ޕީޖީއަކީ އާއްމުން އެންޓަނައިން ކޮށްދޭން ހުރި މީހެއްނޫން
ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތު ވާނީ ޝަރީއަތުން
މީހުން ތަހުޒީބުވާން އެބަޖެހެއެވެ. ހާއްސަކޮށް މުޖުތަމައުގައި އިތުބާރު ކުރެވޭ މަގާމްތަކުގައި ތިބޭ މީހުންނެވެ. އެއަށް ވުރެވެސް ބޮޑަށް ދައުލަތުގެ ކަންކަމާ ރައްޔިތުން މަތިކޮށްފައި ތިބޭ މީހުންނެވެ.
ކިތަންމެ ބޮޑަށް ޓްރާންސްޕޭރެންޓް ވިޔަސް ކުރަންނުވާ ވަރުގެ ކަންކަން ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ކޮށްގެން ނުވާނެއެވެ. ތަހުގީގީ އިދާރާ ތަކާއި ފަނޑިޔާރު ގެއިން ކުށް ސާބިތު ނުވާ އެއްވެސް މީހެއްގެ ޒާތީ ދިރިއުޅުމާބެހޭ އެއްވެސް ކަމެއް ހާމަކޮށް ފަލީހަތްކޮށް ހެދުމަކީ ވަރަށް ނާތަހުޒީބު ކަމެކެވެ. މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށެއް ސާބިތު ކުރުމަށް ލިބޭ ގަރީނާ ތަކަކީ ޝަރީއަތުގެ މަޖިލީހުގައި ނޫނީ ހާމަ ކުރެވިގެން ވާނެ އެއްޗެއްނޫނެވެ.
ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތު ކުރުމަށް ގިނަ އަދަދެއްގެ ހެއްކާ ގަރީނާ ލިބުމަކީ އެ ހެއްކާ ގަރީނާ އާއްމުކޮށް ހާމަކުރަން ޖެހޭ ސަބަބެއް ނޫނެވެ. އަމްދުން ޕްރޮސިކިއުޓާރ ޖެނެރަލް ނިކުމެ އެ ވާހަކަ ދެއްކުމަކީ ކުށް ސާބިތުނުވާ މީހަކީ މައުސޫމް މީހެއްކަމުގައި މުޅި ދުނިޔެ ގަބޫލުކުރާ ޝަރުއީ މަފްހޫމާ ހިލާފް ކަމެކެވެ. ޕްސިކިއުޓަރ ޖެނެރަލް ކިތަންމެ ސާބިތު ކަމާއެކު އާއްމުކޮށް ހެއްކާ ގަރީނާ ދެއްކިޔަސް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތު ވާނީ ޝަރީއަތަށް އެކަމެއް ސާބިތުކޮށް ދެވިގެންނެވެ.
ވޭތުވެ ދިޔަތަނުގައި ކިތަންމެ ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތު ކުރުމަށް ހެއްކާ ގަރީނާ ލިބި އެވާހަކަ އާއްމުކޮށް ދައްކާ ފަހުން ޝަރީއަތަށް ކުށް ސާބިތު ނުވެގެން ދޫކޮށްލެވިފައި ވަނީ ކިތަންމެ ބައެކެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލެއެވެ. އަނެއް ކޮޅުން އެގޮތަށް ކަމެއް އާއްމުކޮށް ހާމަ ކުރުމަކުން ހައްގު ގެއްލިފައިވާ މީހެއްގެ ހައްގު ހޯދައެއްވެސް ނުދެވެއެވެ. ވިއްޔާ ވާކަމަކީ ފަނޑިޔާރު ގެއިން އިންސާފު ލިބުމާމެދު ޝައްކު ކުރެވުމެވެ. ގުޅުމެއްނެތް އެތައް ބައެއްގެ އަބުރު ކަތިލެވުމެވެ. ކުށެއްނެތް ބޮޑެތި އާއިލާތައް މުޖުތަމައުގައި ބާކީ ވުމެވެ.
ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ އަނބި ދަރިންނާއި ގާތްތިމާގެ މީހުންގެ ޒާތީ މައުލޫމާތު އާއްމުކޮށް ހާމަ ކުރުމަކީ ވަަރަށް ވެސް ދަށު ދަރޖައިގެ ކަމެކެވެ. އިންސާނީ ކަރާމާތަށް އަރައިގަތުމެކެވެ. ކޮންމެ މީހަކަށް ވެސް އެހާލަތުގައި ކުރެވޭ އިހުސާސް އެނގޭނީ އެ މީހަކާ އެކަމެއް ދިމަވީމައެވެ. ހުރިހާ ކަމެއް ހުރިހާ ފަހަރަކު ހުރިހާ އެންމެނަށް އެނގޭކަށް ނުޖެހެއެވެ. ކޮންމެ މީހަކު ކުށެއް ކުރިނަމަވެސް އެކަމެއް ޝަރީއަތަށް ސާބިތުކޮށް އަދަބު ދިނީމާ ނިމުނީއެވެ. ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުންނަކީ އާއްމުން އެންޓަނައިން ކޮށްދޭން ތިބި ބައެއް ނޫނެވެ. ނޫސްވެރިންނަށް ހަބަރު ހަދައިދޭން ތިބި ބައެއްވެސް ނޫނެވެ.
ނޫސް ކޮންފަރެންސެއް ބާއްވާ މީހުންގެ ޒާތީ ދިރިއުޅުމުގެ އަދިރި ފަރާތް ހާމަކުރުމަކީ އެއްވެސް ފަރާތަކަށް އިންސާފު ލިބޭނޭ ކަމެއްވެސް ނޫނެވެ. އެކަމުން ވީދި ހަސްނެތޭނީ އިޖުތިމާއީ ފޭރާމެވެ. އުފެދޭނީ ފިތުނައާއި ހަސަދައެވެ.