މަޖިލިސް ހޯދަން ސަރުކާރުގެ އާދޮގުތައް!
ހަމަ އެކަނި ސަރުކާރު ހޮސްޕިޓާ ތަކުން މަދު ބަޔަކަށް އާސަންދަ؟
އިންސާނުންނަށް ދޮގު ހެދެއެވެ. ނޫނީ ހަދައެވެ. ބިޓެއް ހޯދަން ނޫނީ ދެމަފިރިއަކު ދުރުކުރަން ނުވަތަ މަންފާއެއް ހޯދަން އަނެއްމީހާއަށް އޮޅުވާލަން ދޮގުހަދާ ތިމާ ބޭނުންވާ ކަންކަން ޙާޞިލު ކުރެއެވެ.
ދޮގުހެދުމުގެ ތެރޭންވެސް އާދަޔާ ހިލާފު ބޮޑު ކަމަކީ ގައުމެއްގެ ރައްޔިތުންނަށް ދޮގު ހެދިހެދީނުން ގޮސް ވެރިކަން ހޯދުމެވެ. ދިވެހިން މިތިބީ އެދަންތުރައިގައި ރަނގަޅަށް ބެދިފައެވެ.
މިހާރު އޮތް ސަރުކާރު ވެރިކަމަށް އަންނަން ކުރި ކެމްޕޭނުގައި ހެދި ދޮގުތަކަށްފަހު ވެރިކަން ލިބުނެވެ. 2 ހާހަށްވުރެ ގިނަ ހަތިޔާރު އެޅި އިންޑިއާ ސިފައިންނާ ރައީސް ޔާމީނުގެ ހުސްގޮނޑި ހުވާކުރުމުގެ ރަސްމިއްޔާތާ ހަމައިން ގެއްލި އެހިސާބުން އެކަން އާތްވަށް އަރައިގެން ދިޔައެވެ.
އެއްބަޔަކު އަތްދޫކޮށް އަނެއްބަޔަކު އެއްޗެއް ނުވަތަ ކަމެއް މެނޭޖްކުރަން ހަވާލުވުމުގެ ކުރިން މިޒަމާނުގައި ހަދާއެއްޗަކީ ޑިއުޑެލިޖެންސް ކިޔާ އެއްޗެކެވެ.
ރިސޯރޓެއް ވިއްކާލާ އިރު ގަންނަ ބަޔަކު އެތަން ގަންނަނީ މިބުނާ ޑިއުޑެލިޖެންސް ހަދާފައި އެއީ ކުރަން ރަނގަޅު ފައިދާ ބޮޑު ވިޔަފާރިއެއް ކަމަށް ހިސާބު ތަކުން ކަށަވަރު ވީމާ ނޫނީ ގަންނަ މީހާ އެރިސޯރޓެއް ނުގަންނާނެއެވެ.
ކުރުކޮށް ބުނާނަމަ އެކުރާ ކަމަކީ ވަތްގަނޑުގައި ހުރި އެއްޗަކާ، އަންނަން އޮތް އެއްޗަކާ ދާން އޮތް އެއްޗެއް އަޅާ ކެނޑީމާ ވެސް ފައިދާ ވާތީ ޑީލް ނިންމަނީއެވެ.
ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ ވެސް ޑިއުޑެލިޖެންސެވެ. ހުވާ ކުރުމުގެ ކުރިން މިޕްރޮސެސް ހިންގުމަކީ ގާނޫނީ މަރުހަލާއެކެވެ. އެއް މަސްވަންދެން ސަރުކާާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކަށް ވަފުދުތައް ފޮނުވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އެވެ. އެމަގާމަށް މީހަކު ކަނޑަޅާނީ އިންތިހަބީ ރައީސްއެވެ.
ސަރުކާރުގައި ހުރި އެއްޗަކާ، ދާން އޮތް އެއްޗަކާ އަންނަން އޮތް އެއްޗެއް ހިސާބު ކުރުމަށްފަހު، ބަރާބަރަށް ގައުމު ހިންގޭނެތީ ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ ބިލެއް އެއްކޮށްލީމާ 30 މިލިއަނާ ގާތްކުރާ ރުފިޔާ 2 ދެގަޑިއިރުން ބާދަގަނޑަށް ހަދާލީ އިގްތިޞޯދުގައި ވަރުހުރެ، މާލިއްޔާގައި ބޯކޮށް ފައިސާ ހުރީމައެވެ.
މިޕްރޮސެސް ފުރިހަމަވެ، ހުވާ ކުރެެއްވުމަށް ފަހުގައި ވެސް ރައީސް މުއިއްޒު އިއުލާން ކުރެއްވި ބޮޑެތި ކަންކަން ހަނދާން ކޮށްލާށެވެ. ވާދޫ ކަނޑު ހުރަސްކޮށް ބިޔާދު އަތޮޅަށް ކަނޑުއަޑިން ރޭލުގައި ދެވޭ ބިއްލޫރި ޓަނަލެއް އަަޅަން ނިންމެވީ ރައީސް މުއިއްޒެވެ. ބަލިމީހުން ޑުބާއީ އާއި ބެންކޮކަށް ފޮނުވައިގެން ފަރުވާދޭ ވާހަކަ ވިދާޅުވީ ވެސް އެ މަނިކުފާނެވެ. މިހާރުވެސް ވަޑައިގަންނަވާ ރަށްތަކަށް އެހެރަވާ ވައުދު ތަކެވެ. އެއަރޕޯޓާއި މަގުތަކާއި ކޯޒްވޭތަކާއި، ބަސަރާގެ މޮޅު ކަދުރާ އެކަދުރު ކާން ރައްޔިތުންނަށް ކޭސް ކޭހުގައި ރަން އިލޮއްޓެވެ. ހަމަ އަނެއް ނޭވާގައި ދައުލަތުގެ މާލިއްޔާގައި އެއްޗެއް ނެތް ވާހަކައެވެ. ބަޔަކު މޮޔަ ނުވިއްޔާ ދެރައެވެ.
މިހާރު މިއޮތީ މަޖިލިސް އިންތިހާބެވެ. މިފަހަރު ހަދަންޖެހޭނީ އާ ދޮގު ތަކެކެވެ. މަޖިލިސް ވޯޓުހޯދަން ރައްޔިތުން އަރުވަން ޖެހޭނީ މުޅިން އެހެން ޅޮސް އުނދޯއްޔަކަށެވެ. އިގްތިޞޯދު އިނދަޖެހި، ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭ ވާހަކަ މިހާރު ވިދާޅުވަނީ ހަމްދަރުދީ ކާޑް ކުޅެގެން މަޖިލިހުގެ ވޯޓް ހޯދަން ކަމަށް ވާނަމަ އެޖަހަނީ ރަނގަޅު ހިސާބެއް ނޫނެވެ.
އެންމެ ހައްގުވެރީންނަށޭ ވިދާޅުވެ ހަމަ އެކަނި ސަރުކާރު ހޮސްޕިޓާ ތަކުން މަދު ބަޔަކަށް އާސަންދަ ދޭން ނުނިންމަވައްޗެވެ.
ސަބްސިޑީ ލިބޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށް ނިންމަވާ އެހެން މީހުންގެ ފެންބިލާ ކަރަންޓް ބިލު ބޮޑު ކުރައްވަން އުޅެގެން ނުވާނެއެވެ. ދައުލަތުގައި އެއްޗެއް ނެތޭ ވިދާޅުވެ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރާކަށް ރައްޔިތުން ނުރުހޭނެއެވެ.
ހުވާ ކުރެއްވީ ރަނގަޅަށް ހިސާބު ކުރެއްވުމަށް ފަހުގައެވެ. ހުރިހާ ޕްރޮޖެކްޓް ވާނީ ކުރިއަށް ގެންދާށެވެ. ރައްޔިތުންނަށް ލިބޭ އެއްވެސް ހިދުމަތެއް އުނިކޮށް ލޯލާރިއެއްވެސް ކަނޑައިގެން ނުވާނެއެވެ.
އިގްތިޞޯދީ ދަތިވާހަކަ ދައްކާ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭނެ ވާހަކަ ދައްކާ ނިމިގެން އަނެއް ނޭވާގައި ވިދާޅުވަނީ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކައެވެ. ނުވިތާކަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅު ވަނީ ވަރަށް އަވަހަށް ރާއްޖޭގެ އެތަން މިތަނުން ޑުބާއީގެ މަންޒަރުތައް ފެންނަ ވާހަކައެވެ. ދުލުގައި ގޮއްނުޖެހޭތީ ދޮގުހަދަމުން ތިބެ އަނގަދިޔާ ކުރާއިރު ކިޔޭ ނުކިޔޭ އެއް ވާއެއް ނުވާއެއް ސާފެއް ނުވެއެވެ.
ކޮވިޑް19ގެ ޢާލަމީ ވަބާއަކީ ރައީސް ސޯލިހުގެ ކެމްޕޭނު ވައުދަކުން ގެނައި އެއްޗެއް ނޫނެވެ. އެއީ ކުއްލިއަކަށް ލައިގަތް ބޮޑު މުސީބާތެކެވެ. ރައްޔިތުންނަށް ލިބޭ އެއްވެސް ހިދުމަތެއް އުނި ނުކޮށް، ސަރުކާރު މުވައްޒަފުންގެ މުސާރައިން ލޯލާރިއެއް ވެސް ނުކަނޑާ އެ 2 އަހަރާ އަނެއް 3 އަހަރު ގައުމު މެނޭޖްކުރީ ރައީސް އިބޫއެވެ. ކޮވިޑްގައި ވަޒީފާ ގެއްލި ހާލުގަ ޖެހުނު އެންމެނަށް ރައީސް އިބޫ ސަރުކާރުން އެހީތެރިވިއެވެ.
ދިވެހިރައްޔިތުން އިބޫ ނޫންގޮތެއް ހޯދައިގެން ރައީސް މުއިއްޒު ވެރިކަމަށް ގެނައީ ހާލުގައި ޖެހޭކަށް ނޫނެވެ. އިބޫ ސަރުކާރަށްވުރެ ރަނގަޅު މޮޅު ގޮތް ބޭނުންވާތީއެވެ. ވީމާ ކުރީގެ ޑްރާމާ ބާވެ އާޑްރާމާ ތަކެއް ޖައްސައިގެން މަޖިލިސް ގޮނޑިތަކަށް ވޯޓު ހޯދޭނެކަމަށް ދެކޭނަމަ މިސަރުކާރަށް ވަރަށް ވެދުމެވެ.