މުއިއްޒު ވެެރިކަމުން ދުރުކުރުމަށްވުރެ ބޮޑުބަދަލެއް ގެންނާކަށްނެތް
ނިޒާމީ ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލުކުރޭ
ނިޒާމީ ބޮޑު ބަދަލަކާއި ވެރިކަން ބަދަލުކުރުމަކާ އެއްވެސް ގުޅުމެއް ނެތެވެ. ކިތަންމެ އަވަސް އަވަހަށް ވެރިކަން ބަދަލުވިޔަސް އަންނަ ހެޔޮބަދަލެއް ނޯވެއެވެ. ވެރިކަން ކުރާ ވައްޓަފާޅި ބަދަލުކޮށް ނިޒާމީ ހެޔޮ ބަދަލެއް ގެނެވޭނީ އެކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުން ވެގެންނެވެ. ގެންނަންޖެހޭ ބަދަލުތަކާއި ބަދަލުގެ ނަތީޖާ ހާސިލުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރެވިގެންނެވެ،
މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިންމަންޖެހިއްޖެކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުމުން ވެރިކަން ބަދަލުކުރީ ގާނޫނީ އޮނިގަނޑަށް ގެނައި ބޮޑު ބަދަލުންނެވެ. އޭރު ނިޒާމަށް ބަދަލުގެނައީ ވެރިކަން ބަދަލުކޮށްގެނެއް ނޫނެވެ. ދިގު 30 އަހަރުގެ ވެރިކަން ބަދަލުކުރީ ގާނޫނީ ނިޒާމަށް ގެނައި ބަދަލުންނެވެ، އެ ބޮޑު ބަދަލުގެނައި 2007 ގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން 18 އަހަރު ވެގެން ހިނގައްޖެއެވެ.
18 އަހަރުގެ މުއްދަތުގެ ތެރޭގައި ގިނަގުނަ ދޫމަޅިތައް ގާނޫނު އަސާސީން ވަނީ ފެނިފައެވެ. ގާނޫނު އަސާސީއަށް ގެނައި ބޮޑު ބަދަލުން ހާސިލްކުރަން ބޭނުންވި ގިނަ ކަންކަން ވަނީ ހާސިލް ނުވެއެވެ. ފަސް އަހަރުން ފަސް އަހަރުން ވެރިން ބަދަލުވިޔަސް ރައްޔިތުންނަށް އަމާން ކަމެއް ރައްކާތެރިކަމެއް ތަނަވަސްކަމެއް ފައްސެއް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒު ވެސް ދިގު ތިރީސް އަހަރަށްވުރެ މާ ބޮޑެވެ. ފަހުގެ ބައެއް ވެރިންގެ ހުދު މުހުތާރުކަން 30 އަހަރުގެ ދިގުވެރިކަމަށްވުރެ މާ ބޮޑެވެ.
އެހެން ކަމުން ނިޒާމީ ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަން ކުރާނީ ކާކުހެއްޔެވެ. ގިނަ ބަޔަކު ތިބީ މާޔޫސްކަމުގައި ބޮޑު ވަރިހަމައިގައެވެ. ވެރިޔާގެ ބާރު ގަދަވެގެންގޮސް ވެރިން ޖަވާބުދާރީ ކުރާނެ ބަޔަކު ކުރެވޭނެ ބަޔަކު ނެތެވެ.
މިހާރަކަށް އައިސް ބޮޑު ބަދަލެއްގެ ވާހަކަ އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ބުނާ ބޮޑު ބަދަލު އެއީ ކޯއްޗެއް ހެއްޔެވެ. ރައްޔިތުންނަށް ބޮޑުބަދަލު ނަމުގައި ކުރަން އުޅޭ ކަމެއްވެސް ވަރަށް ބޮޑަށް އެބަ ސާފުވާން ޖެހެއެވެ. ގެންނަށް އުޅެނީ ނިޒާމީ ކޮން ބަދަލެއްކަން އެނގެން ޖެހެއެވެ. ވެރިކަން ހިންގުމުގެ ބާރު ވަކިބައެއްގެ އަތްމައްޗަށް ފޮރޮޅާލުމަށް ގެނެވޭ ބަދަލެއްތޯވެސް ބެލެން ޖެހެއެވެ.
ފައްޔާޒާއި ނަޝީދުގެ ބޮޑު ބަދަލަކީ ޕާޓީއެއްގެ ކުޑަ ފެކްޝަނަކަށް ކުރެވޭވަރުގެ ކަމެއް ހެއްޔެވެ. ސަރުކާރު ހިންގަން ލިބުނަސް އެ ބޭފުޅުންގެ ބޮޑު ބަދަލު ތަންފީޒު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެންނެވެ. އެހެންކަމުން އުންމީދުކުރާ ބޮޑު ބަދަލުގެނެވޭނެ މާހައުލެއް އަދި ނެތެވެ. މިހާރުން މިހާރަށް އެންމެންވެސް ކުރަން އޮތްހާވެސް ކަމަކީ މުއިއްޒު ވެެރިކަމުން ދުރު ކުރާނެ ފޯމިއުލާ އެއް ހޯދުމެވެ،


