ދެއަނގަ މުއިއްޒު ދެ އަނގައިން އިންޑިއާ އައުޓް ކުރުން

މަދަނީންގެ ގޮތުގައި ޔުނީފޯމް ނާޅާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އޯކޭ

ދެއަނގަ މުއިއްޒު ދެ އަނގައިން އިންޑިއާ އައުޓް ކުރުން

ކާކު ބުނީ ކީކޭކަން މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. މި ޒަމާނަކީ ސިއްރުން ދައްކާ ވާހަކަވެސް ސިއްރު ނުކުރެވޭ ޒަމާނެވެ. އަމްދުން އާއްމު ތަންތާ ދައްކާ ވާހަކައާއި ދޭ އިންޓަވިއުތަކާއި ތަގުރީރުތަކާއި ޕްރެސްކޮންފަރެންސް ތަކުގައި ދައްކާ ވާހަކަ އެތަން މިތާ ރެކޯޑްކޮށް ރައްކާ ކުރެވިފައި ހުންނަކަން މުއިއްޒަށް ނޭގެނީތާއެވެ. 

"ދުވަހަކު ވެސް އަޅުގަނޑު މިއަދާ ހަމައަށް އައިރުގައި، ކެމްޕެއިން ތެރެެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި އެންމެ މައުލޫއެއްގައި ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކައިފިންތޯ،" އޭ ބުނެ ވޭމަންޑޫ ރައްޔިތުންނާ ސުވާލުކުރީ ވަރަށް ގޮތެއް ނެތީމައެވެ. އެ ސުވާލު ވޭމަންޑޫ މީހުންނާ މުއިއްޒު ކުރީ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ގޮތުންނެވެ. އެންމެންނަށް އެނގޭ ކަމެއްގެ ވާހަކައިން އެހެން ނޫންނަމަ ސުވާލެއް ނުކުރާނެއެވެ. 

އެއް ވާހަކަ ދެ ފަހަރު ދެ ގޮތަށް ނުދައްކާ ކަމަށް ބުނެ މުއިއްޒު އޮޅުވާލަން އެއުޅެނީ ކޮން ބަޔަކަށް ހެއްޔެވެ. އެކަކަށް އެކައްޗެއް ވެސް ނޯޅެއެވެ. މަތިމައްޗަށް ބަރަހަނާވެ ދޮގު ބޭޒާރުވުން ނޫން ކަމެއް އެކަމަކުން ނުވެއެވެ. އިތުބާރުކޮށް ސަޕޯޓްކުރާ މީހުންގެ ކުރިމަތީގައި އިތުބާރު ގެއްލުން ނޫން ކަމެއް އެ ކަމަކުން ނުވެއެވެ. 

އިންޑިއާ ސިފައިންގެ މީހެއްގެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގެ ފަސްގަނޑުގައި ނުބަހައްޓާ އެ މީހުން ބޭރުކޮށްލާނެ ކަމަށް ބުނަމުން އައީ މުއިއްޒެވެ. އިންޑިއާ ސިފައިން ބޭލުމަކީ މަޝްވަރާ ކުރެވެން ނެތް ކަމެކޭ ބުނީ މުއިއްޒުގެ ދުލުންނެވެ. އެހެން ބުނީ ސަމާސާ ތާކު ނޫނެވެ. ރައީސް ކަމަށް އިންތިހާބުވީ ފަހުން ދުނިޔޭގެ މީޑިއާ އަކަށް ދިން ބަސްދީ ގަތުމެއްގައެވެ. ދެހާހަށްވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށާއި އެ މީހުން ޖެހޭނީ ވަގުތުން ވަގުތަށް ފައިބަން ކަމަށް ބުނީ މުއިއްޒެވެ. އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށާއި މަޝްވަރާ ކޮށްގެން އެ މީހުން ރާއްޖޭގައި އެންމެ ދުވަހަކު ވެސް ތިބެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ބުނީ މުއިއްޒެވެ. 

ރާއްޖޭގައި ތިބި ކަމަށް މުއިއްޒު ބުނި 2000 އިންޑިއާ ސިފައިން ތިބި ތަނެއް، ވެރިކަމަށް އެރިފަހުން މުއިއްޒަކަށް ބުނެއެއް ނުދެވުނެވެ. ނުވެސް ދެއްކުނެވެ. ސަތޭކަ ހަމަ ނުވާ އަދަދު ތަކެއް އެކި ފަހަރު އެކި ވަރަށް ބުނީވެސް މުއިއްޒު ސަރުކާރުންނެވެ. މުއިއްޒު ދެ ފަހަރު ދެ ގޮތަކަށް ވާހަކައެއް ނުދައްކާ ނޫން ހެއްޔެވެ. 

ވެރިކަމަށް އެރުމުގެ ކުރީން އިންޑިއާ ސިފައިންނާ ގުޅުވައިގެން މުއިއްޒު ދެއްކިހާ ވާހަކަ ވެރިކަމަށް އެރުމާއެކު ބަދަލުވީއެވެ. "ނަން ނެގޯޝިބަލް އިސޫ" ވެގެން ދިޔައީ ނެގޯޝިބަލް އިސޫ އަކަށެވެ. އިންޑިއާ ސިފައިން ތިބެގެން އޮޕަރޭޓް ކުރި ޑޯނިއާ ބޯޓާ ހެލްކޮޕްޓަރުތައް އެންމެ ފަހުން ޖެހުނީ ރާއްޖޭގައި ބަހައްޓާށެވެ. އެ އުޅަނދުތައް ދުއްވާ ބަލަހައްޓަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން އެކަން ކުރުން މުއިއްޒަށް އޯކޭ ވެއްޖެއެވެ. މަދަނީ މީހުންގެ ނަމުގައި ޔުނީފޯމް ނާޅާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އޯކޭ ވެއްޖެއެވެ. 

ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ ބޭނުން ކޮށްގެން އިންޑިއާ ސިފައިން ކުރި ހުރިހާ ކަމެއް އިންޑިއާގެ މަދަނީ މީހުން ލައްވާ ކުރުވީމާ މިޖެހެނީ ކޮންތާކު ހެއްޔެވެ. އެ އުޅަނދު ފަހަރުން އެއްކުރާ މައުލޫމާތު އިންޑިއާގެ އަޝްކަރިއްޔާއަށް ނުލިބި ދާނެެހެއްޔެވެ. އެ މައުލޫމާތު އިންޑިއަށް ނުގޮހެއް ނުހުންނާނެއެވެ. އެހެން ކަމަށް ވާނަމަ އިންޑިއާ ސިފައިން ތިބުމެކޭ ނުތިބުމެކޭ އޮންނަނީ ކޮން ތަފާތެއް ހެއްޔެވެ. އެއްވެސް ތަފާތެއް ނުއޮންނާނެއެވެ. 

އެއްވާހަކަ ދެފަހަރު ދެގޮތަށް ދެއްކުމުގައި އެނދުކެނޑިފައި ހުރި މުއިއްޒު އަނގައިން " ނުއޮންނާނެ ދައްކާފައެއް" ކިޔާ ކިތަންމެ އަޑަށް ބާރުލާ ގޮވިޔަސް އެހެން ކިތަންމެ ވާހަކައެއް ދެ އަނގައިން މުއިއްޒު އޮތީ ދައްކާފައެވެ. ދަނީ ދައްކަމުންނެވެ.