އޮޕަރޭޝަން ކާމިޔާބު - ޕޭޝެންޓް ވީ މަރު

ހިނދު ކޮޅުން ހޭލާ ދިވެހިރާއްޖެ އާރާސްތު ކުރަން ވެއްޖެ

އޮޕަރޭޝަން ކާމިޔާބު - ޕޭޝެންޓް ވީ މަރު

ސްޕޯޓްސް މިނިސްޓަރުގެ މޭސްތިރިކަމުގައި ރިޔާސީ އިންތިހާބެއް ބާއްވާދިނުން އެދެމެވެ. މިނިސްޓަރަށް ކާމިޔާބާއި ނާކާމިޔާބު އޮޅިފައި އޮތުމުން އެގެނީ ސަރުކާރުގެ އިސްވެރިންގެ ހާލަތެވެ. އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޕޭޝަންޓް ކޮބައިތޯ އަހާލުމުން ވިދާޅުވީ ޕޭޝަންޓް މަރުވެެއްޖެ ކަމަށެވެ. އެހެންނަމަވެސް އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ދަރިވަރުން ހެދި ޓެސްޓުތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެހެންނަމަވެސް އެއްވެސް ކުއްޖެއް ފާހެއް ނުވެއެވެ. 

ހުރިހާ އެއްޗަކީ އިންތިހާބެއް ނޫނެވެ. އަދި އިންތިހާބާއި ހަމައިން ކަންކަން ނިމުނީކީވެސް ނޫނެވެ. އިންތިހާބުތަކަށް ކުރި ހަރަދާއި އިންތިހާބާއި ވިދިގެން ހަދިޔާގެ ގޮތުގައި ބެހި ވަޒީފާތަކަކީ ދާއިމީ ހައްލެއްވެސް ނޫނެވެ. އިންތިހާބުން ކާމިޔާބު ލިބުނަސް އަދި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނަސް އިންތިހާބުގެ ފަހުން ކުރަން ޖެހޭ މަސައްކަތް އިތުރުވެއެވެ. އިންތިހާބަށް ހޭދަކުރި ފައިސާއާއި ފައިސާއިން ލިބުނު ނަތީޖާ އާއި އަޅުވާ ކިޔާލުމެވެ. ވަޒީފާގެ ބާޒާރަށް އަލަށް ނެރުނު މެމްބަރުންނަށް މުސާރައާއި އިނާޔަތް ދެމެހެއްޓެނިވި ގޮތަކަށް ދޭނެ ގޮތް ހޯދުމެވެ. 

އިންތިހާބަކީ މުޖުތަމައު ބައިބައި ކުރުވާ ކަމެއްގެ ގޮތުގައި އޮންނަންވާނެ ކަމެއް ނޫނެވެ. އިންތިހާބުތަކަކީ އުންމީދުތަކެއްގެ ފެށުމަށް ކުރެވޭ މަސައްކަތްތަކެއް ގޮތުގައި ދެކެން ޖެހެއެވެ. އިންތިހާބުތަކުން ބަލިވުމުގެ ނަތީޖާއަކުން އިންތިހާބާއި ދިމާކޮށް ދިން ވަޒީފާތަކުން ވަކި ކޮށްގެންވެސް ނުވާނެއެވެ. އެކަމުން ލިބޭނީ ދާއިމީ ގެއްލުމެކެވެ. ވަޒީފާއަކީ ދީދީފައި އަތުލާ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމަށް ބަދަލު ތަކެއް ބޭނުންވާނެއެވެ. ޑިމޮކްރެޓިކް މުޖުތަމައު ތަކުގައިގައި އިންތިހާބުތައް އޮންނަނީ ވަގުތީ ވަޒީފާއުފައްދާކަށް ނޫނެވެ. އެ ފަލްސަފާއާއި ފެޔަށް ޖެހިލަން ޖެހެއެވެ. 

ރަނގަޅު މުޖުތަމައުތަކުގައި އިންތިހާބުތައް ބައްޓަންވަނީ ދާއިމީ ހައްލު ތަކަކަށެވެ. ގަބޫލުވާ ކެނޑިޑޭޓެއްގެ ފަރާތުން ދުރުރާސްތާގައި އެ މުޖުތަމައުއަކަށް ލިބޭނެ މަންފާއަށެވެ. ވަކިވަކި މަސައްކަތްތަކުން އުފެއްދޭނެ ދާއިމީ ވަޒީފާ ތަކުގެ މައްޗަށެވެ. އާމްދަނީ އިތުރުވާނެ ފަދަ އައު މަސައްކަތްތަކަށެވެ. ދާއިމަށް ރައްޔިތުންނަށް ލިބޭނެ ލުއި ފަސޭހަ ކަމަށެވެ. ސިއްހީ ހިދުމަތާއި، ތައުލީމީ ހިދުމަތާއި، މުޖުތަމައުގެ ރައްކާތެރިކަމަށް އަޅާދޭނެ ފިޔަވަޅުތަކާއި އަމަލު ކުރެވޭނެ ސިޔާސަތަށެވެ. ދަތުރުފަތުރުގެ ފަސޭހަކަމާއި، އިތުރު އާމްދަނީގެ ސިނާއަތްތަކަށް މުޖުތަމައު ހުޅުވާލެވޭނެ ދޮރުތަކުގެ ސިޔާސަތުތަކަށެވެ. ފުދުންތެރި ދިރިއުޅުމެއް އުޅެން ކޮށޭނެ މަގުތަކެއްގެ މައްޗަށެވެ. ދޮގުހަދާ މީހުން ވާ ވައްދާން ކުރާ މަސައްކަތްތަކަކަށް ނޫނެވެ. 

ސަރުކާރުގެ މަގުބޫލުކަމާއި ކުޅަދާނަކަން ދައްކާ އެ ފަރާތުގެ ކެންޑިޑޭޓު ކުރިޔަށް ނެރެން ގިނަގުނަ މަސައްކަތް ކުރެއެވެ. ބައެއް ތަރުޖަމާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްވެސް ކުރެވޭތަން އާދެއެވެ. ސަރުކާރުން ކަންކަން ކުރުމުގެތެރޭގައި ދައުލަތުގެ ބަޖެޓު ހުޅުވާލާ، ވަޒީފާގެ ބާޒާރު ހުސްކޮށްލާ، ހަދިޔާބަދިޔާ ބެހުމަކީ ދައުލަތްތަކާއި ހަވާލުވެ ތިބޭ ފަރާތްތަކުން މުޖުތަމައުގެ މާހައުލު ކިލަނބުކުރުމަށް ގަސްތުގައި ކުރާ ކަންކަމެވެ.

މިނިސްޓަރުދައްކާ މަގުން ލިބޭ ވަގުތީ މަންފާއަށް ނޫނެކޭ ބުނަން ކެރެން ވެއްޖެއެވެ. ލިބޭ ވަގުތީ ސިޓީ އުރަޔަށް ނޫނެކޭ ބުނަން ދަސްކުރަން ޖެހެއެވެ. ތިމާގެ އައިޑީ ކާޑަކީ 2000 ރުފިޔާއަށް ނުވަތަ 5000 ރުފިޔާއަށް ވިއްކާ އެއްޗަކަށް ހަދައިގެން ނުވާނެއެވެ. 

އިންތިހާބަކުން ބަލިވުމަކީ ލިބޭ ފިލާވަޅެކެވެ. އެ ފިލާވަޅު އެނގި ދަސްވާން ޖެހެއެވެ. އިސްލާހު ކުރަންވީ ކަންކަން އެގެން ޖެހެއެވެ. 24 ގަޑިއިރު ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔާ ބޭނުންވާ ގާނޫނެއް ފަރުމާކޮށް ފާސް ކުރެވޭނަމަ، ޖަލުގައި ހުރި މީހަކު 12ގަޑިއިރުތެރޭ މިނިވަން ކުރެވޭނަމަ، ބޭންކު ލޯނު 6 ގަޑިއިރުން ހަމަޖައްސާލެވޭނަމަ، ބޭނުން ވަޒީފާއެއް 2 ގަޑިއިރު ތެރޭގައި ހަމަޖައްސާ މުސާރަ ކަނޑައަޅާ ލެވޭނަމަ ވެރިމީހާ މި ރާއްޖެއާއި ރާއްޖޭގެ ކަންކަން ހައްލު ކުރަންވެސް ނަގަން ވާނީ ނިސްބަތުން ކުޑަ ވަގުތު ކޮޅެކެވެ. 

ޖުމްލަކޮށް މުޖުތަމައަށް ފައިދާވާނެ ކަންކަމަށް ވިސްނުން ބަދަލުކޮށް، ވަގުތީގޮތުން ލިބޭ މަންފާތަކަށް ވިސްނާފައި ގޮތް ނިންމަން ފަށަން ވެއްޖެއެވެ. ދިވެހީންގެ ވިސްނުމުގެ މިސްރާބު ބަދަލު ނުކުރާނަމަ، ދިވެހިރާއްޖޭގައި ބޮލަކަށް ދަރަނި ޖެހޭ މިންވަރު މިހާރު އޮތް ގާތްގަޑަކަށް 292،000ރުފިޔާ އިން މައްޗަށް އަރަންވެސް ނަގާނީ ހިނދު ކޮޅެކެވެ. ހިނދު ކޮޅުން ހޭލާ ދިވެހިރާއްޖެ އާރާސްތު ކުރަން ވެއްޖެއެވެ. ދިވެހިންނާއި ދިވެހިރާއްޖެ ދިރި ދެމި އޮންނަން ވާނެއެވެ.