އަޒުލްކުރާ ވާހަކަތަކާއެކު ސަރުކާރުން ދީންވެރިވެއްޖެ!
އަޒުލް ކުރުމަކީ ރައްޔިތުންގެ މަޖިލިހަށް އޮތް ބާރެއް
ވެރިޔަކު 5 އަހަރަށް ހޮވުމަކީ 5 އަހަރު ވަންދެން ހިތުހުރި ދޮގާ މަކަރާ ހީލަތުގެ މަތީގައި ވެރިކަން ކުރަން މީހާ ބެހެއްޓުމެއް ނޫނެވެ. ދައުރު ހަމަވުމުގެ ކުރިން ވެރިމީހާ އަޒުލް ކުރުމުގެ ބާރާ އޭގެ އިޖްރާއާތު އޮތީ ލިޔެ ބަޔާން ވެފައެވެ.
ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް އެއީ ދީފައި އޮންނަ މުތުލަގު ބާރެކެވެ. ގާނޫނު އަސާސީގައި ބަޔާން ވެގެންވާ ކަމެއް ކުރުމަކީ ބަޣާވާތް ކުރުން ނޫނީ ޣައްދާރުވުން ކަމަށް ބުނާ މީހާ ވާހަކަ އެދައްކަނީ ބަޣާވާތުގެ ބަހުރުވައިންނެވެ. ގާނޫނު އަސާސީގެ ސާފު ނައްސަކާ ދެކޮޅުވާ މީހާ ޣައްދާރަކަށް ނުވެ ގާނޫނު އަސާސީ ނަގަހައްޓާމީހާ ޣައްދާރަކަށް ވާނެ ހަމައެއް ނެތެވެ.
ސާފުކޮށް ކަނުލާ އަޑު އަހާށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބު އަޒުލް ކުރުމަކީ ރައްޔިތުންގެ މަޖިލިހަށް އޮތް ބާރެކެވެ. ދޮގާ އޮޅުވާލުމާ މަކަރު ހަދައިގެން މީހަކު ވެރިކަމަށް އަރާފާނެކަން ގާނޫނު އަސާސީ ދަނެއެވެ. މަޖިލިހަށް އެބާރު ދީފައި އެ އޮތީ އެހެން ވެގެންނެވެ.
އެކަން ކުރެވޭ އިޖްރާއާތަށް ބަދަލެއް ގެނައުމަކީ އެކަން ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު އަޒުލް ގެ 3 އަކުރު އިވުމާއެކު އިސްތަށިތަށް ކޮޅަށްޖެހި ގައިން ހީބިހި ނަގާ ރޫރޫ އަޅާ މީހަކު ހުރިއްޔާ އެއީ ކިހިނެއްވާ ކަމެއްތޯ ބަލަން އެބަޖެހެއެވެ. މިސްކިތު ހުޅުޖެހި މީހާ ވެސް ބޭޒާރުވީ އަމިއްލަ އަށެވެ.
އަޒުލް ގެ އަޑު އިވެން ފެށުމާއެކު ސަރުކާރު ދީން ވެރިވެގަތީ އަމަށަކު ވަރަކަށް ނޫނެވެ. ހީވަނީ ބަރަހަނާ ސައިޓްތަކަށް ވަދެވޭތޯ ރައްޔިތުން ލައްވަ ފިތްތަކަށް އޮއްބަން ސަރުކާާރު ބޭނުންވާ ހެންނެވެ.
އަޒުލްގެ އަޑާއެކު ސަރުކާރުގެ ދީންވެރިކަން އޮހިގެންފިއެވެ. ނަމާދާއި ޒަކާތާއި ރޯދައާއި ހައްޖުގެ ވާހަކަ ދައްކައިގަތީ އަމަށަކު ވަރަކަށް ނޫނެވެ. ބުނަން ހެއްޔެވެ؟ ދީން ދެކެ ލޯބިވާ މީހުންގެ ބަހާ ޢަމަލާ ދިމާވާނެއެވެ.
ވައުދެއް ވެއްޖެއްޔާ ޚިލާފުވެ، ބަހެއް ބުނަންޏާ އޭގައި ދޮގާ މަކަރާ އޮޅުވާލުން ހިމަނާ، މުދަލެއް ފައިސާއެއް ނުވަތަ މަސްއޫލިއްޔަތަކުން ވިޔަސް އަމާނާތަކާ ހަވާލުވެ އެއަށް ޚިޔާނާތްތެރިވާ މީހާ އެއީ ދީން ދެކެ ލޯބިން އުޅޭ މީހެއް ނޫނެވެ. އެ 3 ސިފަ އެކުލެވިއްޖެ ނަމަ އެއީ ކޮން ބާވަތެއްގެ ބައެއްކަން އިސްލާމުން ދަނެއެވެ.