ހައްދުފަހަނައެޅި ގައުމިއްޔަތުގައި ޗައިނާގެ އަޅަކަށް ރާއްޖެ
އެންމެ ބާރަށް ހަޅޭލީ ޔޫޓީއެފް އެއްބަސްވުމުގެ ވާހަކަ ނުވެސް ދައްކާ!
ޒާތް ޒާތުގެ " ހޭންޑް އޯވަރ ސެރަމަނީ" ތައް މި ދުވަސްވަރު ގިނަ ގިނައިން ދިވެހިންނަށް ފެންނާނެއެވެ. "ހޭންޑް އޯވަރ ސެރަމަނީ" ތައް ބާއްވާ ނިމޭއިރު ރާއްޖެ އޮންނަނީ އަތުނުލެވޭ ވަރަށް ޗައިނާއަށް "ހޭންޑް އޯވަރ" ވެފައެވެ.
އެހެން ނުވާންވީ ސަބަބެއް ނެތެވެ. ގޮތްނޭނގޭ އަޑިނޭނގޭ ތިރީހަކަށް އެއްބަސްވުމުގައި ޗައިނާއާއި އެކު ރާއްޖޭން މިވެރިކަމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މުއިއްޒު ޗައިނާއަށް ކުރި ފުރަތަމަ ދަތުރުގައި ސޮއިކުރި އެއްބަސްވުން ތަކުގައި ވަނީ ކީކޭކަން އެނގޭ މީހަކު ނެތެވެ. ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ވަނީ ސިއްރު ކޮށްފައެވެ.
ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުރީ ސަރުކާރުން 100އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފާ އޮވެގެން ހިފި ނުހުރެގެން ހަޅޭފަޅޭޖެހި މީހުނަށް ވެރިކަން ލިބުމާއެކު ވެރިކަމަށް ދެމަސް ނުވަނީސް ޗައިނައާއި އެކު ތިރީހަށް ވުރެ ގިނަ އެއްބަސް ވުމުގައި އެވަނީ ސޮއިކޮށްފައެވެ. އެ ރޭޓުން އެއްބަސްވުމުގައި ސޮއި ކުރާނަމަ ފަސް އަހަރުވާން ވާއިރަށް އެތައް ސަތޭކަ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.
އިންޑިއާ އާއި އެކު ކުރީ ސަރުކާރުން ސަތޭކައެއްހާ އެއްބަސްވުމުގައި ސޮއިކޮށްފައި އޮވެގެން އިންޑިއާގެ ހުއްދަނެތި ރައީސް ސޯލިހުގެ ވެރިއަކު އިށީދެ އިން ގޮނޑިން ތެދުވެ އެހެން ގޮނޑިއެއްގައި ނީށީނދެވޭ ވަރަށް އިންޑިއާގެ ދަށުވެފައިވާ ކަމަށް މުއިއްޒު ބުންޏެވެ. އެހެން ކަމަށް ވާނަމަ ޗައިނާ އާއި އެކު މުއިއްޒު ސަރުކާރުންވާ އެއްބަސްވުން ތަކުގެ ސަބަބުން ޗައިނާގެ ހުއްދަނެތި މުއިއްޒަށް ސާޖިދާއާވެސް ހަތަރުކަޅި ހަމަކޮށްލެވޭނެ ބާވައެވެ.
ކުރީގެ ސަރުކާރުން އިންޑިއާ އާއި އެކުވެފައިވާ އެއްބަސްވުންތަކަކީ ސިޔާދަތާއި މިނިވަންކަން ގެއްލޭވަރުގެ ނުރައްކާތެރި އެއްބަސް ވުންތަކެއް ކަމަށް ބުނެ މުއިއްޒު އޭރު ރައްޔިތުން ބިރުގެންނެވިއެވެ. އެ އެއްބަސްވުންތައް އަވީނުލައިގެން ހީވީ އުޑުބޮލަށް ވެއްޓޭތީ އުޅޭ ހެންނެވެ. ވެރިކަމަށް އަރާގޮތަށް އަރާ އިންޑިއާ އާއިއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް އަކުރުން އަކުރަށް ހާމަކޮށް ރައްޔިތުންނަށް ދައްކާނެ ކަމަށް ވެރިކަމުން ބޭރުގައި ތިބިއިރު އަޑުން އަޑުނަގާ މުއިއްޒު ގޮވާ ނެގިއެވެ.
ތިމަންގެ ވެރިކަމެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނުއޮންނާނެ ކަމަށް ބުނި މުއިއްޒަށް ޖެހުނީ ހެދިހާ ދޮގު ފަޅާއަރާ އޮރިޔާން ހާލު ޖެހެދާނެތީ ހުރިހާ ކަމެއްވެސް ސިއްރު ކުރާށެވެ. ފޮނުވި ސިޓީއަކުން ކަނޑު ވިއްކާލި ކަމަށް ވެގެން ހާމަ ނުކޮށްގެން އުޅުނު ސިޓީ ހާމަކުރުމުން ލިބުނު ލަނޑު ހުރިހާ ކަމެއްގައި ލިބޭކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ.
ވެރިކަން ލިބުމުން ހާމަކުރަން ބުނި އެއްވެސް އެއްބަސްވުމެއް އެހެންވެ މުއިއްޒަކަށް ހާމައެއް ނުކުރެވުނެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ކުޑަވެސް ކަމެއް އެއިން އެއްބަސްވުމެއްގައި ނެތުމުން ރައްޔިތުން ކުރިމަތީ ބަރަހަނާ ނުވާން ވެގެން އިންޑިއާ އާއި އެކުވެފައިވާ އެއްވެސް އެއްބަސް ވުމެއް ހާމަކުރާކަށް ނުކެރުނެވެ. އިންޑިއާ އާއި އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ތަކުގެ ތެރެއިން އައު ނުކުރާން ނިންމީ ކަނޑު ދިރާސާ ކުރުމާބެހޭ އެއްބަސްވުން އެކަންޏެވެ. އެންމެ ބާރަށް ހަޅޭލީ ޔޫޓީއެފް އެއްބަސްވުމުގެ ވާހަކަ ނުވެސް ދައްކައެވެ.
އިންޑިއާ އާއިއެކު ވެފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ ޗައިނާއާއިއެކު އެކަމަށް އެއްބަސް ވުމަށެވެ. ޗައިނާއަށް ގޮސް އެއްބަސްވުން ތަކުގައި ސޮއި ކުރުމާއެކު ޗައިނާގައި އޮންނަ އެންމެ މަތީފެންވަރުގައި ކަނޑުގެ ސާރވޭ ކުރާ އުޅަނދު ރާއްޖެއަށް އަންނަން ހުއްދަދީ އިންޑިއާ ކަނޑުއަޑީގެ ސާރވޭ ކުރުމުގެ ފުރުސަތު ޗައިނާއަށް ރާއްޖޭން ދިނީއެވެ. ގައުމީ ސަލާމަތަށް ނުރައްކާ ވެގެން އިންޑިއާ އާއި ވަތްކަނޑާލާ ޗައިނާއަށް ރާއްޖެ ހުޅުވާލީއެވެ.
ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް އިންޑިއާއިން އެހީތެރިވެ ބައެއް ބޮޑެތި މަޝްރޫއު އިންޑިއާ ކުންފުނިތައް މެދުވެރިކޮށް ކުރީ ސަރުކާރުން ހިންގާތީ ރާއްޖޭގެ ދަހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވައްދާކަމަށް ވެގެން ލީހަޅޭކުގައި ވެރިކަން ބަދަލުވެ މުއިއްޒު ވެރިކަމަށް ސަވާރުވުމުން މި ޖެހުނީ ވަކިން ކޮންތަކު ހެއްޔެވެ. ޗައިނާއިން ކަނޑު ސާރވޭކޮށް މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސް އަޅަން އެއްބަސްވެ ނިމުނީއެވެ. ރަށްރަށުގައި ނަރުދަމާ އަޅާ މަދަރުސާ އަޅާ މިސްކިތްއަޅާ ކައިވެނި ކޮށްދީ މީހުން ވަޅުލާ ހެދުމާ ޗައިނާ ސަރުކާރުން ހަވާލުވަނީއެވެ. ސަރަހައްދު ބެލެހެއްޓޭ ވަރަށް ނަމުގައި ދިވެހި ސިފައިން ގާބިލު ކުރަނީއެވެ.
މުއިއްޒުގެ ގޮތް ދޫނުކުރުމާއި ނެއްގާނި ހަރުކަށިކަމުގެ ނަތީޖާއެއްގެ ގޮތުން ނިއުކުލިއަރ ދެބާރުގެ ހަނގުރާމައިގެ މައިދާނަކަށް ރާއްޖެ ވެނިމެނީއެވެ. ހައްދު ފަހަނައެޅި ގައުމިއްޔަތުގައި ޗައިނާގެ އަޅަކަށް ރާއްޖެ ވާތަން ދެކެން ތިބޭށެވެ. ޗައިނާގެ ގޮނޑިކޮއްކޮ މުއިއްޒަށް މުލިއާގޭގައި ހެދި ސާޖިދާގެ ޖަކޫޒީން ފެން ފޮދެއްގައި ޖެހެލެވޭނީ ވެސް ޗައިނާ ބުނާ ވަރަކަށް ބުނާ ގޮތަކަށެވެ.