ޝިޔާމަށް: މާކެޓްގެ އެންމެ ދަށްއަގަށްވުރެ މިފްކޯ އަގު ދެގުނަދަށް!
މަސްވެރިން ހަފުސްކޮށް އިންވެސްޓަރުންގެ ޖީބުފުރާދިނުމުގެ ހީލަތެއް
![ޝިޔާމަށް: މާކެޓްގެ އެންމެ ދަށްއަގަށްވުރެ މިފްކޯ އަގު ދެގުނަދަށް!](https://heerasnews.com/uploads/images/202502/image_750x_67a9d1b3bab9a.jpg)
މިފްކޯއިން މިހާރު މަސް ގަންނަނީ ބައިނަލްއަގުވާމީ މާކެޓްގައި މަސް ހުންނަ އަގަށްކަމަށް ބުނެ ފިޝަރީޒް މިނިސްޓަރ ޝިޔާމް މަސްވެރިންނަށް އަނެއްކާވެސް އޮޅުވާލަނީ ހެއްޔެވެ. 15 ރުފިޔާއަކީ ބައިނަލްއަގުވާމީ މާކެޓްގައި މަސްކިލޯއަކަށް ހުރި އަގުހެއްޔެވެ. ބައިނަލްއަގުވާމީ މާކެޓް އަގަށްވުރެ މާދަށް އަގެއްގައި މިފްކޯއަށް މަސްގަނެގެން މަސްވެރިންނަށް ސަރުކާރުން ތިޔަކުރަނީ އަނިޔާއެވެ.
ބައިނަލްއަގުވާމީ މާކެޓްގައި މަސްވިއްކާ އަގު މިހާރު ހުރި ވަރަށް ބެއްޔަސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަނީ ނުލާހިކު ދަށް އަގެއްގައިކަން ހާމެވެއެވެ. ހޯލްސޭލްކޮށް ކަނޑުމަހުގެ މަސްކިލޯއަކަށް ޓައިވާންގައި 3.5 ޑޮލަރ (53.97 ރުފިޔާ) ލިބެއެވެ. ތައިލެންޑްގައި ކަނޑު މަސް ކިލޯއެއްގެ އަގުހުރީ 2 ޑޮލަރ (30.84) ގައެވެ. ޖަޕާންގައި ކަނޑުމަސް ކިލޯއެއްގެ އަގަކީ 20 ޑޮލަރ (308.40 ރުފިޔާ)އެވެ. އޭސިޔާގައި ކަނޑު މަސް ކިލޯއެއްގެ އަގު 2 ޑޮލަރ (30/84ރ) އާއި 20 ޑޮލަރ (308/40ރ) ދޭތެރޭގައި ހުރިއިރު މިފްކޯއިން މަސްވެރިންގެ އަތުން ކަނޑު މަސް ކިލޯއެއް އެ ގަންނަނީ ދުނިޔޭގެ ބާޒާރުގައި އެންމެ ދަށް އަގަށްވުރެވެސް ދެބައިކުޅަ އެއްބައި އަގު ދަށްކޮށެވެ.
ޔޫރަޕާއި އެމެރިކާގައި ކަނޑު މަހުގެ އަގު އުޅެނީ މާ މަތީގައެވެ. އެމެރިކާގައި މަސްކިލޯއެއްގެ އަގު އުޅެނީ 15 ޑޮލަރ ( 231/30ރ ) އާއި 55 ޑޮލަރ (848/10ރ ) އާއި ދެމެދުގައެވެ. ޔޫރަޕްގައި މަސްކިލޯއެއްގެ އަގު އުޅެނީ 2 ޔޫރޯ ( 32/04ރ) އާއި 5 ޔޫރޯ ( 80/11ރ ) އާއި ދެމެދުގައެވެ. ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ އަގު މިހެން ހުރިއިރު މަސްވެރިންނަށް މާ ހެޔޮއެދޭ ކަމަށް ހެދިގެން މުއިއްޒު ސަރުކާރުން ދައްކަނީ ހުސް ދޮގު ވާހަކައެވެ.
މަސްކިލޯއަކަށް މަސްވެރިންނަށް ކުރިން ލިބެމުންއައި އަގު ބޮޑުތަނުން ވައްޓާލައިގެން ބާނާ މަހުން ލިބޭ އެއްޗަކުން މިހާރަކު މަސްވެރިންނަކަށް ދެކޮޅެއް ނުޖެއެވެ. މަސް ގަންނަ އަގު ވައްޓާލުމުގެ ސަބަބުން ދޯނި ފަހަރު މަހަށް ފުރަން ކުރަންޖެހޭ ހޭދަވެސް މަސްވެރިންނަކަށް ނުލިބެއެވެ.
ޓީވީ ޝޯތަކަށް އަރާ ކިތަންމެ ބޮޑެތި ކަރައެއް ފަޅާ އޮށް ބުރުވިޔަސް ހަގީގަތަކީ އެއީ ނޫންކަން މަސްވެރިންނަށް އެނގެއެވެ. އެއްވެސް އެއްޗެއް ނުލިބުމަށްވުރެ ކޮންމެވެސް އެއްޗެއް ލިބުންވެސް ރަނގަޅުވާނެތީ ހަނު ތިބުމަކީ ހިތް ހަޖެހިގެން ތިބޭ ތިބުމެއް ނޫނެވެ.
މިފްކޯއަށް -/15ރ އަށް މަސް ގަންނަން ފެށުމުން މަސްވެރި ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރު ވެދާނެއެވެ. ލާރިހުރި މީހުން މަސްވެރިން ބާނާ މަސްކޮޅު ނުއަގުގައި ގަނެލައިގެން ބޮޑުއަގުގައި ބޭރަށް ވިއްކާލާ އެ މީހުންގެ ޖީބުތައް ފުރާލެވޭނެއެވެ. މަސްވެރިން އަތުން ހެޔޮ އަގުގައި މަސްގަންނަން ލިބެންޏާ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވާނެއެވެ. ބޭރުކުރާ މަހުން އެކްސްޕޯޓް ޑިއުޓީއާއި ޒާތްޒާތުގެ ޓެކްހުން ސަރުކާރަށް ފައިސާ ވައްދާ ވެރިންގެ ޖީބުތައް ފުއްޕާލެވޭނެއެވެ. އެކަމަކު މަސްވެރިން ދަރާވިކި ވާނީ ހަފުހެވެ.