ސުލޫކީ މައްސަލައެއްގައި ވަކިކުރުން ނޫންގޮތެއް މުއުތަސިމަށް ވެސް ނުއޮންނާނެ!

ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރިވެތި ގޮތުގައި ރިޓަޔަރވެވަޑައި ގަތުމަކަށް މުއިއްޒު ފުރުސަތެއް ނުދޭނެއެވެ. ރިޓަޔަރމަންޓަށް ހުށާހެޅުއްވިތާ މަސް ދުވަސް ވެގެން ދިޔައިރުވެސް އެކަންނުވެ އެ އޮތީ މުއިއްޒު ބޭނުން ނުވާތީއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަކީ ކުރިން ވެސް ނިޒާމުން ބޭރުން ސްޕްރީމް ކޯޓުން ބޭރުކޮށްލެވުނު ފަނޑިޔާރެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނަށް ގެނައި ބަދަލަކުން ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލުމުން ގުރުބާން ކުރެވުނު ދެ ފަނޑިޔާރުންކުރެ އެއް ފަޑިޔާރަކީ މުއުތަސިމެވެ. އެވަގުތު ސްޕްރީމް ކޯޓުގައި ތިއްބެވި އެންމެ ހަރުދަނާ ދެފަނޑިޔާރުން ކަމުގައިވާ ފާއިޒާއި މުއުތަސިމް އޭރު ސްޕްރީމް ކޯޓުން ބޭރުކޮށްލީ އެ ބޭފުޅުން ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމު ނެރޭދޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.
މުއުތަސިމް އަދުނާނު ދެވަނަ ފަހަރަށް ސްޕްރީމް ކޯޓަށް ވަޑައިގަތީ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި 2019ގައެވެ. 2019 ގައި އެކުލަވާލެވުނު ސްޕްރީމް ކޯޓުގެ ބެންޗަކީ ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ހަރުދަނާ ފަނޑިޔާރުންގެ ބެންޗެވެ. ކުރީގެ ރައީސް ޔާމީނާއި ޑރ. ޖަމީލު ފަދަ ބޭފުޅުން އެ ބެންޗުގެ ގިނަ ފަނޑިޔާރުންނަށް އިތުބާރު ކުރެއްވުމަކީ އެކަމުގެ ހެއްކެކެވެ.
އެހެނަސް ނަޒާހަތްތެރި އަދުލުވެރި ފަނޑިޔާރުގެއެއް އޮތުމަކަށް ރައީސް މުއިއްޒު ނުރުހެއެވެ. ރައީސްގެ މުށުތެރޭގައި ނެތް ފަނޑިޔާރުގެއެއް އޮތުމަކަށް ރައީސް މުއިއްޒު ބޭނުމެއް ނޫނެވެ. އެހެންކަމުން ރައީސް ޔާމީނު ވިދާޅުވާހެން ނެތް މައްސަލަތަކެއް އުފައްދައިގެން ސްޕްރީމް ކޯޓުގައި ތިއްބެވި އެންމެ ވަރުގަދަ ގާނޫނީ ތިން ސިނކުޑި ސްޕްރީމް ކޯޓުން މިހާރު އެވަނީ ގާނޫނާއި ހިލާފަށް ހުތުރު ގޮތަކަށް ބޭރުކޮށްލާފައެވެ. ފަނޑިޔާރު ސުޖޫނަށް ވެސް މާގިނަ ދުވަހަކު ސްޕްރީމް ކޯޓުގެ ބެންޗްގައި އިންނެވޭނެއެކޭ ހިތެއް ނުބުނެއެވެ.
ރައީސް މުއިއްޒުގެ މަސްލަހަތުގައި ސްޕްރީމް ކޯޓުން ބޭރުކުރާ ފަނޑިޔާރުން ރީތިގޮތުގައި ބޭރުކުރާކަށް މުއިއްޒު ބޭނުމެއް ނުވެއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު މުއިތަސިމް އަދުނާނުވެސް ރިޓަޔަރޑް ޗީފް ޖަސްޓިސްގެ ގޮތުގައި ކޯޓުން ނިކުންނެވުމަށް ރައީސް މުއިއްޒު ފުރުސަތެއް ނުދޭނެއެވެ. ހުށަހަޅުއްވާފައިވާ ރިޓަޔަމަަންޓް ގަބޫލުނުކޮށް ދަންމާލުމަށްފަހު ނުއުފަންނަ ސުލޫކީ މައްސަލައެއް އުފަންކޮށްގެން މަގާމުން ވަކިކުރުން ނޫން ގޮތެއް މުއުތަސިމަށް ވެސް ނުއޮންނާނެއެވެ.