ފާރިސްއަށް: ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ މައުމޫނިޒަމް
ތިޔަ އުޅެނީ ވީވަރު ކުޑަވެ ހަޒާނާއަށް އަތް ނުދެރިގެން
ދަރުމަވާނެއެވެ. މިވަގުތު ރާއްޖޭގައި އޮތް މައްސަލަތަކުގެ ވާހަކަ ފާރިސް ނުދައްކާށެވެ. އަދި އަދަށްވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ މައުމޫނިޒަމެވެ. ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ މިނިވަންކަން އޮބަހައްޓައިގެން މުޅި ދައުލަތް ހިސޯރުކޮށްފައި އޮތީ މައުމޫނިޒަމުންނެވެ. ރާއްޖޭގެ މުއްސަނދި ކަމަކީ ހަމައެކަނި މައުމޫނިޒަމްގެ ހައްގެއްގެ ގޮތުގައި ދިގު ތިރީސް އަހަރާއި އޭގެ ފަހުންވެސް އޮތީ ހަދާފައެވެ. އަދިވެސް ތިޔަ އުޅެނީ ވީވަރު ކުޑަވެ ހަޒާނާއަށް އަތް ނުދެރިގެންނެވެ.
ރައީސް ޔާމީނުގެ އަނިޔާވެރިކަމާއި ހިޔާނާތްތެރިކަން ދިވެހިންނަށް ކުރިމަތި ކުރުވީވެސް މައުމޫނިޒަމުންނެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައި ބަޔަކު ގަދަކަމުން ގެނަޔަސް މައުމޫނިޒަމުން ރާއްޖެ މިންޖުވާކަށް އަދިވެސް ނެތެވެ. އޮތީއްޔާ އޮތް ޕާޓީއެއްގެ ތެރެއަށް މައުމޫނިޒަމް އޮތީ ސަވާރުވެއެވެ. މައުމޫނުގެ ދަރިން ތަންކޮޅެއް މަދުކަން އެއީ ދިވެހިންގެ ގައި ނަސީބެވެ.
ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ ދިރިއުޅުން ޤާއިމްކޮށް އަމިއްލައަށް ކުރިއަރައިގެންދާނެ ގޮތްތަކެއް ފަހިނުކޮށްދީ އާއިލާ އެންމެން މިލިއަނަރުންނަށް ހެދި މައުމޫނިޒަމްގައި އެހެން ވިސްނުމެއް އޮތް ކަމަށް ދައްކައިގެން ރައްޔިތުންގެ ހައްގޭ ފާރިސް ނުކިޔާށެވެ. ރާއްޖޭގައި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ލިބިދޭން ޖެހޭ މިނިވަންކަން ކިހިލި ޖަހާލައިގެން ތިބެ ތިޔަ ދައްކަނީ ހުތުރު ވާހަކައެވެ.
ރައްޔިތުންގެ ގިނަ ބަޔަކަށް މިނިވަންކަމާ އެކީގައި އަމިއްލަ ދިރިއުޅުން ޤާއިމްކޮށް ކުރިއަރައިގެން ދާނެ ގޮތް ފަހިކޮށް ނުދީ އޮތީ ގަދަ ތިރީހުގައެވެ. ބޯފެނެއް ކަރަންޓެއް ނަރުދަމާއެއް ބަނދަރެއް ހަދާނުދީ 30 އަހަރު ސިންގަޕޫރުން މެންދުރުގެ ފަރިއްކޮޅަށް ޗާޓަރ ފްލައިޓްގައި ޖަނބުރޯލުކޯނި ގެނެސްގެން ފަރިއްކުޅުވި ބޭބޭފުޅުން ދުފާއެއްޗިއްސޭ ވިދާޅުވާތީ އަންނަނީ ހިންޏެވެ. އިޤްތިޞާދި މިނިވަންކަމޭ ސިޔާސީ މިނިވަންކަމޭ ނުކިޔާ އުފެދޭ ސަރުކާރަކުން ލިބެން އޮތީ ކޮންއެއްޗެއް ކިހިނެތްތޯ ބެލިއްޔާ މަތާހިރުވާނެއެވެ. ތިޔަ ކުރަނީ އެ މަސައްކަތް ނޫން ހެއްޔެވެ.
ސަރުކާރު ހިންގާ ގޮތް އިސްލާހު ކުރުމޭ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމޭ، ވެރިން ޒިންމާދާރު ވުމޭ، ސިޔާސީ ނުފޫޒުން އެއްކިބާވުމޭ، އަދުލުވެރިކަމޭ، ހަމަހަމަކަމޭ ކިޔަން ފާރިސް ލަދުނުގަންނަ ކަމެވެ. ގެއްލުނު އަރާމުގެ މަސްތުގައި ވެރިކަމުން ބައިއެޅޭތޯ ތިޔަކުރާ ހިތްވަރަށް ހަމަ ސާބަހެވެ. ރާއްޖޭގައި ތަފާތުކުރުން އަށަގެންނެވި މައުމޫނިޒަމް އިތުރަށް އަށަގަންނަވަން ރައްޔިތުން ތިބީ ޖާގަދޭ ގޮތަކަށް ނޫނެވެ.