ޔާމީނު ކޮންވެންޝަން ސެންޓަރ އުވާލީ އައްޑުއަށް ޓޫރިޒަމް އަޔަނުދޭން

ކޮންވެންޝަން ސެންޓަރެއް ހުރުމަކީ ދުނިޔެއަށް އައްޑޫ ހުޅުވިގެން ދާނެ ކަމެއް!

ޔާމީނު ކޮންވެންޝަން ސެންޓަރ އުވާލީ އައްޑުއަށް ޓޫރިޒަމް އަޔަނުދޭން

ކިތަންމެ ޒަމާނެކެވެ. އެ މީހުނަށް ވާނުވާ އެނގެއެވެ. މި އަދަކު ސިޔާސީ ވެރިން ފަހާ އެ މީހުނެއް ނުދުވާނެއެވެ. ސިޔާސީ ބައިސާ ކަނޑަން އަންނަ މީހުން ޖައްސާ ވައްތަރު ބަލަން އެ މީހުން އެ ކަހަލަ ކޮންމެ އެއްވުމަކަށް އެއްވާނެއެވެ. ސިޔާސީ މީހުން ރައްޔިތުން ބޮލަށް ޖެހި ޗިޕް އެ މީހުން މިހާރު އެ ޖަހަނީ ޔާމީނު ކަހަލަ ޗިޕުންގެ ބޮލަށެވެ.

ޔާމީނު ހިތުން މިހާރު މުޅި އައްޑޫ އޮތީ ޔާމީނުގެ ފައި ދަށުގައެވެ. އައްޑޫ އެންމެން ތިބީ ޔާމީނު އަރުވާ ޅޮސް އުނދޯއްޔަށް އަރާ ހެއްލާށެވެ. ބަލަ ޔާމީނޫއެވެ. އައްޑޫ މީހުން ތިބީ ނިކަން ރަނގަޅަށް ހޭލައެވެ. ޔާމީނުގެ ވެރިކަމުގައި ކަންކަން ކުރާ ނަމުގައި އައްޑޫގައި ކަންތައް ތަކެއް ފެށިކަން އެ މީހުންގެ ހަދާނުގައި އެ ބަހުއްޓެވެ. އޭގެން އެންމެ ކަމެއް ވެސް ކޮށް ނިންމާ ނުދެވުނުކަން ދެނެތިބީ ވެސް އެ މީހުނެވެ.

ހަދަން ފެށި ބަނދަރުތައް އޮތީ ހާވާލާފައެވެ. ނިންމަން ޖެހުނީ މި ސަރުކާރަށް ކަން އެ މީހުން ހަނދާން އެބަ ހުއްޓެވެ. ނަމެއްގައި ފެނާ ނަރުދަމާގެ މަސްރޫއު ވެސް ފެށިން ނުންހެއްޔެވެ. އެކަން ކުރީ މި ސަރުކާރުންކަން އެ މީހުންނަކަށް ނޯޅެއެވެ. އަލަށް ހޮސްޕިޓަލެއް އަޅާނުދީ ކޮންވެންޝަން ސެންޓަރ ހަލާކޮށްލާ ހޮސްޕިޓަލަކަށް ހަދަން އުޅެ އެ ކަމެއް ވެސް ނުކޮށް ދެވުނު ނޫން ހެއްޔެވެ. އެންމެ ފަހުން އެ ހޮސްޕިޓަލް ވެސް ނިންމަން ޖެހުނީ މި ސަރުކާރަށެވެ.

ޔާމީނު ބޭނުންވީ ކޮންވެންޝަން ސެންޓަރު ވުޖޫދުން ފުހެލާށެވެ. ގަނބާ ވާހަކައާއި އޭތި މީތި ކިޔައިގެން އެތަން ބިމާ ހަމަ ކުރާށެވެ. އެހެން ނަމަވެސް އެހެން ހަދައިފިނަމަ ކުރިމަތި ވެދާނެ ކަމަކަށް ބިރުން އެތަން ހޮސްޕިޓަލަކަށް ހަދަން ނިންމީއެވެ. އަލަށް ހޮސްޕިޓަލެއް އަޅާނުދީ ކޮންވެންޝަން ސެންޓަރ ހަލާކޮށްލާ ހޮސްޕިޓަލަކަށް ހަދަން އެތަނަށް ބޮޑެތި ބަދަލުތައް ގެނައީއެވެ. އެހެން ނަމަވެސް ހޮސްޕިޓަލަކަށް ވެސް ވެރިކަމުގައި ހުރެ އެތަން ބަދަލުކޮށް ނުލެވުނު ނޫން ހެއްޔެވެ. އެންމެ ފަހުން އެ ހޮސްޕިޓަލް ވެސް ނިންމަން ޖެހުނީ މި ސަރުކާރަށެވެ.

ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރީ ކީއްވެކަން އައްޑޫ މީހުނަށް އެނގެއެވެ. ގުދުރަތީ ގޮތުން އައްޑޫ އޮތް ގޮތުން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހުރުމަކީ ދުނިޔެއަށް އައްޑޫ ހުޅުވިގެން ދާނެ އެންމެ ފަސޭހަ ގޮތެވެ. އިންޓަނޭޝަނަލް ކޮންވެންޝަންތައް ބޭއްވުމަށް ދުނިޔޭގެ ކަންކޮޅު ތަކުން އައްޑުއަށް މީހުން އައުމަށް ހުޅުވުނު ދޮރަކީ ކޮންވެންޝަން ސެންޓަރެވެ.

ސަރކް ސަމިޓުން ފެށީވެސް އެހެން ވެގެނެވެ. އެކަމަކު އައްޑޫ ތަރައްގީ ވުމަކީ ޔާމީނަށް ވެސް ހަޖަމުވާނެ ކަމެއް ނޫނެވެ. އައްޑޫ މީހުންނަކީ ތުބުން ވެއްޓޭ ބަތްފުށް ކާންދީފައި ބައިތިއްބަން ޖެހޭ ބައެއް ކަމަށް ޔާމީނު އަބަދުވެސް ދެކެއެވެ.

ހަމަތެދެކެވެ. ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ހަދަން އުޅުނީ އައްޑޫ ޓޫރިޒަމަށް ހުޅުވިގެން ދިޔަ ނުދޭން ކަން އައްޑޫ މީހުންނަކަށް ނޯޅެއެވެ. ކޮންވެންޝަން ސެންޓަރު އެ ގޮތުގައި ހިންގިޔަ ނުދިނީ ވެސް ޔާމީނު ނޫން ހެއްޔެވެ. އެކަމުގެ ނަފާ އައްޑޫ މީހުނަށް ލިބެން ނޭދޭތީ ނޫން ހެއްޔެވެ. އައްޑޫގައި އަޅަން އޮތްހާ ފުލެޓް ވަހީދު ވެރިކަމުގައި ހުޅުމާލެއަށް ބަދަލު ކުރުވީ ވެސް ޔާމީނު ނޫން ހެއްޔެވެ. ޔާމީނު އޭތި މީތި ކިޔައިގެން އެ ހުރިހާ ކަމެއް ހުއްޓުވީ އައްޑޫ ރައްޔިތުން ގަންހިންގަން ކަން އޮޅިގެން އުޅޭ މީހަކު ނެތެވެ.