މުއިއްޒުމެން އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފަ!

2023 ގައި އޮންނަ ރިޔާސީ އިންތިހާބު ޔާމީނަށް ގެއްލޭތަން ފެނި މޭކަރަނީ!

މުއިއްޒުމެން އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފަ!

ޔާމީނު ބިރުން ތުރުތުރު އަޅަނީއެވެ. ދެފައި އެއްތާ ނުޖަހާ ދުވެ ނަގަނީއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން އެނގި މޮޔަވެސް ގޮވަނީއެވެ. ވޯޓު ކަރުދާހުގައި ޔާމީނުގެ ނަން ނޯންނާނެ ކަން ކަށަވަރުވެ ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގެއެވެ.

ޔާމީނަކީ މާ ބިޔަ ބިލާދަރު އިދިކޮޅު ލީޑަރެކޯލައެވެ. މި ޔާމީނަކު މި އުޅެނީކީ މި ރާއްޖޭގައި އޮންނަ އިންތިހާބެއްގައި ވާދަކުރާކަށް ނޫނެވެ. ދުނިޔޭގައި މީހަކު ދުވަހަކު އަދި ނުކުރާ އާވައްތަރެއްގެ އިންތިހާބެއްގައި މި ކަލޭގެ ވާދަ ކުރަން އުޅޭ ކަހަލައެވެ. ޔާމީނު އިންޑިއާ އާ ވާދަކުރަން މި އުޅެނީ ކޮންތާކު ބާއްވާ ކޮން އިންތިހާބެއްގައި ހެއްޔެވެ. އިންޑިއާ އެއްވެސް ކަމެއްގައި ޔާމީނާ ވާދަކުރަން އުޅޭކަން ދެނަހުރި މީހަކު އުޑުދަށުގައި ނެތެވެ.  

މިހާރު އިންޑިއާ އައުޓް ކޮށް ނިމިއްޖެއެވެ. މިހާރު އޮތީ އިންޑިއާ އާ ވާދަކުރުން ކަމަށް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިައި ހުރިވަރު ނިކަން ދެކެ ބަލާށެވެ. ޔާމީނު ވާދަ ކުރަން ޖެހެނީ އަވަށްޓެރި އިންޑިއާއާއި ކަމަށް އޭނާ އެބަ ބުނެއެވެ. ޔާމީނު އެ ބުނާ އިންތިހާބެއްގައި އިންޑިއާގެ މައްޗަށް ޔާމީނު ކުރި ހޯދާނެ ކަމަށް ވެސް އެބަ ބުނެއެވެ. ތިޔަހެންނަކުން ނުވާނެއެވެ. އިންޑިއާ ޔާމީނާ ކަމެއްގައި ވާދަކުރަން ނިކުމެއްޖެއްޔާ ޔާމީނު އޮންނާނީ ފޭރާ ބުޑުގައި ގިއްގެޅެފައި ނޫން ހެއްޔެވެ. 

ވެގެން މިއުޅެނީ އެހެން ގޮތެކެވެ. ރާއްޖޭގައި 2023 ގައި އޮންނަ ރިޔާސީ އިންތިހާބު ޔާމީނަށް ގެއްލޭތަން ފެނި މޭ ކަރައިގަނެގެން އިންޑިއާއޭ ދަށްގޮހޮރޭ ކިޔެނީއެވެ. ރައީސް ސޯލިހު ރައްޔިތުންގެ ކުރިމަތީގައި މަގުބޫލުކަން ބޮޑުކަމުން ދަމާނެ ހާސަރެއް އެހެން ނެތީ ތާއެވެ. އިންޑިއާގެ ދީލަތި އެހީތެރި ކަމާއެކު ރާއްޖޭގެ ރަށްރަށުގައި ފަތުއަޑު ކިޔާފައި ރައީސް ސޯލިހު ތަރައްގީގެ މަޝްރޫއުތައް ހިންގަވާތީ އިންޑިއާ ދެކެ ތިޔަ ހުރެ އަރަނީ މާ ރުޅިއެކެވެ.

ޔާމީނު ރާއްޖޭގެ ވެރިކަމަށް އައުމަށް ޗައިނާއިން ވެސް އެއްބާރު ލުމެއް ނުދިން ނޫން ހެއްޔެވެ. ސައުދީ ޕްރިންސް މުހައްމަދު ވެސް އަޅައެއް ނުލިދޯއެވެ. ދުނިޔެ ތާކު ގާތް ގުޅުމެއް އޮތް އެހެން ބަޔަކު ތިބީއެއް ނޫނެވެ. ވާނީ ވެސް އެހެންތާ އެވެ. ބަޔަކަށް ވިއްޔާ ދޯކާ ނޫނީ ދިނީއެއް ނޫނެވެ. ޕްރިންސް މުހައްމަދު އަތުން ބިލިޔަނުން ޑޮލަރު ހޯދާފައި ފ. އަތޮޅު ވެސް ހޯދާ ދެވުނީއެއް ނޫނެވެ. ޗައިނާއަށް ދިންހާ ދޯކާގެ ވާހަކަ ރަނގަޅު ވަނީ ނުދެއްކިއްޔާއެވެ. ރާއްޖޭގައި ވެސް ކެހި ނުދޭ ވިޔަފާރި ވެރިއަކު ނެތެވެ. ޖާބިރެއް ޝިޔާމެއް ދެ ނާޒިމެއް އުއްޗުއެއް ކިޔާނެ ކަމެއް ނެތެވެ. ސިމްޑީއެއް ކުރަހާ ނަޖާހެއް އެމްވީކޭ ޝަފީގެއް އެކަމުގާ އިސްތިސްނާއެއް ނުވޭ ނޫން ހެއްޔެވެ.

ފިސާރި ތެދެއް ބުނަން ހެއްޔެވެ. ވަށާ އެބުރޭ އަދުރޭއާއި ސައީދާ ގައްސާނު މެން އެތިބީ ދަނޑިވަޅު ބަލާށެވެ. ވަހީދާ މުއިއްޒު އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފައެވެ. ޖަލު ގޮޅިތައް އެތިބެނީ ޔާމީނުގެ އިންތިޒާރު ގައެވެ. ހަސްނެތް ޔާމީނަށް ބަލިކުރެވޭނީ އިންޑިއާއެއް ނޫނެވެ.