އިންޑިއާ އައުޓް ބިންފަޅާ އަޑިއަށް
ސޯލިހަށް ކާމިޔާބު ނުވެއްޖެނަމަ ރާއްޖެ ހިފަން ގެނައިކަމަށް ބުނިހާ އިންޑިއާ ސިފައިން ކޮބާ
ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކޮށްފައި ވަނީ ފަސް އަހަރުގެ ދައުރަކަށެވެ. އެ މަނިކުފާނުގެ ދައުރު ހަމަވާނީ 17 ނޮވެންބަރ 2023 ގައެވެ. އެ ތާރީހުގެ ކުރިން ރާއްޖޭގައި ހިނގާނީ ރައީސް ސޯލިހުގެ ވެރިކަމެވެ. ދެވަނަ ދައުރަށް ނުހޮވުމަކީ ހިނގަމުންދާ ރިޔާސީ ދައުރުގެ ލެޖިޓިމަސީ ގެއްލޭ ކަމެއް ނޫނެވެ. އިންތިހާބުގެ ނަތީޖާ ލިބޭ ވަގުތުން ފެށިގެން ވެރިކަން ފުރޮޅިގެނެއް ނުދެއެވެ. ބަދަލު ވާނީ ދައުރު ހަމަ ވުމުންނެވެ. އެހާތަނާ ޖެހެންދެން ހިނގާނީ ހިނގަމުން އައި ވެރިކަމުގެ ސިޔާސަތު ތަކެވެ.
ވެރިކަން ބަދަލު ކުރުމަށްޓަކާ ރައީސް ސޯލިހާ ދެކޮޅަށް ވާދަވެރި ފަރާތް ތަކުން ލައްކަ ވާހަކަ ދެއްކިއެވެ. މަތިމައްޗަށް ދޮގު ހެދިއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުކޮށްލިއެވެ. އިދިކޮޅުން ދެއްކިހާ ވާހަކަތަކަކީ ހައްގު ވާހަކަތަކެއް ނަމަ އިންތިހާބުގެ ނަތީޖާއާއި އެކު އިދިކޮޅުގެ ވާހަކަ ބަދަލު ވެގެން ދާންވީ ސަބަބެއް ނެތެވެ. އިންތިހާބުގެ ކުރިން ގެއްލިފައި އޮތް މިނިވަންކަމެއް އިންތިހާބުގެ ނަތީޖާއަށް ފަހުވެސް އޮންނާނީ ގެއްލިފައެވެ. ރާއްޖޭން އިސްލާމީ ވަންތަކަން ފުހެވިގެން ގޮސްފައިވާނަމަ އިންތިހާބުގެ ނަތީޖާއާއި އެކު ރާއްޖޭގެ އިސްލާމް ވަންތަކަން ފުރިހަމަ ވެގެނެއް ވެސް ނުދާނެއެވެ. ކުރިންނެތް އަދުލު އިންސާފެއް އިންތިހާބެއްގެ ނަތީޖާއާއި އެކު އަރާ ހަމައެއް ނުކުރާނެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެ އިންޑިއާއަށް އަޅުވެތިވެފައި ވާކަމަށް ބުނެ ހީވަނީ ރޫޅި ވެރިދާނެ ހެންނެވެ. ފަލަސްތީނުގައި އިޒްރޭލު ސިފައިން އުޅޭހެން ޔޫކްރެއިންގައި ރަޝިއާ ސިފައިން އުޅޭހެން ރާއްޖޭގައި އިންޑިއާ ސިފައިން އުޅޭކަމަށް ރައްޔިތުންނަށް އިދިކޮޅުން ދޮގު ވިއްކިއެވެ. ސިޔާސީ ވާހަކައެއްގެ ގޮތުގައި ދައްކާލަނީ އެކަންޏެއް ނޫންނެވެ. ރަސްމީ ލިޔެކިޔުން ތަކުން ވެސް ވާދަވެރިން އެކަން ދިޔައީ ދައްކަމުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާގެ ކުރިން ޕްރޮގްރަސިވް ކޯލިޝަނުން ނެރޭ ޕްރެސް ރިލީސްތަކާއި ބަޔާންތަކާއި ސްޓޭޓްމަންޓް ތަކުގައި " އިންޑިއާ އައުޓު" ޖަހަމުން ގެންގޮސްފައިވެއެވެ. ކޮންމެ ޕްރެސްއަކާއި އެއްވުމެއްގައި އިންޑިއާ އައުޓް ކުރެއެވެ.
ކުއްލިޔަކަށް ރިޔާސީ އިންތިހާބުގެ ނަތީޖާއާއި އެކު އިންޑިއާ އައުޓު ހުއްޓިއްޖެއެވެ. އިންޑިއާ އައުޓުވެ ނިމިއްޖެއެވެ. ގައުމު މިނިވަން ވެއްޖެއެވެ. އަޅިވެތިކަން ހަތިމް ވެއްޖެއެވެ. އިންޑިއާ އައުޓް އިންޑިއާ ފަސްޓްއަށް ވެއްޖެއެވެ. ފިތުނައިގެ ދޮލަނގުގައި ވިއްކި އެންމެ ބޮޑު ދޮގު ރައްޔިތުންނަށް ސާފުވެއްޖެއެވެ.
އިދިކޮޅުން ރާއްޖޭގައި ތިބި ކަމަށް ބުނަމުން އައި އިންޑިއާ ސިފައިން ރިޔާސީ އިންތިހާބުގެ ނަތީޖާއާއިއެކު ފައިތަޅާގެ ދަށަށް ވަދެ ގެއްލުނީ ހެއްޔެވެ. އިދިކޮޅަށް ނަތީޖާ ކާމިޔާބު ވުމާއެކު ގަތް ބިރުން އެ މީހުން ފިލާ ރައްކާވީ ހެއްޔެވެ. އަވަހިއްޔާ އަވަސް އަރުވާލައިގެން ފަޅު އޮޑިފަހާރާ ބޮއްކުރާ ތަކާއި ބޮނބި އޮޑި ފަހަރުގައި ރާއްޖެ ދޫކޮށް ޖެހުނު ތާކުން ފިލާ ރައްކާވީހެއްޔެވެ.
އުތުރު ތިލަފަޅާއި ހަނިމާދޫއާއި ކައްދޫއާއި އައްޑޫ ތިބި ކަމަށް ބުނި އިންޑިޔާގެ އަޝްކަރީ ފައުޖުތައް މިހާރު ވީތަނެއް އެނގޭ މީހަކު އެބަހުރި ހެއްޔެވެ. އިންތިހާބުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވެއްޖެނަމަ ރާއްޖެ ހިފަން ހުޅުލެއަށް އަރުވާފައި އެތައް ސަތޭކަ އިންޑިއާ ސިފައިން ތިބިކަމަށް އިދިކޮޅުން ބުންޏެވެ. ރިޔާސީ އިންތިހާބުން އިބޫ ބަލިވިއިރު އަޅާވެސް ނުލާ އެ ހުރިހާ އިންޑިއާ ސިފައިން ތިބީ ނިދިފައި ހެއްޔެވެ. ނޫނީ ހޭނެތިފައި ހެއްޔެވެ. ދޮގު ހެއްޖަސް ބޮޑުވަރެވެ.
ކަމެއް ހާސިލް ކުރުމަށްޓަކާ މީހުން ކަންކަން ކޮށްލާ ގޮތް ހުރެއެވެ. ދައްކާ ވާހަކަވެސް ހުރެއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ވާހަކަ ދައްކާ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިގެން ވޯޓް ހޯދައިގެން ވެރިކަމަށް އާދެވި ދާނެއެވެ. މި ފަހަރު ކިތަންމެ ރަނގަޅަކަށް ވެސް ދޮގާއި ނަފްރަތު ވިއްކައިގެން ވެރިކަން ކާމިޔާބު ކުރެ ވިއްޖެއެވެ.
ދޮގާ މަކަރާ ފިތުނަ ވިއްކައިގެން އިންތިހާބު ކާމިޔާބު ކޮށްފައި މީ ގުޅިގެން ގައުމު ކުރިއަށް ގެންދަންވީ ވަގުތޭ ބުންޏަސް އެކަން ބަލައި ގަންނާނީ ކިހިނެއް ހެއްޔެވެ. ހުރިހާ ފިތުނަ ފަސާދަ އުފެއްދިއިރު މިއީ ތިމަންމެންވެސް ވެރިކަން ލިބިއްޖެ ނަމަ ވެރިކަން ކުރަން އޮތްތަން ކަން ހަނދާނެއް ނެތެވެ.