އިންތިހާބީ ރައީސް ދެވަނަ ވިސްނުމަކަށް ދާންޖެހޭ!
ކައުންސިލްތަކާ ސަރުކާރާ ދެމެދު ލެވޭ ބޯފަށަލައެއް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އޮނިގަނޑުގައި ލޯކަލް ގަވަރނަންސަށް ހާއްސަ ކުރައްވައިގެން ވުޒާރާއެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އާއްމުކޮށް ތިލަވެފައިވާ މައުލޫމާތު ތަކަށް ބަލާއިރު ވަޒީރުންގެ މަޖިލީހުގެ ޕޯޓިފޯލިއޯއެއްގެ ގޮތުގައި ލޯކަން ގަވަނަންސް މިނިސްޓްރީ ހިމެނިފައިވާކަން އެނގެއެވެ. އެކަމަށް ހާއްސަ މިނިސްޓަރެއް ހުންނާނެކަން ކަށަވަރުވެފައިވެއެވެ.
ލޯކަލް ގަވަރނަންސް މިނިސްޓްރީއެއް އުފެއްދެވުމުގެ ވިސްނުންފުޅު ޑރ. މުއިއްޒު ގެންގުޅުއްވާ ކަމަށް ރިޔާސީ ކެންޕޭނުގައި ހާމަ ކުރެއްވީއްސުރެ އެކަމުގެ ކަން ބޮޑުވުން އެކި ސިފަސިފައިގާ ފާޅުކުރެވެން ފެށިއެވެ. ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލުމެއް ކަމަށްވެސް ސިފަ ކުރެވުނެވެ. ކައުންސިލްތަކާއި ލޯކަލް ގަވަރނަންސް އޮތޯރިޓީގެ އިހުތިސާސް ހަނިކޮށް ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާ ސިދާކޮށް އޮންނަ ގުޅުން ކަޑުވާލުމުގެ ފަށަލައަކަށް ލޯކަލް ގަވަރނަންސ މިނިސްޓްރީ ވެގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާ ތަކެކެވެ. ލޯކަލް ގަވަރނަންސްގައި ކައުންސިލް ތަކަކީ ދައުވާ ކުރުމާ ދައުވާ ލިބިގަތުމާއި އާމްދަނީ ހޯދުމާއި ހަރަދު ކުރުމުގެ ފުރިހަމަ ބާރު ލިބިފައިވާ ބައެކެވެ. އެއީ ސަރުކާރާ މުޅިން ވަކީން އޮޕަރޭޓް ކުރެވޭ ގޮތަށް ގާނޫނީ ބާރު ދީފައިވާ މުއައްސަސާ ތަކެކެވެ. ސަރުކާރުން އެ ތަންތަން މިނިވަން ކަމާއެކު ހިނގުމަށް ވާން ޖެހެނީ އެހީތެރިކަމެވެ. ކައުންސިލް ތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ސަރުކާރުން ކުރާ ކަންކަމާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭން ޖެހެނީވެސް ކައުންސިލާ ގުޅިގެންނެވެ. ގިނަ ކަންކަން ކައުންސިލް މެދުވެރިކޮށެވެ.
ކައުންސިލަކުން ބޭނުންވުމުން ސަރުކާރުގެ އިދާރާއަކަށް ކަންކަން ހުށަހަޅާ އެ އިދާރައަކުން ކުރުވަން ޖެހޭ ކަމެއް އެހެން ފަރާތެއް މެދުވެރިނުކޮށް ކުރުވުމަކީ ގާނޫނުގެ ރޫހެވެ. މިސާލަކަށް އެގްރިކަލްޗަރ މިނިސްޓްރީން ކަމެއް ކުރުވުމަށްޓަކާ ކައުންސިލްތަކުން ލޯކަލް ގަވަރނަންސް މިނިސްޓްރީއަށް ދާންޖެހޭ ގޮތަށް ކަންކަން ބައްޓަން ވުމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމެކެވެ. އަނެއްކޮޅުން ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުން ކައުންސިލްތަކާ ހަމަޔަށް ދެވެނީ ލޯކަލްގަވަރނަންސް މިނިސްޓްރީ ތެރެއިން ލާފާ ކަމަށް ވުމަކީ ސަރުކާރު ހިންގުމަށްވެސް އޮތް ހުރަހެކެވެ.
ކައުންސިލް ތަކަށް ފަންނީ ގޮތުންނާއި ގާނޫނީ ގޮތުން އެހީތެރިވާ މިނިވަން މުއައްސަސާއެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އެބަ ހުރެއެވެ، ކައުންސިލް ތަކުގެ ތަރުތީބު ހިފަހައްޓާ ފަންނީ އަދި ގާނޫނީ ލަފާ ދިނުމަށާ އެހީތެރިވުމަށް އެލްޖީއޭ ފުދެއެވެ. އެހެން ކަމުން ސަރުކާރުން ލޯކަލް ގަވަރނަންސް މިނިސްޓްރީއެއް އުފަން ކުރުވުމަކީ ކައުންސިލްތަކާ ސަރުކާރާ ދެމެދު ލެވޭ ބޯފަށަލައެއް ގާއިމުކުރުމެވެ. އޭރުން އެ މިނިސްޓްރީ ވާނީ ކައުންސިލު ތަކުގެ އިހުތިސާސް ފުރާނާ ފުރޭންޏެކަށެވެ. ކައުންސިލް ތަކުގެ ގާނޫނީ ބާރު ކަނޑުވާލާ ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަންދޫބުންގެ ނިންމުންތަކު ވާގިނައްތާލުމަށް ޖައްސާ ސްޓްރޯކް އަކަށެވެ.
ލޯކަލް ގަވަނަންސް މިނިސްޓްރީ އުފެއްދެވުމާމެދު އިންތިހާބީ ރައީސް ދެވަނަ ވިސްނުމަކަށް އަދިވެސް ވަޑައިގަތުމަކީ މުހިންމު ކަމެކެވެ. އައު ސަރުކާރުގެ އޮނިގަނޑާއި ވަޒީރުންނަށް ރުހުން ދިނުމުގައި ލޯކަލް ގަވަރނަންސް މިނިސްޓްރީއާއިމެދު ރައްޔިތުންގެ މަޖިލީހުން ފުން ވިސްނުމަކަށް ދިޔުން ލާޒިމެވެ. ލާމަރުކަޒީ ގާނޫނުގެ ބާރު ހަނި ނުވާގޮތަށާއި އެ ގަނޫނުގެ ބާރު ނުކެނޑޭ ގޮތަށް ރުހުން ދޭން މަޖިލީހުން ވިސްނަން ޖެހެއެވެ.