ވަގަށް ހަތިޔާރު ހިފައިގެންހުރެ ހުވާކުރީ އަމާންކަމުން!

ވޯޓް ގަބޫލުނުކޮށް ކޯޓަށް ދިޔައީ އަމާންކަމާ އޮމާންކަމުން

ވަގަށް ހަތިޔާރު ހިފައިގެންހުރެ ހުވާކުރީ އަމާންކަމުން!

1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކު ވެސް ބަދަލުވަމުން އައިސްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކުގައި ކަމަށް މައުމޫނު ވިދާޅު ވީމާ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެ ނުހުރެވޭނެއެވެ. 1968ގެ ވާހަކަ ބާއްވަމާ ހެއްޔެވެ. 1978 އިން ފަށަމާ ހެއްޔެވެ. 

ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެ ކުރުމާ ގެންގުޅުމަކީ ރާއްޖޭގެ ދިފާއީ ބާރަށް ނޫނީ މަނާކަމެކެވެ. އެއްޔަކީ އިންތިހާބީ ރައީސަކަށް ވެސް ހުއްދަކަމެއް ނޫނެވެ. 1978 ނޮވެންބަރ 11 ވިލޭރޭ މެންދަމު ބާރަ ޖެހިއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުވާކުރީ މައުމޫނު އަބްދުލްގައްޔޫމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ރައީސްކަމުގެ ހުވާ ކުރުމުގެ ދަރުބާރަށް ގޮސްހުރީ އުނަގަނޑުގައި ފިސްތޯލައެއް ބަދެގެންނެވެ. އޭރު އޭނާގެ ގާތް ރަހުމަތްތެރިން ތަކެއް އަތަށް ވެސް ހުރީ ފިސްތޯލަ ދީފައެވެ. އަދި އޭރަކު އެ މީހުންނަކީ ގައުމުގެ ސަލާމަތީ ހިދުމަތުގައި ތިބި ބައެއް ނޫނެވެ.

އެރޭ ރައީސް އިބްރާހީމް ނާސިރުގެ އަތްޕުޅުމަތިން މައުމޫނު އަތްޕުޅު މައްޗަށް ވެރިކަން ބަދަލުކޮށްލީ ގާނޫނާ ހިލާފަށް ހަތިޔާރު ނަންގަވައިގެން ތިއްބަވައިގެންނެވެ. މައުމޫނު ތިޔަ ވިދާޅުވާ  ޤާނޫނީ ހަމައާއި އަމާންކަމާއި އޮމާންކަމަކީ އެއީ ހެއްޔެވެ. އެއީ ތިޔަ ވިދާޅުވާ ގާނޫނީ ހަމަޔާއި އަމާން އޮމާން ކަމަށް ވެއްޖެއްޔާ ދެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. 

ހަތިޔާރާއެކު ވެރިކަމަށް އެރިގޮތަށް 30 އަހަރު ވެރިކަން ކުރީ ވެރިކަން ބަދަލުވާން ކުޑަވެސް ފުރުސަތެއް ނުދީ ނޫންތޯއެވެ. އެވާހަކަވެސް ބާއްވާށެވެ. ވާދަވެރި އިންތިހާބެއްގައި ވާދަކޮށް 2008 ވަނައަހަރު ވޯޓުން ބަލިވުމުން ކަޅުތުއްކަލާ ކޮޢްޓަށް ދަންވަރު ވަދެ ސިފައިންގެ ބޮލަށް ޖަހަން އުޅުނު ޗިޕް ނުޖެހިގެން ގޮތް ހުސްވެ ނިއްކުރީގައި ޖެހެމުން ދިޔަ ޑިކްޓޭޓަރ ސިއްކަ ނައްޓާލުމަށް ކުޅުނު ޓްރާންސިޝަން ޑްރާމާއަކީ ތިޔަ ބުނާހާ އަމާން އޮމާންކޮށް ދިޔަކަމެއް ނޫނެވެ.

ވާދަވެރި އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިހާބުކުރި ރައީސަކު ބަގާވާތަކުން ދައުރު މެދުން މަގުމަތިން ވަޢްޓާލި ވައްޓާލުމަކީ ގާނޫނީ އިމުގެ ތެރެއިން އަމާން އޮމާންކޮށް ކުރިކަމެކޭ ބުނި މީހަކު ތިޔަ ނޫނީ ނުދެކެމެވެ. ފަހަރެއްގައި އެ ބަގާވާތުގެ މުއްލާއަށް ވީތީ އެކަމަކީވެސް ހަތިޔާރު ހިފައިގެން ހުރެ ހުވާކޮށް ވެރިކަމަށް އައިގޮތަށް ގާނޫނީ އިމުގެތެރެއިން ހިންގާލިކަމެއް ކަމަށް ދެކެނީ ތާއެވެ. 

2013ގައި ވޯޓު ލާލާ ރައްޔިތުން ހޮޑުލެވި ވަރުބަލި ވީއިރުވެސް ކޮއްކޮ މޮޅުވަންދެން ސްޕްރީމް ކޯޓުން ވޯޓުލައްވައިގެން ވެރިކަން ހޯދުމަކީ ތިޔަ ބުނާ އަމާން އޮމާން ކަމުގައި ބަދަލުވުން ކަމުގައި ދުށީތީ ހައިރާނެއް ނުވެއެވެ. ރައީސުން ހުވާކުރުން 11އިން 17އަށް ބަދަލުވީ ގައިމު އަމާން އޮމާން ކަމެއް އޮވެގެންތާއެވެ.

އަނެއްކާ 2018ގައި ނަތީޖާ ގަބޫލުކޮށްފާ ނިކުމެ ފާހަގަ ވެއްޓޭތީ ކޯޓަށް ގޮސް ކޯޓުން ވެރިކަން ހޯދަން ފޫގެޅީމާ ވެސް އަމާން އޮމާން ކަމާއެކު ވެރިކަން ބަދަލު ކުރެވުނީ ކަމަށް މައުމޫނަށް ވީތާއެވެ. 

އުމުރު އަށްޑިހައިން މައްޗަށް ގޮސް 90އަށް ފައިނެގީމާ އަނގަ މާ ގަދަވަނީތާއެވެ. ކިތަންމެ އިހުތިރާމާއެކު ދެންނެވިޔަސް އަބަ ހައްދުވެ ބުއްދި ފަސްވީމާ ހަމަޖެހޭ ވާހަކައެއް ނުދެއްކޭނެއެވެ.