ހިސާބު ޖަހަޖަހާ ތިއްބާ 2023 ވެސް އިބޫއަށް
ސޯލިހު ވެރިކަމަށް އައިއްސުރެ އިދިކޮޅުން ތެޅިފޮޅުނީ ބަދަލު ކުރަން
އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީގެ ގޮނޑިތަކެއް ޕީޕީއެމަށް ލިބިގެން އާދަން ޝަރީފު އުމަރު މެން ދަތްމަށްޗަށް ތުންނާރައިގެން އެބަ އުޅެއެވެ. މާބޮޑު ކާމިޔާބީއެއް ލިބިގެންނޯލައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީގެ ގޮނޑިތަކެއް ޕީޕީއެމަށް ލިބުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ބަލިވާނެ ކަމުގެ ފާލެކޭވެސް އެބަ ބުނެއެވެ.
ރަންކޮޅާ އާދަނާއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަކީ ރަށްރަށުގެ ވަކިވަކި އާއިލީ މަސްލަހަތާ ގުޅިފައި އޮންނަ އިންތިހާބެއް ކަމެއް އާދަނުމެނަކަށް ނޭނގޭދޯއެވެ. ތިޔަ ބުނާ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ވަގުތާ ހަކަތަ ދުއްވާލުމުގެ ޝައުގުވެރި ކަމެއް މި ވަގުތު އެމްޑީޕީގައި އޮތްނަމަ ތިޔަ ގޮތަށް ދަތް ދިލުވައިގެން އާދަނުމެން ތިބޭކަށް އެމްޑީޕީން ފުރުސަތެއް ނުދިނީހެވެ. އެންމެ ފަހުން އޮތް މަޖިލިސް ގެ ބައި-އިލެކްޝަން ތަކުން އާދަނަށް އެކަމެއް ނޭގުނުދޯއެވެ.
ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ ބަޅު ރުކު ވޯޓު ލިބިގެނެއް ނޫނެވެ. އާދަނުމެން ތިޔަ ފާޑަށް ހިސާބު ޖަހަޖަހާ ތިއްބައެވެ. ރައީސް ސޯލިހު ސަރުކާރު ވެރިކަމަށް އައިއްސުރެ އާދަނުމެން ތެޅިފޮޅުނީ ސަރުކާރު ބަދަލު ކުރުމަށެވެ. ވީކަމެއް ހަރާމުން ހަރާމެވެ. އަމާން ކަމާއި ފަސޭހަ ކަމާއެކު ފަސް އަހަރުގެ ދައުރެއް ނިންމާ ދެވަނަ ދައުރަށް ރައީސް ސޯލިހު ސަރުކާރު އެ އޮތީ ފައްކާވެފައެވެ.
އެމްޑީޕީން މިހާރު ކުރާ މަސައްކަތަކީ އެއްބުރުން ރައީސް ސޯލިހަށް ދެވަނަ ދައުރު ހޯދާދިނުމުގެ މަސައްކަތެވެ. ވާދަވެރިންހެން އެމްޑީޕީ ފޯކަސް ގެއްލިގެން ނޫޅެއެވެ. އެމްޑީޕީ މި ދަނޑިވަޅު އަމާޒު ހިފާފައި އޮތީ ދެވަނަ ދައުރު ކާމިޔާބު ކުރުމަށެވެ.
ރިޔާސީ އިންތިހާބު މިހާރު މިއޮތީ ނަގާ ބޯމަތިވެފައެވެ. އާދަނުމެން އަޑަށް ބާރުލާފައި ތިޔަ ދައްކަނީ ރައީސް ޔާމީނު އިންތިހާބު ކާމިޔާބު ކުރާނެ ވާހަކައެވެ. ތިޔަހެން ހިޔާލީ ފޮލާ ކައްކާލަ ކައްކާލަ ތިއްބާ ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާތަން ދެކެން ތިބޭށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ވުރެ ރަނގަޅު އެހެން ގޮތެއް ނެތްކަން ދިވެހި ގިނަ ރައްޔިތުން ދަނެއެވެ. ފެށިފައި ހުރި ކަންކަން ހުއްޓާލާ އަނެއްކާ ފެށި ހިސާބަށް އެނބުރި ދާކަށް ރައްޔިތުން ނޭދެއެވެ.
އުމަރު ނަސީރާއި ގާސިމް ފަދަ ރައްޔިތުން ބަލައި ނުގެންފައި ތިބި ބަޔަކު ދެންވެސް ބަލައިގަންނާކަށް ގިނަ މީހުނަށް ފަސޭހައެއް ނޫނެވެ. ޔާމީނާއި ނަޝީދު ފަދަ ޓެސްޓެޑް ފޭލިޔަރުންނަކަށް ވެސް އޯކޭއެއް ނޫނެވެ. ރައްޔިތުން 2013 ގައި ނަޝީދު ވަނީ ފޭލިކޮށްލަފައެވެ. ޔާމީނު ވެސް 2018 ގައި އެއޮތީ ފޭލި ކޮށްފައެވެ. ފޭލިޔަރުންނަށް ޖާގަ ނުދީ ރައީސް ސޯލިހުގެ ސުލްހަވެރި އަމާން އޮމާން ތަފާތު ނުކުރާ ވެރިކަމަށް ދެވަނަ ދައުރު ދީގެން ގައުމުގެ ހަލަބޮލިކަން ފިލުވާލުމަށް ރައްޔިތުން ތިބީ ކެތް މަދުވެފައެވެ.