ރައީސް ޔާމީނުގެ ހައްގު ހޯދާދިނުމަށް މުއިއްޒު އިސްތިއުފާދީ!

480 ދުވަސް ފަހުން ހުކުމް ބާތިލުކުރީ އަލުން ބެލުމަށް.

ރައީސް ޔާމީނުގެ ހައްގު ހޯދާދިނުމަށް މުއިއްޒު އިސްތިއުފާދީ!

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްތައް ހަރާން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. 480 ދުވަސް ފަހުން ހުކުމް ބާތިލުކުރީ އަލުން ބެލުމަށެވެ.  

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ޑިސެމްބަރު 25 ގައެވެ. ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މައްސަލައިގެ ޝަރީއަތް ފެށުނީ  2023 ޖޫން މަހުއެވެ. އަޑުއެހުންތައް ނިންމާލީ 2023 ނޮވެމްބަރު 21 ގައެވެ.

ރައީސް ޔާމީނަށް ކުރި ހުކުން ހަރާން ކަމަށް ހައިކޯޓުން ކަނޑައެޅުމާއެކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ދެން އިތުރަށް ކުރިއަށް ދާނެ ކަމަކަށް ނުބެލެވެއެވެ. ރައީސް ޔާމީނާއި އަދީބު މައުސޫމުންނަށްވެ ނިމުނީއެވެ. ދައުލަތުން ގެއްލުނު ކަމަށް ބެލެވުނު އެތައް ސަތޭކަ މިލިޔަން ޑޮލަރު ދައުލަތަށް ލިބުމުގެ މަގު ބަންދުވީއެވެ.

އެފްޕީއައިޑީގެ ހިޔާނާތާއި އެއަރ މޯލްޑިވްސް ހިޔާނާތުގެ މައްސަލަ ދިޔަމަގުން ގޮސް އެމްއެމްޕީއާރުސީގެ މައްސަލަވެސް ކޮޅު މަގަށް އަރާ ނިމުނީ ކަމަށް ބެލެވެއެވެ.

ބާތިލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީނަށް ގެއްލުނު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ހައްގު އަނބުރާ ރައީސް ޔާމީނަށް އިޔާދަކޮށް ދޭން ނުޖެހި ފަރަކު ޖެއްސޭކަށް ވެސް ނެތެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެން ހުންނެވި ރައީސް ޔާމީނަށް އެ ފުރުސަތު ގެއްލިގެން ނުވާނެއެވެ. 

ހައްގު ނޫން އަނިޔާއެއް ރައީސް ޔާމީނަށް ލިބި ވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ. އެހެން އެކަން އޮތުމުން މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު ރައީސް ޔާމީނު މިނިވަން ނުކުރައްވާ ހުންނެވި ހުންނެވުމަކީ ރައީސް މުއިއްޒު ވަގުތުން އަޒުލް ކުރަން ޖެހޭވަރުގެ ކަމެކެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރި ވުމަށް ރައީސް ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފުވެގެންނެވެ. 

ރައީސް މުއިއްޒު އަޒުލުކޮށް އަލުން ރިޔާސީ އިންތިހާބަކަށް ދިޔުމަކީ ރައީސް ޔާމީނުގެ ގެއްލުނު ހައްގު ހޯދާ ދެވޭނެ އެންމެ އިންސާފުވެރި ގޮތެވެ. ނޫނީ ރައީސް ޔާމީނުގެ ހައްގު ހޯދާ ދިނުމަށް ޑރ. މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންޖެހެއެވެ.