ބަޔަކާ ވިއްދާނުލާ މުއިއްޒަށް ވެރިކަންކުރެވޭ ކަމަކަށްނުވޭ!

ވެރިކަން ކުރަން ނޭނގި ކަންކަން ގޯހުން ގޯހަށް ދިޔަ ދިޔަހެން މުއިއްޒު ބަވަނީ އެހެން މީހުންނަށެވެ. ގޯސްކޮށް ހިނގާ ކޮންމެ ކަމެއް ގައިން ނައްޓާ އެހެން މީހުންގެ ބޮލަށް ކަނޑާލުމަކީ މުއިއްޒުގެ އާދައަކަށް ވަނީ ހަދާފައެވެ. ކޮންމެ މޮޅުކަމެއްގެ މެޑެލް ޖަހަމުން ދަނީ ވައުދުފުޅާއި އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކަމަށް ހަދައިގެންނެވެ. އެހެނެއްކަމަކު ބުނާގޮތަށް ކުރެވުނު ފައިދާހުރި ކަމެއް ވައުދުފުޅާއި އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހަރާމެވެ.
ކަމުން ރެކެން ގައުމުގެ ކަންކަން ގޯހުން ގޯހަށް ދަނީ ކުރީ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތުން ކަމަށް އަޑަށް ބާރުލާފައި ބުނެއެވެ. ވެރިކަމުގައި ދެ އަހަރުވާން ދާއިރުވެސް ކުރީ ސަރުކާރުން އަރައެއް ނުގަނެވެއެވެ. މުއިއްޒު މެޑެލްޖަހާ ހުރިހާ ކަމަކީވެސް ކުރީ ސަރުކާރުން ވާރުތަވީހާ ރަނގަޅު ކަންކަމެވެ.
ކުރީ ސަރުކާރޭ ބުނެފައި އެކަނި ނިންމާލަނީ އެއްވެސް ނޫނެވެ. ގައުމުގައި ކަމަކަށްވާ ކަހަލަކަމެއް ކުރާހާ ބަޔަކަށް ބެވުމާއި އެމީހުންނަށް ފިއްތާ ދަތުކުރުމަކީ މުއިއްޒުގެ ކަށީގައި ހިފާފައިވާ ކަމެކެވެ. އެގޮތުން ހިނގަހިނގާހުރި އެތައްކަމެއް ހުއްޓި ބަނގުރޫޓްވެ ގައުމު އެކީއެކައްޗަކަށް ފާލުން ނައްޓައިފިއެވެ.
އެންމެ ފުރަތަމަ ރުޅިއަރުވާލީ މަސްވެރިންނެވެ. މަސްގަންނަ އަގުދަށްކޮށް ކިރާމަހަށް ފައިސާ ނުދީ މަސްވެރި ޢާއިލާތައް ކޮށްލީ މަގުމައްޗެވެ. މިހާރު މަސްވެރިންނަށް ވާވަރު އެވަނީވެސް ހުއްޓާނުލާ އެތައް ދުވަހަކު ކުރި އިހުތިޖާޖުން މަޖުބޫރު ވެގެންނެވެ.
ސިނގިރޭޓުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސިނގިރެޓާ ކުޅެގަތް ގަތީނުން ކުރިން ލިބެމުންއައި އާމްދަނީއާ ގާތަށް ސަރުކާރަށް ފައިސާ ނުވަނެވެ. ސިނގިރޭޓްގެ އަގު އިންތިހާއަށް ބޮޑުވެ ވަގުވިޔަފާރި އަކަށް ބަދަލު ވީއެވެ. ކުރެވުނު ކަމަކީ ސިއްހަތު ބޯޑުއަޅުވައިގެން ދުންފަތުގެ ވިޔަފާރި ވަގު ވިޔަފާރއަކަށް ބަދަލުކޮށްލުމެވެ.
މުއިއްޒު ދިމާކުރި އަނެއް ބަޔަކީ ބޭހުގެ ވިޔަފާރި ކުރާ މީހުންނާއެވެ. ރާއްޖޭގައި ބޭހުގެ ވިޔަފާރިކުރާ މީހުންނަކީ ބޮޑެތި ވަގުންކަމަށް ސްކޭމަރުން ކަމަށް މުއިއްޒު ސިފަކުރިއެވެ. ބޭހުގެ ވިޔަފާރީގެ ހާލަތު އޮތްގޮތެއް ބެލުމެއް ނެތެވެ. 2000 ޕަސެންޓް ފައިދާލައިގެން ބޭސް ވިއްކާކަމަށް ބުނެ ބޭހުގެ ވިޔަފާރި ވެރިން އެކީ އެކައްޗަކަށް މިހާރު އެވަނީ ބަނގުރޫޓް ކޮށްލުމުގެ މަގުގައެވެ. ކުދިކުދި ބޭސް ފިހާރަތަކަށްވެސް އެތައް މިލިޔަން ރުފިޔާއަކަށް ސަރުކާރު ދަރާފައި އޮންނަތާ ދެއަރުވަނީއެވެ.
ޓޫރިޒަމްގެ ވިޔަފާރިވެސް އެދަނީ ނޭވާ ހޮޅިއަށް އަޅުވަމުންނެވެ. ޓޫރިޒަމަށް ފަހި ވެއްޓެއް ގާއިމު ކޮށްނުދީ ލުއިފަސޭހައެއް ކޮށްނުދީ އެކި ނަންނަމުގައި ނަގާ ޓެކްސް އިތުރުކޮށް ބޮޑުކޮށް ޑޮަލަރު މާރުކުރަން މަޖުބޫރު ކުރުވާ މުޅި އިންޑަސްޓްރީ ކަރުތާފެނަށް ވައްޓާލީއެވެ.
ވެރިކަމަށް އައިއިރު ކަޅުބާޒާރުގައިވެސް 16 ރުފިޔާއަށްވުރެ ބޮޑުނުވާ ޑޮލަރެއްގެ އަގު ވިހި މައްޗަށް އަރައިގެން ދިޔައީއެވެ. ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެ މަޖުބޫރުކޮށްގެން ބޭންކަށް ޑޮލަރު މާރުކޮށްގެން ވައްދާ ޑޮލަރު އިތުރުކުރިޔަސް މައްޗަށް ނާރާނެ ކަމަށްބުނި ޑޮލަރުގެ އަގު ތިރިނުވެ ދުންޖަހާފައި އަރަނީ މައްޗަށެވެ.
ހިންދެމިލައިގެން ކަމެއްކުރަން އުޅޭހާ ބަޔަކު އޮބިއަޅުވާ ސަރުކާރުން ހުރިހާ އާއްމު ވިޔަފާރިއަށް ވަދެ ކުރާ ކަންކަމުން ފަތުއަޑު ކިޔާފާ ގައުމު ޖެހެނީ އިނދައެވެ. ރައްޔިތުންގެ ތެރެއިން ބުރަދަނެއް ހުރި ކޮންމެވެސް ބަޔަކާ ވިއްދާނުލާ މުއިއްޒަށް ވެރިކަންކުރެވޭ ކަމަކަށްނުވެއެވެ. ވިއްދާލޭނެ މީހަކު ނެތިއްޔާ ބަލި ބުޅާ ގަނޑަކާވެސް މުއިއްޒަށް ވިއްދާ ނުލައެއް ނޫޅެވެއެވެ.