މުއިއްޒާ ހުރެ މުސީބާތެއްނޫނީ ދައުލަތަށް ނުޖެހޭ!

ރަސްމާލެ ހަދާކަށް ފުށިދިއްގަރު ފަޅެއް ނުއޮތީސް

މުއިއްޒާ ހުރެ މުސީބާތެއްނޫނީ ދައުލަތަށް ނުޖެހޭ!

މުއިއްޒު މިނިސްޓަރު ކަމުގައި ހުރި ސަރުކާރަކުން ބޮޑު 4 އެއްބަސްވުން ބާތިލް ކުރިއެވެ. މާލީ ގޮތުން ދައުލަތަަށާއި ރައްޔިތުންނަށް އެންމެ ބޮޑު ގެއްލުން ލިބޭ ގޮތަށެވެ. މުއިއްޒު ވަޒީރުކަމުގައި ހުރެ ގައުމަށް ގެއްލުން ދިނުމުގައި މުއިއްޒުގެ ދައުރު ބޮޑެވެ. 

ޖީއެމްއާރާއި ދިވެހި ސަރުކާރާއި އެކުވީ އެއަރޕޯޓް ހިންގުމުގެ އެއްބަސްވުން ބާތިލު ކުރީ މުއިއްޒު ކެބިނެޓްގައި ހިމެނޭ ސަރުކާރަކުންނެވެ. 99 އަހަރަށް ދައުލަތުގެ ބޮޑެތި އެސެޓްތައް ނުއަގުގައި މިހާރަކަށް އައިސް ދެމުންދާއިރު އެއަރޕޯޓް ހިންގުން ޖީއެމްއާރާ ހަވާލުކުރީ އެންމެ 25 އަހަރަށެވެ. އެކަމަކީ އެއަރޕޯޓް ވިއްކާލުން ކަމަށް ސިފަކޮށް އެގްރިމެންޓް ބާތިލުކުރުމުން ގެއްލުމުގެ ގޮތުގައި 300 މިލިޔަން ޑޮލަރު ދައްކަން ދައުލަތަށް ޖެއްސި ބޮޑު ގެއްލުން ދިނީ މުއިއްޒު ކެބިނެޓް ވަޒީރުކަމުގައި ހުރި ސަރުކާރަކުންނެވެ. ގެއްލުމުގެ ބަދަލުެ ގޮތުގައި އެ ފައިސާ ދިނީވެސް މުއިއްޒު ވަޒީރެއްގެ ގޮތުގައި ހިމެނޭ ސަރުކާރަކުންނެވެ. 

ނޫމަޑިއާއިއެކު ކުރީގެ ސަރުކާރަކުން ގާއިމް ކުރި އެއްބަސްވުން ބާތިލް ކުރީ މުއިއްޒު މިނިސްޓަރަކަށް ހުރެގެންނެވެ. 155 މިލިއަން ޑޮލަރު ހޯދުމަަށް ނޫމަޑިން އާބިޓްރޭޝަނަަށް ދިއުމުން އެ އެއްބަސްވުން ބާތިލް ކުރީ ނޫމަޑީގެ އެއްވެސް ގޯހެއްނެތި ކަމަށް ބުނެ މުއިއްޒު ވަނީ ދައުލަތާއި ދެކޮޅަށް ހެކިބަސްދީފައެވެ. 155 މިލިއަން ޑޮލަރުގެ ބަދަލު ނަގާދިނުމަށް ދައުލަތާއި ދެކޮޅަށް ނޫމަޑިއަށް ލިބިފައިއޮތް އެންމެބޮޑު ހެއްކަކީ އޭރުގެ ހައުސިންގ މިނިސްޓަރުކަން ކުރި މުއިއްޒުގެ ހެކިބަހެވެ.

މުއިއްޒުގެ ހެކިބަހުން ބަރު ލިބިގެން ނޫމަޑިއަށް ދައުލަތުން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ދިނުމަށް އަރބިޓްރޭޝަނުން ހުކުމް ކުރިއެވެ. ހުކުމް ތަންފީޒު ކުރަން ޖެހުނީ ރައީސް ސޯލިހު ސަރުކާރަށެވެ. އެހެން ކަމުން ރައީސް ސޯލިހު ސަރުކާރުން ކޯޓުން ބޭރުން ނޫމަޑިއާ ނެގޯޝިއޭޓް ކޮށްގެން 100 މިލިޔަން ޑޮލަރ ދައުލަތުން ނޫމަޑިއަށް ނުދައްކާ ސަލާމަތް ކުރިއެވެ. ކުރީ ސަރުކާރާއި ނޫމަޑިއާ ދެމެދު ކޯޓުން ބޭރުގައި ކުރެވުނު މަޝްވަރާތަކުން މުއިއްޒު ދައުލަތަށް ޖެއްސި 155 މިލިޔަން ޑޮލަރު ދެއްކުމުގެ ބުރައިން 100 މިލިޔަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ނުޖެހި 55 މިލިޔަން ޑޮލަރު ނޫމަޑިއަށް ދީގެން ދައުލަތް ސަލާމަތް ކުރީއެވެ.  

މުއިއްޒު ހިމެނޭ ކުރީގެ ސަރުކާރަކުން ނެކްސްބިޒް އެއްބަސްވުން ގާއިމު ކުރިއެވެ. ހަމައެހެންމެ ގާނޫނާއި ހިލާފަށް އެ އެއްބަސްވުން ބާތިލުކުރީ ހަމަ އެސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުން 18 މިލިއަން ޑޮލަރު ބަދަލު ދޭން ޖެހުނެވެ. އެފައިސާ ނެކްސްބިޒަށް ބަދަލުގެ ގޮތުގައި ދޭންޖެހުނީވެސް ނިމިދިޔަ ސަރުކާރަށެވެ.  

ފުށިދިއްގަރު ފަޅު ލީޒް ކުރުމަށް ކުޑަ އަގެއްގައި އެއްބަސްވެ އެ އެއްބަސްވުން ބާތިލް ކުރީވެސް މުއިއްޒު މިނިސްޓަރު ކަމުގައެވެ. އަމަލީ މަސައްކަތް ކުރަން މުއިއްޒު މިނިސްޓަރަކަަށް ހުރި ސަރުކާރުން ފުރުސަތު ނުދިނުމުން 1500 ހެކްޓަރުގެ އެފަޅު ހޯދަން އާބިޓްރޭޝަނަށް ޕްރައިމް ކެޕިޓަލް ދިއުމުން ދައުލަތަށް އެފަޅު ހޯދަދޭން ނިމިދިޔަ ސަރުކާރަށް ޖެހުނީ 20 މިލިއަން ޑޮލަރު ބަދަލު ދީގެންނެވެ. އެހެން ނޫންނަމަ ރަސްމާލެ ހަދާކަށް ފުށިދިއްގަރު ފަޅެއް ނުއޮތީހެވެ.