ރީތި ޗަރުކޭހެއް އައްޑޫން ޔާމީނަށް ދައްކާލާނެ!
ސިޔާސީ ގޮތުން އައްޑޫ މީހުން ތިބީ ތަސައްރަފު ފުދިފަ!
ކުކުޅަކީ އެންމެ ބިހެއް އެޅޭ އިރަށް ވަރަކަށް ހޭރޭ އެއްޗެކެވެ. އަމްދުން އައު ކުކުޅަކަށް ގައު ބިހެއް އެޅުނަސް ލައްކަ ގޮވާނެތާއެވެ. ހިޔަ ދޮޅިއްސަ އެޅުނަސް ވެލައެއް ކުކުރާ ނުލައެވެ.
ޔާމީނަށް މި އުޅެނީ އައު ކުކުޅަކަށް ގައުބިހެއް އެޅިގެން އުޅޭ ގޮތް ވެގެނެވެ. މި ވީހާތައް ދުވަހު ޔާމީނަށް އައްޑޫ ފަންސާހަކަށް މީހުން ވެސް މަރުހަބާ ކިޔާލަން ދިއީއެއް ނޫނެވެ. މި ފަހަރު ދެތިން ސަތޭކައެއްހާ މީހުން އައްޑޫން ޔާމީނަށް މަރުހަބާ ކިޔަން ދިއުމުން އެ އުޅެނީ ދަތްމައްޗަށް ތުން ނާރައިގެނެވެ.
ރަންކޮޅާއެވެ. ތިޔަ އުޅެވެނީ އަދި ހުވަފެނެއްގައެވެ. ސިޔާސީ ގޮތުން އައްޑޫ މީހުން ތިބީ ތަސައްރަފު ފުދިފައެވެ. އައްޑޫ ސިޓީ ބީވެގެން ދިޔަ ބަޔަކާ ނުދާ ބައެއް ނިންމަން ޔާމީނޫ އަދި މާ އަވަހެވެ. ކަނު ހަސަނަށް އަމާ ދެއްކިހެން ޔާމީނަށް އައްޑޫ ފެނި ތިޔަ ހުރީ ރައީސް އޮފީހުގައޭ ހީވަނީ ހެއްޔެވެ. އެމްޑީޕީގެ ރައީސޭ ތިޔަ ބުނީ އެމްޑީޕީގެ އިސްލީޑަރޭ ބުނަން ނުކެރިގެން ކަން އެނގެއެވެ.
އިއްޒަތްތެރި މެންބަރ ނިހާދު ވިދާޅުވާހެން ތިޔަ ހުރީ އައްޑުއަށް ދެވުނު މޮޔަ ހިތައް އަރާފައި ނޫން ހެއްޔެވެ. އައްޑޫގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް ފެނި ސޮނިވެއްޓި ދެމިއަ ކަނުން ޗޯ ފައިބަ ފައިބާ ނޫން ހެއްޔެވެ. ގަންނާ ކުރެއްވި ލަދުން ކިޔާނޭ އެއްޗެއް ނޭނގިގެން ތިޔަ ދެއްކީކީ ކުޑަ ކުއްޖަކު ވެސް ގަބޫލު ކުރާނެ ޒާތުގެ ވާހަކައެއް ނޫނެވެ.
2018 ގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ބޭއްވިޔަ ނުދީ ފުލުހުން ފޮނުވައިގެން ވޯޓި ފޮށިތައް ވަގަން ނެގުވީ ތިޔަ ދޮގުވެރިޔާއެވެ. ބާލިދީއާއި އުވަގަށާ މެޝިނަށް ވޯޓު އަޅައިގެން ވެސް އެމްޑީޕީ ފަހުލަވާނުން އިންތިހާބު ބާއްވާނެއެވެ. ތިޔަ ކަހަލަ ޖައްބާރު ވެރިން ދައްކާހާ ބިރަކަށް އެ މީހުން ނުސިހޭނެއެވެ. އެމްޑީޕީގެ އިންތިހާބެއްގައި ވޯޓު ނުގުނިގެން ފުލުހުން ގެންނާކަށް އެމްޑީޕީއަކަށް ނުޖެހޭނެއެވެ.
ތިމަންނާ ފުލުހުން ފޮނުވީ ވޯޓުގުނާ ދޭށޭ ބުނެ އަނގަފުޅާ ކުރީމާ އެ ވާހަކަ ގޭ ސޮރު ރުބޭލު ވެސް ގަބޫލު ނުކުރާނެއެވެ. ޔާމީނު އެ ދުވަހު ދިން އަނިޔާ ތަހައްމަލު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ އައްޑޫ ރައްޔިތުންނެވެ. މިއަދު ނިކުމެ އައްޑޫ ރައްޔިތުންނަށާއި އަނިޔާ ލިބުނު އެންމެންނަށް ތިޔަ ކުރީ ފުރައްސާރައެވެ. މަޖަލެއް ނޫނެވެ. އަދި ޖޯކެއްވެސް ނޫނެވެ. ކަރުދާހުގައި ނަން އޮތިއްޔާ ރީތި ޗަރުކޭހެއް އައްޑޫން ޔާމީނަށް ދައްކާލާނެއެވެ.