ބޯކޮށް ވާރޭވެހި މެލޭޝިޔާއިން މީހުން މަރުވަނީ

އެންމެ ފަހުން މަރުވެފައި ވަނީ 68 އަހަރުގެ އަންހެނެއް

ބޯކޮށް ވާރޭވެހި މެލޭޝިޔާއިން މީހުން މަރުވަނީ

ބޯކޮށް ވާރޭވެހި މެލޭޝިޔާގެ ބައެއް ސްޓޭޓްތައް ފެންބޮޑުވުމާ ގުޅިގެން ހަތަރު މީހުން މަރުވެއްޖެއެވެ. މެލޭޝިއާއަށް ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މެލޭޝިޔާގެ ދެކުނުގައި އޮންނަ ޖޮހޯރް ސްޓޭޓަށެވެ.

ފެންބޮޑުވުމާ ގުޅިގެން އެކަކު މަރުވެފައި ވަނީ އޭނާ ދަތުރުކުރަމުންދިޔަ ކާރު ކޯރަކަށް ދަމައިގަތުމުންނެވެ. އުމުރުން ދުވަސްވީ ދެމަފިރިއަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ. އެންމެ ފަހުން މަރުވެފައި ވަނީ 68 އަހަރުގެ އަންހެނެކެވެ.

މެލޭޝިޔާގެ ސަރަޙައްދު ތަކަށް މިހާރުވެސް ދަނީ ހުއްޓުމެއްނެތި ވާރޭވެހެމުންނެވެ. އަނެއްކޮޅުން ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 41,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ވާރޭވެހެމުން ދަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ތަކަށް ވަނީ ހުރަސް އެޅިފައެވެ. ގެދޮރާއި އާންމުންގެ މުދަލަށް ވެސް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރަށް ވަނީ ގެއްލުންތައް ލިބިފައެވެ.

ފެންބޮޑުވުމުގެ އަސަރު މެލޭޝިޔާގެ ހަ ސްޓޭޓަކަށް ކޮށްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައި ވަނީ ޖޮހޯރްގައެވެ. އެ މީހުން ބަދަލުކޮށްފައި ވަނީ ސްކޫލްތަކާއި އިޖުތިމާޢީ މަރުކަޒުތަކަށެވެ. ޖޮހޯރްގެ ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި، ބައެއް ސަރަޙައްދުތަކުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ހުސްވެފައިވާ ކަމުގައި ފުލުހުން ބުނެއެވެ.

ހާލުގައި ޖެހިފައިވާ މީހުނަށް ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދޭން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ވައިގެ މަގުން އެހީގެ ސާމާނު ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ. 

ފާއިތުވި 50 އަހަރުގެ ތެރޭގައި ޖޮހޯރަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ އެއް ހާދިސާ ކަމުގައި މި ހާދިސާ ވާކަމަށް އެތާނގެ ނޭޗަރ ސޮސައިޓީގެ ރައީސް ވިންސެންޓް ޗައު ވިދާޅުވިއެވެ. ކުރިއަށް މޫސުން ލަފާކުރުމަކީ ދަތި ކަމަކަށް ވެފައިވާ ކަމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވި ތޫފާނެއް ކަމަށް ބެލެވެއެވެ.

މެލޭޝިޔާގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރު ފެންބޮޑުވުމާ ގުޅިގެން 118,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.