ގެސްޓުމީހާ ނޮޅާލުން ނޫންގޮތެއް މުއިއްޒަކަށް ނެތް!

އެތައްބަޔަކު ދުނިޔެމަތީ ސުވަރުގެތައް ހަދައިގެން މާ ހެޔޮ އަގުގައި އެބަވިއްކާ

ގެސްޓުމީހާ ނޮޅާލުން ނޫންގޮތެއް މުއިއްޒަކަށް ނެތް!

ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް ގްރީން ޓެކުހަކީ ކުރީއްސުރެ އޮތް ބުރައެކެވެ. 50 އެދަށްވުރެ ދަށުން އެނދު ހުންނަ ކުދި ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ބޮލަކުން ނަގަނީ 3 ޑޮލަރެވެ. 50 އެނދަށްވުރެ މަތީން އެނދު ހުންނަ ރިސޯޓް ތަކުން ގްރީން ޓެކްސްއަށް ނަގަނީ 6 ހަޑޮލަރެވެ. ނިސްބަތުން އެހާ ކުޑަ މިންވަރެއްވެސް އިތުރު ޓެކްހެއްގެ ގޮތުގައި ނެގުމަކީ ގިނަ ޓޫރިސްޓުން ގަބޫލު ކުރާކަމެއް ނޫނެވެ.

އެކަށީގެންވާ މިންވަރަކަށް ޑިޕާޗަރ ފީއާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ޓެކްސް އާއި ގްރީން ޓެކްސް ދައްކައިގެންވެސް ރާއްޖެއަށް ގެސްޓުން އަންނަނީ އެމީހުންގެ އުފަލަށްޓަކައެވެ. ރާއްޖެއަށް ގެސްޓުން އަންނަނީ އަރާމުކޮށްލާ އުފާކޮށްލާށެވެ. ހިތް ހަމަ ޖެހުމާ އުފާނޫން އެއްޗެއް އެމީހުން ރާއްޖެއިން ގެންދާކަށް ނުލިބެއެވެ. އުފަލާ ހިތް ހަމަ ޖެހުމަށްޓަކާ ނުއެކަށޭނަ ވަރަކަށް ފައިސާ ހޭދަކުރުމަކީ މީހުން ކޮށްއުޅޭ ކަމެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ވަކިވަރަކަށްވުރެ ހަރަދު ބޮޑު އުދަގޫ ކަންކަމެއް އާއްމުކޮށް މީހުން ކޮށެއް ނޫޅޭނެއެވެ. 

ރާއްޖެ ނޫނަސް ދޮންވެލީގެ ގަނޑުދޮށްތަކާއި ރީތި މޫދު ދުނިޔޭގައި އެބައޮތެވެ. ދޮންވެއްޔާއި މުދާއި އަވީގައި އުފާކޮށް މަޖާކުރަން ރާއްޖެ ނޫން ތަންތަންވެސް އެންމެ ޒަމާނީ ހިދުމަތާއެކު ދުނިޔޭގެ އެތަންމިތާ ތަރައްގީކޮށްފައި އެބައޮތެވެ. މިހާރަކު ރާއްޖެއަކީ ދުނިޔެމަތީ އޮތް ހަމައެކަނި ސުވަރުގެއެއް ނޫނެވެ. އެކަމުގެ ގާފިލުކަމުގައި އަހަރެމެން ތިއްބާ އެތައްބަޔަކު ދުނިޔެމަތީ ސުވަރުގެތައް ހަދައިގެން މާ ހެޔޮ އަގުގައި އެބަ ވިއްކައެވެ. 

ވާނީ އެހެންތާއެވެ. ސަރުކާރުން ހިންގާ ޓޫރިޒަމެއް ރާއްޖެއަކުނެތެވެ. ސަރުކާރު ހިއްސާވާ ގޮތަކަށް ހިންގޭ ރިސޯޓެއްވެސް ރާއްޖެއަކުނެތެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެއްވެސް ކޮންޓްރޯލެއް ސަރުކާރަކަށް ނެތެވެ. ހައްދެއް ނެތް ވަރަށް ޓެކްސްތަކާ ފީތައް ބޮޑުކޮށްގެން ގެސްޓްމީހާ އަތުން ލިބޭ އެއްޗެއް ނޫނީ ޓޫރިޒަމުން ސަރުކާރަށް ސީދާ ލިބޭއެއްޗެއް ނެތެވެ. ޓޫރިޒަމް ބެޑް ޓެކްސްއާއި ބިމުކުއްޔަކީ ސަރުކާރަށް ގަވައިދުން ލިބޭ އެއްޗެއް ނޫނެވެ. ގިނަ ރިސޯޓުތަކުގައި ބިމުކުއްޔަކީ ފަސް އަހަރުން މާފުކުރެވޭ ދަރަންޏެވެ. 

އެހެން އެކަން އޮތަސް ރާއްޖޭގެ ސަރުކާރުން ކުރާ އިސްރާފާއި ބޭކާރު ހަރަދާއި ހިންގާ ކޮރަޕްޝަނުން އުނިވާ ބައި ފޫބައްދަން އޮތް ކިރުފެލާ ގެރިއަކީ ޓޫރިޒަމެވެ. ލޭ ލަންދެންވެސް އޮބިއަޅައިގެން ކިރުފެލަން އޮތީ ހަމަ އެގެރިއެވެ. އެކަމަކު ބުނަން ހެއްޔެވެ. އަބަދަކު އެންމެނަކު މޮޔައެއް ނުހެއްދޭނެއެވެ. ހިތުހުރި ވަރަކަށް ޖީބު ކަނޑަން ފެށީމާ ގެސްޓުންނެއް ވެސް ނާންނާނެއެވެ. 

އެހެންކަމުން ގެސްޓު މީހާ ނޮޅާލުން ނޫންގޮތެއް ސަރުކާރަކަށް ނެތެވެ. ދައުލަތް ދަރާވިކި ބަނގުރޫޓްވާ ހިސާބަށް ދިޔައިމާ ގެސްޓް މީހާގެ ޖީބުކަނޑަން ސަރުކާރުން ނިކުތީ އެހެންވެއެވެ. އެއަރޕޯޓްގައި ގެސްޓްމީހާ އަޅާ ފިޔަވަޅު ގުނައިގެން ފިޔަވަޅަށް ފައިސާ ނުނަގާކަން ނަސީބެވެ. ޑރ. މުއިއްޒު ޓެކްސް ބޭސް ފޫޅަކުރަނީ ޓެކްސްނެގޭ ދާއިރާތައް ގިނަކޮށް ޓެކްސް ބޮޑުކޮށްގެންނެވެ. 

މުއިއްޒު ބޮޑުކުރާ ބައެއް ޓެކްސްއާއި ފީ: 

  • ޓީޖީއެސްޓީ:

* %16 އިން %17 އަށް މަތިކުރުން. 

  • ގްރީން ޓެކްސް:

* 3 ޑޮލަރުން 6 ޑޮލަރަށް ( 50 ބެޑަށް ވުރެދަށް ފެސިލިޓީތަކުން)

* 6 ޑޮލަރުން 12 ޑޮލަރަށް ( 50 ބެޑަށް ވުރެ މަތި ފެސިލިޓީތަކުން)

  • ޑިޕާޗަރ ޓެކްސް

* އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ ފީ 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.

* އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.

* ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހެއްގެ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.

* ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހެއްގެ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.

* ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ ކޮންމެ މީހެއްގެ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.

  • އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކްސް:

* އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ ޓެކްސް 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.

* އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.

* ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހެއްގެ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.

* ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހެއްގެ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.

* ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ ކޮންމެ މީހެއްގެ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.

އާ އަދަދުތަކުން ފީ އާއި ޓެކްސް ނަގަން ފަށާ ތާރީހަކީ ޑިސެމްބަރު 1، 2024 އެވެ.