޓްތަކެވެ. އެންމެ ޒަމާނީ ފެންވަރުގެ ކަރަންޓް ނެޓްވޯކެވެ. ކަރަންޓް ބެލެންސް ކޮށް ހިފަހައްޓާ އެންމެ ފަހުގެ ނިޒާމެވެ. ޓްރާންސް ފޯމަރާއި ޑިސޓްރިބިއުޝަން ސިސްޓަމެވެ. 

އިރުއިރުކޮޅުން ރަށްރަށުން ކަރަންޓްކެނޑި ރައްޔިތުން ކަނުއަދިރީގައި ތިބެން ޖެހުނު ޖެހުން ހައްލު ވެއްޖެއެވެ. އެކަށީގެންވާ މިންވަރަށް ކަރަންޓް ނުލިބިގެން ނޭނބުރިފައި ހުރި ހުރިހާ ފަންކާތައް ހަމަޔަށް އަނބުރާ ދީފިއެވެ. އޭސީއާއި ކަރަންޓުން ބޭނުންކުރާ އަގުބޮޑު އާލާތްތައް ފުރިހަމައަށް ކަރަންޓް ނުލިބިގެންނާއި ކުއްލިކުއްލިއަށް ކަރަންޓް އައިސް ގޮސްވުމުން ހަލާކުވެ އެތަކެތި ހޯދަން ރައްޔިތުމީހާ ކުއްލިކުއްލިއަށް ކުރަންޖެހުނު ބޮޑު ހަރަދު ނުކޮށް ރައްޔިތުމީހާގެ ޖީބުން ކުރަން މަޖުބޫރު އިސްރާފް ހުއްޓިއްޖެއެވެ. ރަށްރަށުގެ އިގްތިސާދީ އިންޖީނު ހިންގާލަން ބޭނުންވާ ކަރަންޓް ކޮންމެ ރަށަކުން ފުރިހަމައަށް ލިބޭގޮތް ހެދި ރައްޔިތުންގެ ފޯރުންތެރިކަން އިތުރުކޮށް ދެވިއްޖެއެވެ. 

ކުރާނެ މަސައްކަތެއް ނެތި ރަށުގައި މޫކަނޑަން އުޅުނު ގިނަ ބަޔަކަށް ކުރާނެ މަސައްކަތް ހޯދާ ދެވިއްޖެއެވެ. ވަޒީފާނެތް އެތައް ސަތޭކަ ބަޔަކަށް ވަޒީފާލިބި މަހުން މަހަށް މުސާރަ ލިބޭނެގޮތް ހަދާ ދެވިއްޖެއެވެ. ނަރުދަމާއާއި ރައްކާތެރި ފެން ކޮންމެ ރައްޔިތަކު ހުރި ރަށަކުން އެ ރައްޔިތަކަށް ލިބެނެގޮތް ހަދާ ދެވެމުން އެބަދެއެވެ. ގިނަ ރަށްތަކެއްގައި ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. އެހެން ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. 

ކާމިޔާބު 91 ޕްރޮޖެކްޓް ނިންމާލިއިރު ރަށްރަށުގެ ރައްޔިތުން އެތިބީ އުފަލުން ފޮޅިފައެވެ. ދަރައިގެން ވެސް ފެނަކައިން ކުރީ ޒަމާނުއްސުރެ އެއްވެސް ސަރުކާރަކުން ގާއިމުކޮށް ނުދީއޮތް އަސާސީ ހިދުމަތްތަކެވެ. އެކަމުގެ ލުއިފަސޭހަ ރައްޔިތުންނަށް ލިބެމުން ދާއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މީން ޒަމާނެއްގައި ވެސް މިހާ ގިނަ ކެޕިޓަލް އިންވެސްޓްތަކެއް އެއްފަހަރާ ދެން ކުރަން ނުޖެހޭނެ ކަމުގެ ހިތްހަމަ ޖެހުމެވެ. ކުރިއަށް އޮތީ ފެނަކައިގެ ހަގީގީ ފައިދާ ލިބެން ފެށުމުގެ މަރުހަލާއެވެ.

އެއްބަހެވެ. ފެނަކައިގެ ދަރަނި ވަރަށް ބޮޑެވެ. ދަރަނި ކިތަންމެ ބޮޑަސް ދަރަނިތައް އަދާ ކުރެވޭނެގޮތް ފެނަކައިން އޮތީ ހޯދާފައެވެ. މިޒަމާނުގެ ވިޔަފާރީގައި ދަރަންޏަކީ އެއް ބަހާއެވެ. ދަރަންޏާ ނުލާ ހިންގާ ވިޔަފާރިއެއް ދައުލަތެއް ނެތެވެ. ޖެހެނީ ވިސްނުންތެރިކަމާއެކު ދަރަނި މެނޭޖުކުރާށެވެ. ފެނަކައިން އެތައް ޕްރޮޖެކްޓެއް އެއް ކުންފުންޏަކުން ނަގަނީ ފެނަކައާއި މެދު އިތުބާރާ ޔަގީންކަން އޮތީމައެވެ. ވަގުތީގޮތުން ފައިސާ ލިބުމުގެ ތާށިކަމެއް އަތުވެދާނެ ކަމަށް އެނގިތިބެއެވެ. 

ކަމެއް ނުކުރާ ބަޔަކަށް ލިބެންޖެހޭ އެއްޗެއް ދޭން ޖެހޭ އެއްޗެއްވެސް ނޯންނާނެއެވެ. އެއްފަހަރާ އެތައްސަތޭކަ ޕްރޮޖެކްޓް ހންގާ ބައެއްގެ ދަރަނި ބޮޑުވާނެއެވެ. އެޔާއިއެކު ލިބެންޖެހި ނުލިބި ހުރި އެއްޗެހިވެސް ގިނަވާނެއެވެ. ފެނަކައިން ހިންގާ ސަތޭކަ އެތައް ޕްރޮޖެކްޓެއްގެ ފަހަތުގައި ބޮޑު ދަރަންޏެއް ފެންނަން އޮތުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. 

ފެނަކައިން މިހާރު މިސްރާބު ހިފާފައިވަނީ ދަރަނިތައް އަދާކޮށް ނިންމުމަށެވެ. ފެނަކައާއި އެކު މުއާމަލަތުކުރާ ކުންފުނިތަކަށް އެކަން އެނގޭނެއެވެ. ނުލިބި ހުރި ފައިސާގެތެރެއިން ލިބުނި ކިހާފައިސާއެއްކަމާ ލިބެނީ ކިހިނެތްކަން އެނގޭނެއެވެ. ފެނަކައާއި އެކު މުއާމަލާތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފެނަކައިން ހައްލު ހޯދާދެމުން ދާކަން ގަބޫލުކުރާނެއެވެ. 

ސިޔާސީ ގޮތުން ފެނަކައިގެ އިސްވެރިންނާއި ފެނަކަ ބަދުނާމު ކުރުމަށް ވާދަވެރިން ސަރުކާރާ ދެކޮޅަށް ދައްކާ ފިތުނަވެރި ވާހަކައަކުން ފެނަކައިގެ ހިދުމަތެއް ބުރަތްކެއް ނުޖެއްސޭނެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ލިބިފައިވާ ހިތްހަމަޖެހުން ހެޔޮހިތުން ގަބުލުކުރާ ކުރުމަކަށް ބަދަލެއް ނުގަނެވޭނެއެވެ. ފެނަކައާއިއެކު މުއާމަލާތްކުރާ ފަރާތްތަކަށް ލިބޭ ތަކުލީފަށް ތަސައްލީއެއް އެހެން ފަތުރާ ފިތުނައަކުން ނުލިބޭނެކަން އެ މީހުނަށް އެނގެއެވެ. ފެނަކައަކީ ދަރަނީގެ ބުރައިން މިންޖުވެފައިވާ ކާމިޔާބު ކުންފުންޏެއް ގޮތުގައި ދާދި އަވަހަށް ވެގެންތާތަން ފެނިގެން ދާނެއެވެ.