ޔާމީނު ޓިކެޓް ދުލެއްނުކުރާނެ އަދި ވާދަވެސް ނުކުރާނެ!
މަގުމަތީ ހަރަކާތަށް ވަމުންދާ ގޮތް އެބަފެނޭ
ރައީސް ޔާމީނަށް މާ ހެވެއް އެދިގެން ރައީސް ޔާމީނުގެ ވާހަކަ ދައްކަނީކީ ރައީސް ޔާމީނަށް ވެރިކަން ހޯދާދޭން ނޫންކަން އެންމެނަށްވެސް އެބަ އެނގެއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފެން ބޮވާފައި ތިބި ވަރުން ރައީސް ޔާމީނުގެ ތާއީދުގައި އެންމެ ފަހު ވަގުތު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިދާނެ ކަމުގެ ހުވަފެނުގައި ފިލިޖަހަނީކަން ނޭނގެނީ ކާކަށް ހެއްޔެވެ.
ޕީޕީއެމް ޓިކޮޓް ހޯދައިގެން ވެރިކަމަށް އަންނަން އުޅޭ މީހުން ދެލޯ ފޮހެލާފައި ރަނގަޅަށް ބަލައިލަ ބަލާށެވެ. ވެރިކަމެއް ބަދަލުކޮށްލެވޭ ވަރުގެ ތާއީދެއް ޕީޕީއެމަށް ނެތްކަން ސާފުވާނެއެވެ. ފުއްޕާފައި ނިކުމެ ޖެއްސި އިންޑިއާ އައުޓު ހިނދި އެކަމާ މަގަށް ނިކުންނާނެ މީހަކު ނުވެ ރިޔާސީ ގަރާރަކަށް ފޫޅުކަނޑާ އެކަން ދިޔައީ ތޮޅިއަށެވެ. ގަޓެއް ހުރިނަމަ ރިޔާސީ ގަރާރެއްގެ ދަށުވެ އިދިކޮޅު ހަރަކާތް ބޮކި ޖަހާ އަޑިއަކަށް ނުދާނެއެވެ. ވުޖޫދުގައި ނެތްކަންކަން އުފައްދައިގެން ރައްޔިތުންގެ ލޭ ހޫނުކުރުވަން އުޅުނަސް ދިވެހި ގިނަ ރައްޔިތުންނަށް ވާނުވާ އެނގެއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމާ ގުޅިގެން ޕްރެޝަރ އުފެއްދުމަށާއި ޕީޕީއެމްގެ ތާއީދު ހިފަހައްޓަން ހަރާން ހުކުމުގެ ނަމުގައި ފެށި މަގުމަތީ ހަރަކާތަށް ވަމުންދާ ގޮތް އެބަފެނެއެވެ. ދޮޅަހަކަށް އަންހެނުން ނެރެގެން ކޮންމެ ރެއެއްގެ އިރާދަމުން ބައެއްގައި ޖަހާ ސަކަރާތަށް ވަމުން ދާގޮތް އެބަ ފެނެއެވެ. ވިއްސަކަށް މީހުން ނުތިބެއެވެ.
ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ޕީޕީއެމް އިސްވެ އޮވެ ވާދަވެރި އެންމެން އެއްކޮށްގެން ހިލަން އުޅުނު ފުއްގަނޑު ނުހިލި ދިޔައީ ތޮޅިއަށެވެ. ޗާގޯހޭ ކަނޑޭ ކިޔައިގެން ދެއްކިހާ ވާހަކަ ގަބޫލުކޮށް އަޑު އެހި މީހަކު މަދެވެ. ގައުމީ ކަމެކޭ ކިޔައިގެން ރޮއެ އާދޭސް ކުރަމުން ފަހަތުން ދުވެގެން ވެސް ހެޔޮވަރުގެ އަދަދަކަށް ސޮޔެއް ނުލިބުނެވެ. އެންމެ ފަހުން މަޑުމަޑުން ގަނޑު ރޫޅި ވިއްސި ވިހާލިވަނީއެވެ.
އިސްމީހުން ފިލާތިބެ އަތަށް ބޯޑުދީފައި އިހުތިޖާޖުގެ ނަމުގައި ޔާމީނަށް އިންސާފު ހޯދާށޭ ކިޔައިގެން އައުކަމެއް ފަށައިފިއެވެ. ސަރުކާރުގެ މުއައްސާތަކުގެ ކުރިމައްޗަށް ބަޔަކު ފޮނުވުމެވެ. ހައެއްކަ މީހުންނަށް ވުރެ ގިނަ ބަޔަކު ގޮހެއް ނުތިބެއެވެ. އިއްޔެވެސް ޖެއެސްސީ ކުރިމަތީގައި ބޯޑު ިފައިގެން ތިބީ އެންމެ 9 މީހުންނެވެ. ބިޔަ ބޮދު މަސިންގާ ޕާޓީ ޕީޕީއެމްގެ ފެންވަރަކީ އެއީއެވެ. އެހުރިހާ ކަމަކުން ވެސް ރައީސް ޔާމީނާއި ޕީޕީއެމްއަށް ވެރިކަމަށް އާދެވޭ ވަރުގެ ތާއީދު ނެތްކަން ކިތަންމެ ރަނގަޅަށް ވެސް އެނގެއެވެ.
އެހެން ނޫނަސް ރައީސް ޔާމީނު ހަމަ ހޭފުޅުގައި އޮންނަވަނިކޮށް އެހެން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް އެހެން މީހަކަށް ނުދޭނެއެވެ. ރައީސް ޔާމީނު ވާދައެއްވެސް ނުކުރައްވާނެއެވެ. އެހެން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީގެން ޕާޓީ އަތްޕުޅުން ގެއްލޭކަށް ރައީސް ޔާމީނު ފުރުސަތެއް ނުދެއްވާނެއެވެ.