އިދިކޮޅަށް މަޖިލިސް ލިބުމަކީ މުއިއްޒަށް ރިސްކެއް!
އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް މުއިއްޒު ހިޔާނާތްތެރި ނުވާކަމަކަށް ނުވާނެ!
މުޅި މަޖިލިސް ސަރުކާރަށް ހޯދަން މުއިއްޒު މަރުފަލި ޖަހަނީ ކިއްވެކަމެއް ނޯޅެއެވެ. ރައީސް މުއިއްޒަށްށް ކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ތަކެއް ފެންމަތިވެފައި ވާއިރު މުއިއްޒުގެ ވައްކަންތަކުގައި މަތިއަޅަން މަޖިލީހުގެ މެޖޯރިޓީ މުއިއްޒަށް ބޭނުންވާނެއެވެ. މުއިއްޒު ހިތުހުރި ގޮތަކަށް ވެރިކަން ކުރުމަށް ފާރަވެރި މަޖިލިހެއް އޮތުމަކަށް ބޭނުމެއް ނުވާނެއެވެ.
މިހާރު ވެސް މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އެބަދެއެވެ. މުއިއްޒުގެ ނުފޫޒާ ބާރުގައި އެވާހަކަތައް ވަނީ ސިއްރުކޮށްފައެވެ. އިންތިހާބުގެ ކުރިން މުއިއްޒުގެ ކޮރަޕްޝަނުގެ މައްސަލަތައް ހާމަ ވިޔަނުދީ އޮތީ އޮބި އަޅުވާފައެވެ.
ހައުސިން މިނިސްޓަރު ކަމުގައި ހުރިއިރުގެ ގިނަ މައްސަލަތަކެއް އޭގެތެރޭގައި ހިމެނެއެވެ. ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް މައްސަލައާއި ފުލެޓު ލިސްޓުގައި އޮޅުވާލުމުގެ މައްސަލައާއި ވަޒީރު ކަމުގައި ހުރެގެން އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލަ ތަކެއް ހިމެނެއެވެ. ނަމަވެސް މައްސަލަތަކުގެ އެއްވެސް ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ހިފެހެއްޓުމަކީ ރައްޔިތުންގެ ބާރަށް ހުރަސް އެޅުމެވެ.
ދައުލަތުގެ ވެރިންނާއި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވެރިން އިންތިހާބު ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ސިފަކުރެއެވެ.
ރައީސް މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ ފުލުހުންގެ ރިޕޯޓަކާއި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ އިންޓެލިޖެންސް ރިޕޯޓެއް ވަނީ މިމަހު ލީކުވެފައެވެ. "ހަސަން ކުރުސީ" ލީކުކޮށްލި މި ދެ ރިޕޯޓަކީ ސައްހަ ރިޕޯޓު ތަކެއްކަން ކަށަވަރެވެ.
އިދިކޮޅުން "އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް" މުއިއްޒު ބޮލުގައި އެޅުވޭނެ ކަމެއް ނުހޯދޭނެ ކަމަށް މުއިއްޒު ބުނާއިރު އެކަން އެނގޭނީ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ލީމައެވެ. އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ ޑްރާފްޓެއް ވިޔަސް އުފަންވާނީ ކަންތައްތަކެއް ހިނގައިގެންނެވެ. ހިޔާނާތްތެރިވުމާއި ނުހައްގު މުއްސަދިކަން ފަދަ ސީރިއަސް ތުހުމަތުތައް ކަފުން ކޮށްލުމަށް މަޖިލިސް މުއިއްޒަށް ހޯދުން މުހިންމު ވާނެތާއެވެ.
އެމްޑީޕީއާއި ރައީސް ޔާމީނުގެ ޕީއެންއެފުން ވަނީ މި މައްސަލަތައް ބަލުމަށް ގޮވާލާފައެވެ. އޭސީސީއިން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު ހާމަކުރަން ވެސް ދަނީގޮވާލަމުންނެވެ. މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުޑަތަންވެފާ ވާއިރު ކަމާބެހޭ އިދާރާތައް އޮތީ ނިދާފައެވެ.
އިދިކޮޅަށް މަޖިލިސް ލިބުމަކީ މުއިއްޒަށް ރިސްކަކަށް ވާނެއެވެ. ބިރަކަށް ވާނެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ހުދުމުހުތާރު ވެރިކަމެއް ކުރަން އޮތް ފުރުސަތު ބަންދުވާނެއެވެ.