އުރުދުގާނު ހެދިގެން ވާދަވެރިންނާ ނުރުހޭ ސިފައިންނަށް ޖަލުގޮޅި!

ބައްޓަންކޮށް ތަރުތީބު ކުރަމުން ގެންދަނީ އުރުދުގާނު ދިޔަމަގުން ދިޔުމަށް

އުރުދުގާނު ހެދިގެން ވާދަވެރިންނާ ނުރުހޭ ސިފައިންނަށް ޖަލުގޮޅި!

ރާއްޖެ މިޖެހެލީ ހާދަކުރިއަކަށެވެ. ފާއިތުވެ ދިޔަ ހުކުރު ދުވަހުގެ ރޭ އެމެރިކާއާއި ރަޝިޔާ ވެސް ސިއްސުވާލައިފިއެވެ. ދުނިޔޭގެ ވައިގެ ބާރަކަށް ރާއްޖެ ބަދަލު ކޮށްލީއެވެ. މިހާރަކު ދެން ރާއްޖެއާ ސަމާސާއެއް ނުކުރެވޭނެއެވެ. 

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެގެން މަސް އޮޑި ފަހަރަކަށް އިންޑިއާ ސިފައިންނަކަށް ދެނެއް ނޭރޭނެއެވެ. ކަނޑުކަހާ ބޯޓު ފަހަރަކަށް ރާއްޖޭގެ ސަރަހައްދުގައި ދައުއަޅައިގެން މަހެއް ދެން ނުނެގޭނެއެވެ. ލަންކާ އިންޑިއާގެ މަސްވެރިންނަށް ރިފި ރާގޮނޑިއެއްހާ މިންވަރުވެސް ރާއްޖޭގެ ސަރަހައްދަކުން ދެން ނުގެންދެވޭނެއެވެ. ކަނޑުފޭރޭ ބަޔަކަށް ރާއްޖެއާ ކުޑަބޭރުވެސް ނޭރޭނެއެވެ. ވަގު ހަތިޔާރާއި ތެލުގެ ވައްކަން ކުރާކަށް ރާއްޖޭގެ ކަނޑުގެ ތެރޭގައި ދެން ލާހިކެއް ނޫނެވެ. މަސްތުވާ ތަކެތި އެތެރެވުމާ ބޭރުވުން އެކީއެކައްޗަކަށް ބަންދުވީއެވެ. 

2000 އަހަރަށް ވުރެ ގިނަ ދުވަސްވީ ދިވެހި ރާއްޖެ ދިވެހިންގެ ރާއްޖެއަކަށް މިވީ އަދިކިރިޔާއެވެ. ސިޔާދަތުގެ ރަތް ރޮނގު ކަނޑު އަޑިން ފެށިގެން ހަތްއުޑުގެ މައްޗަށް ދާންދެން ވަށައިގެން ދަމާ ލެވުނީ އަދިކިރިޔާއެވެ. ތުރުކީން ގެނައި ބޭރަކްތާރު ދެ ޑްރޯނުން ދުނިޔެ ސިއްސުވާލާވަރުގެ ވައިގެ ފައުޖެއް ރާއްޖޭގައި އުފެދުނީއެވެ. 

އިންޑިއާ އަކަށް ދެން ވައްވަކެއް ނުޖެއްސޭނެއެވެ. ރާއްޖޭގެ ކުރި މަތީގައި ޖެހޭނީ ސައިޒުވާށެވެ. ރާއްޖޭގައި މިހާރު ހުރިއްޔަކީ ތަސައްވުރެއް އަމާޒެއް ނެތް ވެރިއެއް ނޫނެވެ. ކަންކަން ކުރެވޭނީ ވިސްނުމެއް ހުރެގެންނެވެ. އިންޑިއާ ސިފައިން ބާލާ ނިމިއްޖެއެވެ. ދިވެހިންގެރާއްޖޭގައި އަންޑަވޯޓަރ ޓަނަލެއް ކަނޑު އަޑީގައި އަޅާ ނިންމާލިތާ މަހެއް އަދި ނުވެއެވެ. ދެ ޑްރޯނުން ދުނިޔެ ސިހޭވަރުގެ ވަރުގަދަ އެއަރފޯހެއް އުފެއްދުނީއެވެ. ސެޓެލައިޓާއި ނިއުކުލިއަރ ހަކަތަ އުފައްދަންވެސް ލަހެއްނުވެ ދިވެހިންގެ ރާއްޖޭން ފަށާނެއެވެ.

ސަހަރޯއެވެ. ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. ދިވެހީންގެ ރައީސް އުރުދުގާނު ހެދިގެން ކުރަން މިއުޅެނިއްޔަކީ ސަހަލު ކަމެއް ނޫނެވެ. ސިފައިން ހައްދައިގެން ސިފައިން ބާރުވެރިވެރިކުރާ ކަމަށް ދައްކައިގެން ކުރަން އެއުޅެނިއްޔަކީ ސަމާސާ ކަމެއް ނޫނެވެ. އުރުދުގާނު ދިޔަމަގުން ގޮސް ގައުމު ކިހިލި ޖަހާލަން މުއިއްޒު ކުރާ މަސައްކަތާ މެދު ފިސާރި ރަނގަޅަށް ލޯހުޅުވައިގެން ފަރުވާތެރި ވާން ޖެހެއެވެ. 

2016 ވަނަ އަހަރު ހަނދާނަށް ގެންނާށެވެ. ބަގާވާތެއް ކުރިކަމުގެ ތުހުމަތުގައި ސިފައިންނެރެ އެތައް ހާސް ބަޔަކު ތުރުކީން މަރާލީ ކާކު ކީއްވެގެންކަން އޮޅިފައެއް ނުއޮންނާނެއެވެ. ސިފައިންގެ އެތައް ޖެނެރަލުންނާއި އިލްމުވެރިންނާ ސިޔާސީ ލީޑަރުންނާއި އާއްމުންގެ އެތައް ބަޔަކު ތާޅާ ރޯނާގަންނަވާލި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ތުރުކީގެ އެތައް ހާސްބަޔަކު ގައުމު ދޫކޮށް ދާން ޖެހުނީ ކާކު ބާރާއާރު ހޯދަން ވެގެންކަން އެނގޭ ނޫން ހެއްޔެވެ.

ޑރ. މުއިއްޒުގެ ނަމޫނާ ލީޑަރަކީ އުރުދުގާނެވެ. މުއިއްޒުގެ ހުރިހާ ކަމެއް ބައްޓަންކޮށް ތަރުތީބު ކުރަމުން އެގެންދަނީ އުރުދުގާނު ދިޔަމަގުން ދިޔުމަށެވެ. ދިވެހިރާއްޖެ ކިހިލި ޖަހާލުމަށެވެ. ދެވަނަ އުރުދުގާނަށް ވުމަށެވެ. ސިފައިން ހައްދައިގެން އެވަރެއް ނެތްކަމަށް ދައްކައިގެން ކުރަން އެއުޅެނީ އެކަމެވެ. ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން މުއިއްޒުގެ ހަގީގީ ސިފަ ފާޅުވާނެއެވެ.