ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ފިލިޕީންސްގެ ބޯހޯލް ރަށްއިންނަ ސަރަހައްދުން 120 މީހުން ގޮވައިގެން ދިޔަ ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެގައުމުގެ ކޯސްޓްގާޑުން އާދީއްތަ ދުވަހު ބުނެފިއެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްވީ އެސްޕެރަންޒާ ސްޓާގެ ފަހަތުން ކަޅު ދުންގަނޑަކާއި އެކު އަލިފާންގަނޑެއް ރޯވެފައިވެއެވެ.

ކޯސްޓްގާޑުން ބުނަނީ ބޯޓުން ދަތުރުކުރި 120 މީހުންނާއި ފަޅުވެރިން މިހާރުވަނީ ސަލާމަތް ކުރެވިފައިވާ ކަމަށެވެ. މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ބުނެއެވެ.

ފޭސްބުކްގައި ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ރެސްކިއު ބޯޓުތައް ބޯހޯލްގެ ޕަންގްލާއޯގެ ކަނޑުގެ ސަރަހައްދުގައި މަޑުކޮށްގެން މިހާލަތު މޮނިޓަރ ކުރަން ތިބޭނެ ކަމަށެވެ.