އިމުގެ މައްސަލަ: ތިން ނައިބުންގެ މަސްލަހަތު ފުށުއެރުން
ބާކައުންސިލުން ރައުޔެއް ނެރުމުގެ ހައްގެއް ނެތްތަ!
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލަ ނިންމި ގޮތާ މެދު އުފެދިފައިވާ ބަހުސްގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް ރައުޔެއް ނެރެގެން ނުވާނެ ޔޯލައެވެ. ބާ ކައުންސިލުން މައްސަލަ ދިރާސާ ކުރުމަށްފަހު އެއްވެސް ރައުޔެއް ނެރުމުގެ ހައްގެއް ބާ ކައުންސިލަކަށް އޮވެގެން ނުވެ ޔޯލައެވެ. ރާއްޖޭގެ އިމުގެ މައްސަލައިގައި ބޮޑުތަނުން އިހުމާލުވެފައިވާ ކުރީގެ ތިން ބަންޑާރަ ނައިބުންނަށް ނޫނީ އިމުގެ މައްސަލައިގައި އެއްޗެއް ބުނުމުގެ ހައްގެއް އޮވެގެން ނުވެޔޯލައެެވެ. ކިހާ ބިޑު އަރަތެއް ހެއްޔެވެ.
ޑރ. މުނައްވަރާއި އާޒިމާ ޝަކޫރާއި ދިޔާނާ ސައިދަށް ނޫނީ ގާނޫނާއި ހަމަޔާ އުސޫލެއް އެނގޭ ކަމަކަށް ނުވެއެވެ. އެހެން މީހުން ގާނޫނު ދަންނަ ކަމަކަށް ވެސް ނުވެއެވެ. ރާއްޖޭގެ ބާ ކައުންސިލުން އެކަމާމެދު އެއްޗެއް ބުނެވެން ނެތް ކަމަށް ކުރީގެ އެ ތިން ބަންޑާރަ ނައިބުން ދައްކަވާ ހުއްޖަތަކީ ފެންނުހިފޭ ހޮޅިވާހަކަ ތަކެކޭ ބުނެވޭ ވަރުވެއެވެ. ގާނޫނީ ގޮތުން ކިތަންމެ ފުންނާބު އުހަސް މިހާރު އެ ކުޅުއްވަނީ ސިޔާސީ ޗަރުކޭހެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ހިލާފް ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ވިދާޅުވެ އެއީ ސަރުކާރުން ވީ އިހުމާލެއް ކަމަށް ދައްކަވަން އިސްކޮށް އުޅުއްވާ ތިން ބޭފުޅުން ދައްކަވާހާ ވާހަކައަކީ ތެދެއް ނޫންކަމަށް ވެދާނެ ގޮތަކަށް ގާނޫނީ ގޮތުން އެހެން ބަޔަކު ޗެލެންޖެއް ކޮށްފާނެތީ ބިރުފުޅުގެން ވަޑައިގަންނަވާނީ ތާއެވެ. ހައްދަވާ އިތުރުފުޅުތަކާ އޮޅުވާ ލެއްވުންތައް ރައްޔިތުންނަށް ހާމަވެ އެ ތިން ބޭފުޅުންގެ އިތުބާރު ކެނޑިދާނެތީ ހާސްވެ ވަޑައި ގަންނަވަނީތާއެވެ. ބާ ކައުންސިލުން މައްސަލަ ދިރާސާ ކުރުމަށް ފަހު އެ ކައުންސިލްގެ ރައުޔެއް ހާމަ ކުރުމަކާ އެ ތިން ބޭފުޅުންނަކާ ކީކީ ހެއްޔެވެ.
ބާ ކައުންސިލްގެ ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ ބައެއް މެމްބަރުން އެ މައްސަލާގައި ފެނިވަޑައިގެން ރައުޔެއް ކުރިން ހާމަ ކުރެއްވިޔަތީ ސަރުކާރު ދިފާއުކުރާ ކަމަށްވެ އެ ބޭފުޅުން ހިމެނޭ ކައުންސިލަކުން ރައުޔެއް ނެރުމަކީ ބޮޑުފާފައަކަށް އެ ތިން ބޭފުޅުން އެބަ ހައްދަވައެވެ. ބާކައުންސިލްގައި ތިއްބަވައިގެން ވެސް އެ ތިން ބޭފުޅުން ދައްކަވާ ރާގުގައި އެގޮތަށް ވާހަކަ ދައްކަވާ ނަމަ އެކަން ނިކަން ރަނގަޅުވެފައި އޮއްޓަރު ހުރި ހައްގު ވާހަކަ އަކަށް ވީހެވެ.
މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކަށް ވާއިރު އިމުގެ މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތުމަކީ ކަމުގެ ހަގީގަތް ހާމަކުރަން ބާ ކައުންސިލުން ރައުޔެއް ނެރުން މަނާ ކުރާ ގާނޫނީ ހުއްޖަތެއް ނޫނެވެ. ސިޔާސީ ގޮތުން ކަތިލެވޭ ކަންބަޅިއަކަށް ރިފްއަތު ހައްދަވަން މުނައްވަރުމެން އިސްވެ ތިއްބަވައިގެން ތޫނުކުރާ ހަތިޔާރުގެ މިޔަކޮށޭ ޒާތުގެ ކަމެއް ބާ ކައުންސިލެއް ކަމަކު ކޮށްގެން ނުވާނެތާއެވެ. ބާކައުން ސިލުން ވިޔަސް ހައްގު ބަހެއް ބުނެ ރައުޔެއް ނެރެގެން ސަރުކާރުގެ ނިންމުމަށް ކުޑަވެސް ބުރަދަނެއް ލިބެންޏާ އެ ތިން ބޭފުޅުންނަށް މަސްލަހަތު ފުށުއަރާ ކަމަށްވެސް ވާނެއެވެ.
ރާއްޖޭގެ ހުރިހާ ވަކީލުންގެ މެޖޯރިޓީ ވިސްނުން ހާމަވާނެ ގޮތް ކުރީގެ ތިން ބަންޑާރަ ނައިބުންނަށް އެބަ އެނގިވަޑައިގަނެއެވެ. އެ ތިން ބޭފުޅުންގެ ޒާތީ ތައައްސަބުން ފުރިގެންވާ ސިޔާސީ ހީލަތްތެރި ރޭވުން ގާނޫނީ ނަޒަރަކުން ސާފުވަކަށް އެ ބޭފުޅުންނަކަށް ނުރުހެވޭނެއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ހިލާފް ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމުމާމެދު ބާ ކައުންސިލަށް ރައުޔު ނެރެވޭނެ ކަމާ މެދު ސުވާލު އުފައްދަވާ ކުރީގެ ތިން ބަންޑާރަ ނައިބުންނަށް ވިސްނިވަޑައި ނުގަންނަވާ ކަމެއް އެބައޮތެވެ. އެ ނިންމުމާއި މެދު އެއްވެސް ހައިސިއްޔަތަކުން އެތިން ބޭފުޅުން އެއްޗެތި ވިދާޅުވުމުގައި ހުރި މަސްލަހަތު ފުށުއެރުމެވެ.
ޑރ. މުނައްވަރުގެ ބަންޑާރަ ނައިބު ކަމުގައި ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ތެރެއަށް ޗާގޯސް އައިލެންޑްސް ނުވައްދާ އައްޑޫއާއި ހަމައިން ރާއްޖޭގެ ސިޔާސީ ސަރަހައްދު ނިންމާލައި ކަނޑުގެ ސަރަހައްދުގެ ގާނޫނުގެ ހުރިހާ އަކުރާއި ފިއްޔާ ލިޔުއްވާ މަޖިލީހުން ފާސްކުރެއްވި ކުރެއްވުމެވެ. ރާއްޖޭގެ އުތުރުން އިންޑިއާ އާއި ލަންކާ އާއި ފުށުއަރާ ސަރަހައްދުގެ ކްލައިމް ނުކުރައްވާ އިގްތިސާދީ ސަރަހައްދު ބަހާލައިގެން ހުންނެވި ހުންނެވުމެވެ.
ދިޔާނާ ސައީދު ބަންޑާރަ ނައިބުކަމުގައި ހުންނަވި އިރުވެސް ޗާގޯސްގައި ދިރިއުޅޭ ބަޔަކު ނެތެވެ. އެހެނެއް ކަމަކު އިނގިރޭސީންނާއި އެކު އިގްތިސާދީ ސަރަހައްދު ބައިކުރުމުގެ އެއްބަސް ވުމެއް ހަދައިގެން ރާއްޖޭން އެ އެއްބަސްވުމުގައި ސޮއިކުރުވުމުގާ އަމަލީ ގޮތުން އުޅުއްވި އެއްބޭފުޅަކީ ދިޔަނާއެވެ. އަނެއްކޮޅުން ޗާގޯސްގެ ސިޔާދަތީ ބާރު ހޯއްދަވަން ކުޑަވެސް މަސައއްކަތެއް ނުކުރެއްވައެވެ. ރާއްޖޭގެ އުތުރުން ގެއްލުވާލާފައިވާ ބައި ހޯއްދަވަން މަސައްކަތް ނުކުރެއްވުމާއި ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އިސްލާހުކޮށް ފުށުއެރުން ބައިކުރަން އޮންނަ އޮތުން އިސްލާހުނުކޮށް ހުންނަވާ އެވާހަކަ ދިޔާނާ މިހާރު ދެއްކެވުމަކީ ޖޯކެކެވެ. ފިތުނައެކެވެ. އިހުމާލެކެވެ.
އަޒިމާ ޝަކުރުގެ އިހުމާލު އަދި މާބޮޑެވެ. ކުރިން ބުނެވި ދިޔަހާ ކަންކަން އެހެން އޮއްވާ ބަންޑާރަ ނައިބު ކަމުގައި އެކަން ކަން އިޔާދަ ކުރައްވަން ލިބިވަޑައިގެން ފުރުސަތު ގެއްލުވާލި ގެއްލުވާލުމެވެ. މޮރިޝަސްއިން ޗާގޯސް ހޯދަން އދގައި އެންމެ ގަދަޔަށް މަސައްކަތް ކުރިއިރު ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުގެ ގޮތުގައި ހުންނަވައިގެން ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯއްދަވަން އެއްވެސް ކަމެއް ނުކުރައްވާ ހުންނެވީއެވެ. ކުޑަމިނުން މޮރިޝަސްގެ މައްސަލައިގެ ތެރެއަށް ތަދައްހުލު ވެލެއްވުމުގެ ވިސްނުން ނެތި މޮރިޝަސްގެ ސިޔާދަތަށް ޗާގޯސް ވަންނަންދެން އަޅާނުލައްވާ ހުންނެވި ހުންނެވުމެވެ.
މިހުރިހާ ކަމަކަށް ވުރެވެސް ބޮޑު އަނެއް ކަމަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާގޮތަށް އިގްތިސާދީ ސަރަހައްދު އދގެ ކޯޓަކުން ބެހިބެހުން ކުށްވެރިކޮށް ގާނޫނީ ފަންނުގެ އަގުވައްޓާލަން ގާނޫނީ މާހިރުންގެ ނަމުގައި ކުރައްވާ ބާތިލު ކެންޕޭނެވެ. ރިޔާސީ އިންތިހާބު ބޯމަތި ވެފައިވަނިކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ޑރ. މުނައްވަރު އިސްވެ ހުންނަވައިގެން ރައްޔިތުންނަށް އޮޅުވާލައްވާ އޮޅުވާލެއްވުމެވެ. ތިމާމެންގެ އިހުމާލުން ބޮޑެތި ގެއްލުންތައް ދެއްވާފައި މަގާމު ގެއްލި ވަޑައިގެންފައި ތިއްބެވި ތިން ބޭފުޅުންނަކީ އިމުގެ މައްސަލާގައި ފާސިގުންނޫން ބަޔަކަށް ނުވާނެއެވެ. ހެއްދެވިހާ ގޯސްތައް ދިފާއުކުރެއްވުމަށް އުޅުއްވާ ތިން ބޭފުޅުން ތިއްބެވީ ނިކަން ރަނގަޅަށް ނަގޫ ގޮއްޖެހިފައެވެ. އެހެން ވީމާ ކަމެއް ހަމަމަގަށް އެޅުވުމުން ހަމަލަމަ ގެއްލުވާލަން އުޅުއްވެނީއެވެ.
ހަމަތެދެކެވެ. ބާ ކައުންސިލްގައި މިހާރުގެ ބަންޑާރަ ނައިބު އިންނަވައިގެން ބާ ކައުންސިލުން ދިރާސީ ރައުޔެއް ނެރުމުގައި މަސްލަހަތު ފުށު އަރަންޏާ ބަންޑާރަ ނައިބުކަންކޮށް ބޮޑުތަނުން އިހުމާލުވެފައި ތިބި ބަޔަކު އިމުގެ ވާހަކަ ދެއްކީމާ މާބޮޑަށް މަސްލަހަތު ފުށުއަރައެވެ.