ހިޔާނާތުގެ މިންވަރު ބޮޑުވާ ވަރަކަށް ކުށުން ބަރީއަވެވޭ؟
މަރުވާ އަންހެނާ ބިކުރުވެރިތޯ ބަލާ ޖިނާއީ އަދުލުގެނިޒާމް
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އާރާބާރުގައި ތިބެ ރޭވި ތަރުތީބުވެގެން އެތައް ބަޔަކު ބައިވެރިވެގެން އެތައް ދުވަހެއް ވަންދެން ހިންގި ބޮޑުވެެގެންވާ ހިޔާނާތެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި އެންމެން މިނިވަންކަމާއެކު މަތިހަށި ނަގާފައި އެތިބަ އުޅެނީއެވެ. ބައެއްގެ މައްޗަށް ކުށް ސާބިތުވެ އެކަށީގެންވާ އަދަބެއް ނުލިބޭތާއި ދައުލަތުން ގެއްލުނު އެންމެ ރުފިޔާއެއްވެސް ނުހޯދެއެވެ. ގިނަ މީހުނަށް ދައުވާ ނުކުރާތާ ތަހުގީގުވެސް ކޮށްނުލައެވެ.
ނިހާނަށް ކުރި ދައުވާގެ ޝަރީއަތް ނުހިންގާ މައްސަލަ އަނބުރާ ނަގާފައި ދިނީ ދައުލަތުން ބޮޑު މަގާމެކެވެ. ނަމެއްގައި ޒިޔަތު ކުށަށް އިއުތިރާފްވެ ހުކުމް ތަންފީޒުކުރީ ގޭގައެވެ. އަދީބުގެ ލުއި އިތުރާފަށް ކުރި ހުކުން ގެޔާއި ރާއްޖޭން ބޭރުގައި ތަންފީޒުވެ އަފޫވެގެން ދިޔައީއެވެ. ޔާމީނުގެ މައުސޫމް ކަމުގެ ބޮޑުކަމުން ހުކުމް ބާތިލުނުވާ ޝަރީއަތެއް ނުކުރެއެވެ.
ޔާމީނާ އަދީބު އާރާ ބާރުގައިތިބެ ގުޅިގެން ހިންގި ބޮޑު ހިޔާނާތެއް ނޫން ގޮތަކަށް އެކަން ސިފާކުރާ މީހަކު ނެތެވެ. ޔަގީނުންވެސް އެތައް ބިލިޔަން ޑޮލަރަކުން ދައުލަތަށް ވީ ބަޔަކުވަނީ ހިޔާނާތް ތެރިވެފައެވެ. އެބަޔެއްގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ތަހުގީގާއި ޝަރީއަތް ހިންގޭ ކަމަކަށް ނުވެއެވެ.
ކޭޕާކް ފްރައުޑާއި ސީލައިފް މައްސަލަ އެހެރަދަނީ ބޯބޯމަތިންނެވެ. ނޫމަޑި މައްސަލައާއި ދައުލަތް ލޫޓްވުމުގެ އެތައް މައްސަލައެއް ކޮޅެއްގައި ނުޖެހި ހުދުކާފޫރަށް ހުލިވެގެން ދަނީއެވެ.
ބޭންކް ތެރޭގައި ހުރެ ކަސްޓަމަރުންގެ އެކައުންޓުން ވައްކަން ކުރި މީހާއަށް ކުޑަ ޖުރުމަނާއަކާއި އާއްމު ހިދުމަތުގެ ލުއި ހުކުމަކުން ހިޔާނާތް ހަލާލުވެއްޖެއެވެ. ކިރިޔާވެސް ފައިސާ ފޮއްޗެއް އޮތް މީހަކަށް ރާއްޖޭގެ މުޅި ޝަރުއީ ނިޒާމުގެ ތެރެއިން އެކަށީގެންވާ އަދަބެއް ދެވޭނެ ގޮތެއްނެތެވެ.
ކުށުގެ ތުހުމަތުން ބާރުހުރި މީހުން ދިފާއު ކުރުމަށްޓަކައި މަރުވާ އަންހެނުން ބިކުރުވެރިތޯ ބަލާ ޓެސްޓް ކުރާ ހިސާބަށް ތަނެއްގެ ޖިނާއީ އަދުލުގެ ނިޒާމް ދިޔައިމާ ފުލުހުން ދުވާނީ ގަހަކުން މުރަނގަ ފަތްކޯޅިއެއް ބިންނަ މީހާ ފަހައެވެ. ކުށް ސާބިތުވާނީ ހައި ބޮޑުވެގެން ރެޑްބުލް ދަޅެއް ނަގާ އާރެއް ބާރެއް ނެތް ޒުވާނާގެ މައްޗަށެވެ. ހުކުމް ފުރިހަމައަށް ތަންފީޒުކޮށް ދިރިއުޅުން ފުޑާލާނީ ފްރޭމްކޮށްގެން ބަންދުކުރާ ޒާތީ ހަސަދަވެރިންގެއެވެ.