އާބަދީގެ 1/3 އަށް ބިދޭސީން އުޅެމުން ދާއިރު ގައުމިއްޔަތު ސަރުކާރު ކޮބާ!

އާބަދީގެ 1/3 އަށް ބިދޭސީން އުޅެމުން ދާއިރު ގައުމިއްޔަތު ސަރުކާރު ކޮބާ!

ރާއްޖޭގައި ބޯހިމެނުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ބުނަނީ ރާއްޖޭގައި 515122 މީހުން އުޅޭކަމަށެވެ. ދިވެހިންގެ އާބާދީއަކީ 382751 އެވެ. ބިދޭސީންގެ އަދަދަކީ 132000 އެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 25 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. ރާއްޖޭގައި 16 އަހަރުން ދަށުގެ އުޅެނީ ގާތްގަޑަކަށް 103000 ކުދިންނެވެ. އެހެން ކަމުން ދިރިއުޅޭ އާބާދީގެ 1/5 އަކީ ކުޑަކުދީންނެވެ. ރާއްޖޭގައި އުޅޭ 16 އަހަރުން މަތީގެ އާބާދީ ގާތްގަޑަކަށް ހަތަރު ލައްކައެވެ. 

15 އަހަރާއި 64 އަަރާދެމެދުގެ އާބާދީއަކި 391000 މީހުންނަށް ވާއިރު އޭގެތެރެއިން 132000 މީހުން ނަކީ ބިދޭސީންނެވެ. އެހެންކަމުން 16 އަހަރުން މަތީ އާބާދީގެ 1/3 އަކީ ބިދޭސީން ކަމަށްވުމުން ގައުމުގެ ކަންކަން އޮންނާނެ ގޮތް ހިތައް އަރުވާލާށެވެ. އަނެއްކޮޅުން 65 އަހަރުން މަތީގެ އާބާދީ އިތުރުވާ ނީސްބަތްހުރީ އެހާ މަތީގައެވެ. ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދުވަސްވީ މީހުނަށް ކުރަންޖެހޭ ހޭދައިތުރުވެ ދިވެހިންގެ މަސައްކަތްތެރި އާބާދީ ދަނީ ދަށަށެވެ. އުފަންވާ ރޭޓް ދަށްވުމާއި މަސައްކަތުގެ އާބަދީގެ ތެރެއިން މަރުވާ ރޭޓް މައްޗަށް ދާކަމީ ހަގީގަތެކެވެ. 

އޯވަރޑޯޒް ވެގެން ޒުވާނުން މަރުވުމާއި މަސައްކަތް ނުކުރެވޭ ވަރަށް ބަލި ޒުވާނުން ދަނީ އިތުރު ވަމުންނެވެ. މުސްކުޅިން އިތުރުވުމާއި ބަލި ޒުވާނުން ގިނަ ވީވީހެން އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިގެން އިތުރުވާ ގައިން ގަޔަށް ނަރާ ބޮޑެތި ބަލީގެ މީހުން އެހާމެ ގިނައެވެ. އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހޭދަ ބޮޑު ވީވީހެން ފަރުވާކުރާ ބަލި މީހުނަށް އާސަންދަ ފިއްތާލުން ނޫން ވިސްނުމެއް ވެރިންގެ ނުހުރެއެވެ. 

ދިވެހި މަސައްކަތްތެރިން މަދުވެ ވަކި ބާވަތެއްގެ މަސައްކަތްތަކަކީ ހަމައެކަނި ބިދޭސީން ކުރާކަންކަމަށް ވެއްޖެއެވެ. ރާއްޖޭއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބޮޑުބައެއް ބިދޭސީން ހިއްސާ ކުރާއިރު ބިދޭސީންގެ އަތްމަތިންލާފައި ގައުމުން ބޭރުވާ ފައިސާ އެހާ ގިނައެވެ. ވޯކްޕާމިޓެއް ވިސާއެއް ޕާސްޕޯޓެއް ނެތަސް ބޭރު މީހުން ރާއްޖޭގައި އުޅޭނެހާ ގޮތަކަށް އުޅެން އޮތީ ހުޅުވިފައެވެ. ކަންމަތީ ފިހާރަތަކާއި ހޮޓާކެފޭ ތަކާއި ދުވަހުކުލީ ކޮޓަރި ކުއްޔަށް ދިނުމަކީ ބިދޭންސީ ކުރާ ވިޔަފާރިއަކަށް ބަދަލުވެއްޖެއެވެ. ރަށްރަށުގެ ވަލު ރުއްގަހުގެ ކާއްޓާއި ބަނބުކޭލާއި ކަނަމަދާއި ދަނޑު ބިންތަކަކީވެސް ބިދޭސީންގެ ތަންތަނަ ތަކެއްޗަށް ވެއްޖެއެވެ. މަސްވެރިކަމަކީވެސް މިހާރު ބިދޭސީން ކުރާކަމަކަށް ވެގެން ދަނީއެވެ. 

މިއަދު މަސައްކަތު އާބަދީގެ 1/3 ހިއްސާކުރާ ބިދޭންސީގެ އާބަދީ، 2030 އަށް ދާއިރު 1/2 އަށް އަރާނެކަމަށް ބެލެވެއެވެ. އެކަމަކު ބޭރު މީހުން އެތެރެ ކުރުމަކީ ބައިއަޅައިގެން ބަޔަކު ކުރާ ބޮޑު ވިޔަފާރިއަކަށް ހަދާފައި އޮތުމުން އެކަން ހުއްޓުވޭވަރުގެ ސަރުކާރެއް ނާދެއެވެ. ގައުމުގެ ކަންކަން ކޮންމެހެނެއް ދިޔަސް 5 އަހަރު ތެރޭގައި ވީވަރެއް ކޮށްލައިގެން ބެޗުންނޫން ކަމެއް ވެރިންނަށް ނެތް ކަހަލައެވެ. އާބަދީގެ 1/3 އަށް ބިދޭސިން އަރައިގެންދާއިރު އެބުނާ ގައުމިއްޔަތު ކޮބާ ހެއްޔެވެ.