ދައުރެއްގެ އުމުރު ކުރުކުރާ އިސްލާހު އުފެދުމުގައިވެސް ބާތިލު

އަދުލުވެރިކަމެއް ނެތް އިސްލާހަކީ އިސްލާހެއް ނޫން

ދައުރެއްގެ އުމުރު ކުރުކުރާ އިސްލާހު އުފެދުމުގައިވެސް ބާތިލު

ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރުދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ވަކި ދައުރެއްގެ އުމުރު ކުރުކޮށްފާ މަޖިލީހުގެ އެހެން ދައުރު ކުރުމަކަށް ގާނޫނު އަސާސީ ޖާގައެއް ނުދެއެވެ. މަޖިލީހުން ފާސްކޮށްގެން ވެސް ވަކި ދައުރެއްގެ އުމުރު ކުރެވޭ ގޮތަކަށް ގާނޫނު ތަނެއް ނުދެއެވެ. 

މަޖިލީސް މެންބަރުންގެ ގޮނޑިގެއްލޭނެ ސަބަބުތައް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންވެފައިވެއެވެ. އެއިން ސަބަބެއް މެދުވެރިނުވެ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ގޮނޑި ދައުރު ހަމަ ނުވަނީސް ގެއްލޭގޮތެއް ފަހުން ހަދާ ގާނޫނަކުން ނުހެދޭނެއެވެ. އެއީ ވަޒީފާ އަދާކުރުމާއި އިންތިހާބީ ހައްގަށް އަރައިގަތުމެކެވެ. 

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރުމުން ބާތިލުވެފައިވާ ބިލް ނަންބަރ 2/2026 އިން ގާނޫނު އަސާސީއަށް ގެންނަން އުޅުނު 8 ވަނަ އިސްލާހު އޭގެ ޒާތުގައިވެސް ބާތިލެވެ. ރައްޔިތުން ފަސް އަހަރަށް ހޮވާފާއޮތް ރައްޔިތުންގެ މަޖިލީހެއްގެ އުމުރު ކުރުކޮށް އަންނަން އޮތް އޮތް މަޖިލިސްތަކަށް 5 އަހަރުގެ ދައުރެއް ލިބޭގޮތަށް ގެންނަ އަދުލުވެރިކަމެއް ނެތް އިސްލާހަކީ އިސްލާހެއް ނޫނެވެ.  

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންވެސް ކުރު ކުރެވޭނީ މުޅި މަޖިލީހުގެ ދައުރެވެ. އެއްދައުރެއްގެ މެންބަރުންނަށް ފަސްއަހަރު އަނެއް ދައުރެއްގެ މެންބަރުންނަށް 4 އަހަރު ބައި އަނެއް ދައުރެއްގެ މެންބަރުންނަށް 2 އަހަރުބައި އޮންނަ ގޮތަކަށް މަޖިލީހުގެ ދައުރު ކުރެއް ނުކުރެވޭނެއެވެ.

ހިނގަ ހިނގާ އޮތް މަޖިލީހުގެ އުމުރު ކުރެވޭ ގޮތަކަށް އެފުރުސަތެއް ގާނޫނު އަސާސީ ނުދެއެވެ. ގާނޫނު އަސާސީ ބުނާގޮތުން ހިނގަ ހިނގާ އޮތްދައުރެއް އެއް އަހަރަށްވުރެ ދިގުނުވާ ގޮތަކަށް ދަމާލެވިދާނެއެވެ. އެގޮތަށް މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ދިގު ކުރެވޭނީވެސް ކުއްލި ނުރައްކަލުގެ ހާލަތަކާ ގުޅިގެންނެވެ. އެގޮތަށްވެސް ދައުރު ކުރު ކުރުމުގެ ފުރުސަތެއް ނެތެވެ.

ގާނޫނު އަސާސީ އިސްލާހު ކޮށްގެންވެސް މަޖިލީހުގެ ދައުރު ކުރު ކުރެވޭނީ އެއް ހަމައަކުންނެވެ. އަދުލުވެރިކަން ގެއްލޭގޮތަށް ވަކިބަޔަކަށް ވަކިގޮތެއް ނުހެދޭނެއެވެ.

ފަސް އަހަރަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެންބަރުންތަކެއް މެންބަރު ކަމުގެ ދައުރު ކުރު ކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ފަހުން ހަދާ ގާނޫނަކުން ކުރިން ލިބިފައި އޮތް ގާނޫނީ ހައްގެއް ނިގުޅައެއް ނުގަނެވޭނެއެވެ. މެންބަރުކަން ގެއްލޭނެ ކަމަށް ބަޔާންވެފައިވާ ސަބަބެއް ދިމާނުވެ އެއްވެސް މެންބަރެއްގެ ގޮނޑި ހިނދުކޮޅަކަށްވެސް ގެއްލިގެން ނުވާނެއެވެ.