އަތޮޅުކައުންސިލް ނެތި އަތޮޅެއް ނުއޮންނާނެ
އަތޮޅަކީ ރާއްޖެ ވަންތަކަމުގެ އެންމެ މުހިންމު މަސްދަރެވެ. ރާއްޖެ އުފެދިފައި ވަނީ ގުދުރަތީ 26 އަތޮޅުގެ މައްޗަށެވެ. ދައުލަތް ހިންގުމުގެ ފަސޭހައަށްޓަކާ ރާއްޖެވަނީ އިދާރީގޮތުން 20 އަތޮޅަށް ބައިކޮށްފައެވެ.
އަތޮޅުތަކުގައި މީހުން އުޅޭ ރަށްރަށާއި ފަޅުރަށް ރަށާއި ފިނޮޅު ފިނޮޅާއި ފަރުފަރާއި ހައުހަލާއި ފަޅުފަޅާއި ގިރިއާއި އެނޫންވެސް އެތައް ތަނެއް ހިމެނެއެވެ. މީހުންއުޅޭ ރަށްރަށުގެ އިހުތިސާސްގައި ނުހިމެނޭ އެތައް ފަޅުރަށަކާއި ފިނޮޅަކާއި ފަޅެއް ފުވައްމުލަކު ފިޔަވާ އެހެން ކޮންމެ އަތޮޅެއްގައި އޮވެއެވެ. އެހުރިހާ ތަންތަނެއް ސިޔާސީ ގޮތުން ބައިކޮށް މުޅި ސަރަހައްދު ނިސްބަތްވެފައި އޮންނަނީ ކޮންމެވެސް އަތޮޅަކަށެވެ.
އަތޮޅެއްގައި މީހުންއުޅޭ ރަށްރަށުގެ އިހުތިސާސްގައި ނުހިމެނި އަތޮޅެއްގައި އޮންނަ ސަރަހައްދުތަކަކީ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ އިހުތިސާސްގައި ހިމެނޭ ތަންތަނެވެ. ރިސޯޓް ހެދުމަށް ނުވަތަ އިގުތިސޯދީ ކަމަކަށް ދޫކޮށްފައިވާ ރަށެއްގެ އިހުތިސާސްގައި ނުހިމެނޭ އެތައް ސަރަހައްދެއް ގިނަ އަތޮޅުތަކުގައި މިހާރުވެސް އެބައޮތެވެ. އެހެން އެކަން އޮއްވާ ރާއްޖޭގެ ސަރަހައްދުތަކެއް ރަށްމެދުވުމުގެ ސަބަބަކަށް އަތޮޅު ކައުންސިލްތައް އުވާލުން ވެގެންދާނެއެވެ.
އަތޮޅު ކައުންސިލް އުވާލުމުން އަތޮޅުވަންތަކަން ގެއްލި ރާއްޖޭގެ އެންމެ ހާއްސަ ސިފަ ގާނޫނީ ގޮތުން ގެއްލިގެން ދާނެއެވެ. އޭރަކުން ބ.އޭދަފުއްޓެއް ހދ.ހަނިމާދުއެއް ލ.ފޮނަދު އެއް ނުއޮންނާނެއެވެ. ތަމްސީލު ކުރާނެ އިދާރާއެއް ނެތި ކޮޅުމަޑުލެއް ހައްދުން މައްޗެއް ފާދިއްޕޮޅެއް ނުއޮންނާނެއެވެ.

