ފޮށި ތަންމަތި ބަނދެގެން އަވަހަށް ފިލޭތޯ ބަލާ

މުއިޒުވި އަމީނީމަގާއި މުއިޒު ސްޕީޑް

ފޮށި ތަންމަތި ބަނދެގެން އަވަހަށް ފިލޭތޯ ބަލާ

އަމީނީމަގު ހުޅުވާލީމަ ވާނެ ފަސޭހަ އިހުސާސްކޮށްލަން ދިއުމުން ފެނުނީ މާޔޫސް ކަމެވެ. މަގު އޮތީ ކުރީން އާންމުކޮށް މާލޭގައި ރައްޔިތުން ކިޔާ ގޮތަށް މުއިޒުވެފައެވެ. އަމީނީމަގުގެ ހަދާ ނިމުނު ކަމަށް އިއުލާނުކޮށް 04/10/2026 ވީ އާދީއްތަ ދުވަހު ހުޅުވިކަމަށް ބުނާ އަމީނީމަގަކީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ކުރީގެ ހައުސިން މިނިސްޓްރީއާއި ހަމަޔަށް ޒަމާނީ ފެންވަރަށް ހަދާ ތާރުއަޅާ ނިންމާފައިވާމަގެކެވެ. 

މުއިއްޒު ވެރިކަމަށް އެރި އިރު އަމީނީ މަގުން ނުނިމިއޮތީ ކުރީގެ ހައުސިން މިނިސްޓްރީގެ ހުޅަގުކޮޅުން ފެށިގެން އޮތް ކުޑަކުޑަ ތަންކޮޅެވެ. މުއިއްޒު ވެރިކަމަށްއަރާ އެންމެ ފުރަތަމަި ކުރިކަމަކީ އަމީނީމަގުން ނުނިމިއޮތްތަންކޮޅުގައި ތާރުއެޅުމެވެ. ކުރީގެ ހައުސިން މިނިސްޓްރީން ފެށިގެން ހުޅަގަށް އަމީނީމަގުގައި އޮތް ކުޑަތަންކޮޅުގައި ތާރު އެޅިގެން  ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެދުވަސްވަރު މުއިއްޒުގެ ޕްރީޕޭޑް މީޑިއާތަކާއި ބޮޓުންނާއި، ސަރުކާރުން ފާހަގަ ކުރަމުން ދިޔައިރު ހީވީ އައުކުކުޅަކަށް ގައުބިހެއް އެޅިގެން އުޅުނިހެންނެވެ. 

އިބޫ ސަރުކާރަށް ނުނިންމުނު އަމީނީ މަގު މުއިއްޒު ސަރުކާރުގެ ފުރަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހިންގި މެގަ ޕްރޮޖެކްޓެއް ގޮތުގައި ފާހަގަކޮށް ރާގުރާގަށް މުއިއްޒަށް އެމީހުން އެމީހުންނަށް ތައުރީފް ކުރީ ތިޔަހެންނަކުން ނޫނެވެ. އޭގެ ފަހުން ފުރިހަމަ ދެ އަހަރުނުވެ އަމީނީމަގުގައި މުއިއްޒު ތާރުއެޅިބައި އޮއްވަޅުގޮނޑިއަކަށް ބަދަލުވެގެން ނަގަންޖެހުމުން ތާރުގަޑު ނަގާ އަލުން ތާރުއަޅަށް ޖެހުމުން ތިމާމެންގެ ފެންވަރު އެނގޭނެއެވެ. ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިކަންތައް ދެވަނަ ފަހަރަށް ކުރަން ޖެހުމަކީ ކަންކަން މުއިޒުވީމާ ވާގޮތެވެ. އަމީނީމަގު ހުޅުވައިގެން ބޮޓުންނާއި ޕްރީޕެއީޑް މީޑިއާތައް މެދުވެރިކޮށް އިސްތިހާރު ކުރަނީ މުއިއްޒު ސަރުކާރުގެ ނަގާބިލުކަމެވެ. ވަރިހަމަތާއެވެ. 

ކޮންމެއަކަސް މަގުހުޅުވިޔަސް އާދީއްތަދުވަހުގެ ރޭ އެ ސަރަހައްދަކަށް ނޭރުނެވެ. މަގު އޮތީ ބަންދު ކޮށްފައެވެ. މަގުމެދުގައި ގޮނޑިއަޅައިގެން ވޮޗަރުން ތިއްބާ ފެނުނެވެ. ރައީސް ނަޝީދު ވިދާޅުވި ބަސްކޮޅެއް ހަނދާނަށް އައެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނެ ކަމަށް ބުނިތަން ފެނުނު ފަދައެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި މިނިސްޓަރު މުއިއްޒުގެ މޭސްތިރި ކަމުގައި ހެދި ދުވާ ބައި އަދިވެސް ނުދުވެއެވެ. އެތަންވެސް އޭރުއްސުރެ އަދާހަމައަށްވެސް އޮތީ މުއިޒުވެފައެވެ. މާލޭގެ މޭޔަރުކަމަށް މުއިއްޒު ނިކުންނަން އޭރުގެ މޭޔަރު ޝިފާއާއި ދިމާލަށް ގޮވި އެއް ވާހަކައަކީ މާލޭގެ ދެކުނު ކޮޅުގައި ފަތާ ސަރަހައްދުގައި ހުރި ތެޔޮ ޕަމްޕުނުނަގާ މަގުގެ ބައެއް ގެއްލިގެން އުޅުނު ވާހަކައެވެ. މޭޔަރު ކަމުގައި މުއީޒު އަހަރުތަކެއް ހޭދަކޮށް މިއަދު ވަނީ ރައީސްކަން ވެސް ޖަހައިގަނެފައެވެ. ވެރިކަމަށް ތިން އަހަރު ވީއެވެ. އެ ފަމްޕް ސްޓޭޝަން އަދިވެސް ހުރީ މަގުގެ ބައެއް ހިމެނޭ ގޮތަށެވެ. މިއީ މުއިއްޒުގެ ފެންވަރެވެ. އޭނާގެ ސްޕީޑެވެ. 

ތިން އަހަރުން ކުރެވުނު ކަންކަން ނިސްބަތުން ކޮވިޑްގެ ހާލަތާއެކުވެސް އެމްޑީޕީގެ އިބޫގެ މަސައްކަތަށް ވުރެ މަދުވެފައި ފެންވަރު ދަށެވެ. ގިނަކަންކަން ހުރީ ގައުމުގެ އަސްލު ތަކާއި ބީރައްޓެހި ވެފައެވެ. ވެރި މީހަކީ ކާކުކަން ނޭގޭ މިންވަރަށް ގާތުގައި ތިބި މީހުން ގެ އަމިއްލަ ޖީބު ބޮޑުކުރުމާއި އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން އޮޅިފައިވާ ރައްޔިތުން މަދެއް ނޫނެވެ.

ވެރިކަން ދިފާއު ކުރަނީ ބައެއް ޕްރީ ޕެއިޑް މީޑިއާތަކެވެ. “ދޮގުވެރީންގެ ދޮގުބަސްތައް ޒީނަތްތެރިކުރަން ތިބޭ ބަޔަކަށް މިއަދު ގިނަ މީޑިއާތައްވެއްޖެ” މަގުމަތިން ފެނުނު މީހަކު ބުންޏެވެ. މުއިއްޒު ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގެ އަޑު އެއްކޮށް ކަހަލަ ގޮތަކަށް ކެނޑުނެވެ. އެމްޑީޕީގެ ވެރިކަމުގެ ނަފާ ރައްޔިތުންނަށް ލިބުނު މިންވަރު ނުފުދުނީކަމަށްވުން ގާތެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން މިއަދު ހަމަ އިސްކޮޅަށް ތެދުވެވޭ ވަރުވެއްޖެއެވެ. އެމްޑީޕީ ދިރިއްޖެއެވެ.

މުއިއްޒުގެ ގާބިލުކަން އެމްޑީޕީގެ ވެރިކަންތަކަށް ވުރެ ވަނދުވެފައި ނަޒާހަތްތެރިކަން ނެތީއެވެ. ދިވެހީން ކުރުމުއްދަތެއްގެ ތެރޭގައި އެ ވެރިކަމެއްދެކެ ފޫހިވެ މާޔޫސްވި ވެރިކަމުގެ ރެކޯޑު މުއިއްޒު ހޯދައިފިއެވެ. އޮތީ އެންމެ ގޮތެއް ކަމަށް މިއަދު ރައްޔިތުން ގޮވައެވެ. ފޮށި ތަންމަތި ބަނދެގެން އަވަހަށް ފިލޭތޯ ބަލާށެވެ. ދެވަނަ ފުރުސަތެއްގެ ވަސްވެސް ނުފެންނާނެކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ.