ރައީސް ހުންނަންވީ ވާދަވެރިން ރުއްސާ ލޮއްސަން

ހުރިހާ މޮޅެއް ވެސް އޮންނަންވީ ޖުމްހޫރީއަށާއި ވާދަ ވެރިންނަށް

ރައީސް ހުންނަންވީ ވާދަވެރިން ރުއްސާ ލޮއްސަން

ކޮންމެ ފަހަރަކުވެސް ރިޔާސީ ދައުރެއް ފެށޭއިރު އޮންނަ ސަރުކާރެއްގައި އޮޅާލައި ދީވަލްޕާ ހެދިގެން ޖުމްހުރީ ނިދަން މިޔަރު މޮޅު ކާލަކާލާ އޮވެއެވެ. ކައިކައި ފުރާލައިގެން ނިދަން މިޔަރު ނިދިން ހޭލަނީ ކޮންމެ ރިޔާސީ ދައުރެއްގެ އަސުރުން ތިރިވީމައެވެ.

ދެނަކާ ދެނެއް ނުހުރެއެވެ. ކަނޑުމެދަށް ކަނދުފަތި ވައްޓާލައެވެ. ގަނޑުން ވަކިވެ ކަނޑު ހިގާ ވަކިވަކި މަސް ކަނދުފަތީގެ ހެޔަށް ލައްވާން ފަށައެވެ. ގުއިރޮޑާ ބުރަނދަ އައިސް ނަށަންފަށައެވެ. ބަނޑުފިލާގައި އައްޓަ މަސްތައް ތަތްކޮށްލައެވެ. ފިލިކޮށްލުމުން ބޯދި ބުރަކި މުގުރާމުން ކަނދުފަތި ވަށާފުރާލައެވެ. މަޑުމަޑުން ކަނޑު ހިގާ ކުދިބޮޑު އައިންތައް ކަނދުފަތިކައިރިއަށް ތިލަވެއެވެ. 

ކަނދުފަތި ކައިރިން ކައިފުރީމާ ދޯނި ފަހަރު އައިސް ހުސްބުޅީގައި ބާނާ ފުރާލައިގެން ދެއެވެ. ކަނދުފަތި ގަނޑަށް ރޯގިލަކަންފުޅެއް ނުވެއެވެ. އެކި ދިމަދިމާއިން ފޮނުވީމާ އަންނަ އުޅަދުތައް ކަނދުފަތިން މަސްބާނާ ފުރާލައިގެން ދަމުން އެންމެ ފަހުން ދަނީ ކަންދުފަތި ކަނޑާލާ ބޮޔާ ލަންޓަނަށް ދަންދެން ނަގައިގެނެވެ. އަބަދުވެސް ޖުމްހޫރީގެ ހަލަކީ މިއެވެ.  

އާދައިގެ މަތިން ފުރަތަމަ ބުރުގައި ވާދަކޮށްލާފައި ތިނަކަށް ހިގައްޖެނަމަ ކޯލިޝަން ހެދުމުގެ ހުވަފެން މިފަހަރުވެސް ދެކެންފެށީއެވެ. މި ފަހަރަކީ ޖުމްހޫރީގެ ފަހަރޭ ކިޔައިގެން ޅޮސް އުނދޯއްޔަށް ބަޔަކު މީހުން މި ފަހަރުވެސް ލައިފިއެވެ. ހިނގަ ހިނގާ އޮތް ސަރުކާރުގައި ބަސްކިޔަން ތިބެފައި އަމިއްލައަށް ވާދަކުރަން ނިންމި ނިންމުމަށް ފަހުވެސް ސަރުކާރު ފަތީލާފައި ތިބި މީހުން އިންތިހާބުގެ ދެވަނަބުރަކާ ހަމަޔަށް ދަންދެން ދޮޅި ކަނޑަނުލާ ފަތީގައި އަމުނައިގެން ގެންގުޅެލަދޭން އެދޭކަށް ލަދެއް ހަޔާތެއް ނެތެވެ. އާނއެކެވެ. އެ ހުރިހާ އެންމެން ކަނޑާލައިފިނަމަ އެ މީހުން ހިފަހައްޓަން ހާދަހާ ފައިސާއެއް މިދުވަސް ކޮޅުވެސް ހަރަދުކުރަން ޖެހޭނެއެވެ. 

ހުރިހާ މޮޅެއް ވެސް އޮންނަންވީ ޖުމްހޫރީއަށާއި ވާދަ ވެރިންނަށެވެ. ރައީސް ސޯލިހުގެ ކެބިނެޓާއި ސަރުކާރުގައި ތިބެގެން ކެންޕޭން ކުރަންވީ ގާސިމަށެވެ. ސަރުކާރުން ލިބެން އޮތް ހުރިހާ މޮޅަކާއި ފަސޭހައަކާ އެޑްވާންޓޭޖެއް ބަރާބަރަށް ލިބެން ޖެހެއެވެ. ކެބިނެޓާ ސަރުކާރުގައި ތިބެ ރައީސާ ދެކޮޅަށް ކެންޕޭނުކޮށް ސަރުކާރުގެ ސިޔާސީ މުސާރަ ނެގުން އެއީ ޑިމޮކްރަސީއެވެ. ރައީސްއަށް ގާނޫނު ލިބިދޭ ހައްގަކުން އެ މީހުން މަގާމުން ވަކިކުރުން އެ މީހުނަށް ވަނީ ބިރު ދެއްކުމަށެވެ. ނުފޫޒު ފޯރުވުމަށެވެ. ހުރިހާ މޮޅެއް ވާންވީ ވާދަ ވެރިންނަށެވެ. ރައީސް ހުންނަންވީ ވާދަވެރިން ލޮއްސާ ރުއްސާށެވެ.