ފަގީރުން ފިތުރު ޒަކާތް ދައްކަންޖެހޭތަ!

ރާއްޖޭގައި ފިތުރު ޒަކާތަށް ނެރެންޖެހެނީ 2.4 ކިލޯ އާދައިގެ ހަނޑޫ

ފަގީރުން ފިތުރު ޒަކާތް ދައްކަންޖެހޭތަ!

ފިތުރު ޒަކާތުގެ ހުކުމް:

ފަގީރު ވުމަކުން މުއްސަނދި ވުމަކުން ފިތުރު ޒަކާތުގެ ވާޖިބުކަން އެއްވެސް މުސްލިމެއްގެ ކިބައިން ކެނޑިގެނެއް ނުދެއެވެ. އީދު ދުވަހަށް އިރު އެރުމުގެކުރިން އުފަންވާ ތުއްތުކުއްޖާގެ ފަރާތުންވެސް ފިތުރު ޒަކާތް ނެރެން ޖެހެއެވެ. މުސްލިމުންގެ ތެރެއިން ބޮޑެތިމީހުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މިނިވަނުންނާއި އަޅުންގެ މައްޗަށް ފިތުރު ޒަކާތް ވާޖިބެކެވެ. މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ސޯއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީ) ސޯއެއްގެ މިންވަރު، ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ރަސޫލާ އަމުރު ކުރެއްވިއެވެ. 

ހިކުމަތް:

* މިކަމުގައި ފަގީރުންނަށް އިހުސާންތެރިވުން ހިމެނެއެވެ. އަދި އީދު ދުވަހުގައި ސަލާމް ޖެހުމުން ދުރުހެލިވުމަށް މިކަމުން މަގުފަހިވެގެންދެއެވެ. އަދި މުއްސަނދިންނެކޭ އެއްފަދައިން ފަގީރުން ވެސް އެ ދުވަހުގައި އުފަލުގައި ބައިވެރިވެ، އެންމެންގެ އީދަކަށް އެ ދުވަސް ވެގެން ދެއެވެ.

* ދީލަތިކަމުގެ ސިފައިންނާއި ހެޔޮ ފޯރުކުރުމުގެ ސިފައިން، ސިފަ ލިބިގަތުން މިކަމުގައިވެއެވެ.

* ރޯދަވެރިޔާގެ ރޯދައިގައި މެދުވެރިވެފައިވާ އުނިކަމާއި ފާފަތަކާ އަދި ބޭކާރު ވާހަކަތަކަށް ހުރި ތާހިރުކަމަކަށް ވެގެންދެއެވެ.

* ރަމަޒާން މަސް ފުރިހަމަކޮށްދެއްވިކަމަށްޓަކައި މާތް ރައްބަށް  ޝުކުރުވެރިވުން މިކަމުގައި ހިމެނެއެވެ. އެއީ އެމަހުގައި ރޯދަހިފުމާއި ރޭ އަޅުކަން ކުރުމާއި ހެޔޮ އަމަލުތައް ކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކައެވެ.

ޒަކާތަށް ނެރެންޖެހޭ ބާވަތްތައް:

އާދަމުގެ ދަރިން ކެއުމުގެ ގޮތުގައި ބޭނުންކުރާ ތަކެތިން ނެރެވިދާނެއެވެ. ކަދުރާއި ރަނގަޅު ގޮދަނާއި ހަނޑުލާއި ހިކިމޭބިސްކަދުރާއި އަގިއްތު( ކިރު ހިއްކައިގެން އަރަބި ގައުމުތަކުގައި ހަދާ ކާ އެއްޗެއް) އަދިވެސް އެ ނޫންވެސް ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނެއެވެ. ފިތުރު ޒަކާތުގެ ގޮތުގައި އެ ގައުމެއްގައި އާންމު ކާނާގެ ގޮތުގައި ބޭނުން ކުރާ، ގިނަދުވަހަށް ރައްކާކުރެވޭ ބާވަތްތަކުން ނެރެވިދާނެއެވެ.

ކަދުރުން ސޯއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީއިން) ސޯއެއްގެ މިންވަރު، ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވެއެވެ. ރަސޫލާގެ ޒަމާނުގައި އަރަބިންގެ މައިގަނޑު ކެއުމަކީ ކަދުރާއި ހިމަ ގޮދަނެވެ. 

ނެރެންޖެހޭ މިންވަރު:

* އެއީ ނަބަވީ ސޯއެއްގެ މިންވަރަށެވެ. މިސްގާލުން ބަލާއިރު އެއީ 480 މިސްގާލެވެ. އަދި ކިލޯއިން އެއީ 2.040 ކިލޯއެވެ. ރާއްޖޭގައި ބަލާ ރަސްމީ މިންގަޑަކީ 2.4 ކިލޯ ގްރާމެވެ. 

ނެރެން ޖެހޭ ވަގުތު:

* މޮޅުއިތުރު ވަގުތު:

އީދު ނަމާދުގެ ކުރިން، އީދު ދުވަހުގެ ހެނދުނު ވަގުތެވެ. ކީރިތި ނަބިއްޔާގެ ދުވަސްވަރު، އީދު ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތީގެ ސޯއެއްގެ މިންވަރު ތިމަން ބޭކަލުން ނެރުއްވަމޭ ސައީދުލްހުދުރީ ރިވާކުރެއްވި ހަދީސްފުޅެއްގައި ވެއެވެ.

* ހުއްދަ ވަގުތު:

އީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ފިތުރު ޒަކާތް ނެރުން ހުއްދައެވެ. ނާފިއުގެ އަރިހުން ރިވާވެގެންވާ ހަދީސެއްގެ މަނާގައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު އުމަރު ފިތުރު ޒަކާތް ދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުން ވެސް އެ ކަލޭގެފާނު ފިތުރު ޒަކާތް ދެއްވައެވެ. އަދި އެ ގަބޫލުކުރާ (ފަގީރުންނަށް) އެ ދެއްވައެވެ. އަދި ފިތުރު ދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޒަކާތް ނެރުއްވައެވެ.

ނެރެން ޖެހޭ ތަން:

ޒަކާތް ނެރޭނީ، ޒަކާތް ނެރެންޖެހޭ ވަގުތު އެމީހަކު ހުރި ތަނެއްގައެވެ. އެއީ އެމީހާ ދާއިމަށް އުޅޭ ރަށްކަމުގައިވިޔަސް ނުވަތަ ވަގުތީ ގޮތުން އުޅޭ ތަންކަމުގައިވިޔަސް މެއެވެ. ދިރިއުޅޭ ތަނުގައި ފަގީރުންގެ ހާޖަތް ބޮޑުވެފައިވާ ނަމަވެސް ފިތުރު ޒަކާތް ނެރެނީ ހުރި ތަނެއްގައެވެ. ފަހެ ޒަކާތް ގަބޫލު ކުރާނޭ މީހުން ނޫޅޭ ރަށެއްގައި ނަމަ ނުވަތަ އެ ރަށުގައި ޒަކާތް ހައްގުވާ މީހުން އޭނާއަށް ނޭނގޭނަމަ، ޒަކާތް ހައްގުވާ މީހުން ތިބި ރަށެއްގައި ޒަކާތް ނެރުމަށް މީހަކާ ހަވާލުކުރާނީއެވެ.