މީޑިއާ ކޮންޓްރޯލް ބިލުން ދައުވަތުދެނީ ވަގު ސައިޓަތަކަށް

މީޑިއާ ކޮންޓްރޯލް ބިލުން ދައުވަތުދެނީ ވަގު ސައިޓަތަކަށް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގެ ނަމުގައި ރައްޔިތުން މަޖިލީހަށް ވައްދައިގެން އެ އުޅެނިއްޔަކީ މީިޑިއާ ބިލެއްނޫނެވެ. ހިޔާލާއި ފިކުރު ކަފުންކުރާ ބިލެވެ. އެ ބިލް ފާސްކޮށްގެން ގާނޫނަކަށް ވުމުން ނޫސްވެރިންނަށް ލިބޭ ރައްކާތެރި ކަމެއް ހައްގެއް ކުރިއެރުމެއް މިނިވަންކަމެއް ނެތެވެ. 

މީޑިއާ ބިލެއްނަމަ އެބިލުގައި މީޑިއާއަށް ލިބިދެވޭ ރައްކާތެރިކަމާއި އިނާޔަތާއި ހައްގުތަކާއި މިނިވަންކަމާއި ފުރުސަތުތަކުގެ ވާހަކަ ސާފުކޮށް އޮންނާނެއެވެ. އެ ބިލެއް ފާސްކޮށްގެން ކުރާން އުޅޭކަމަކީ ވައްކަން ފޮރުވުމެވެ. ދުލުގައި ގޮށްޖެހުމެވެ. ވަގުން ހިމާޔަތްކުރުމެވެ. ވާދަވެރިން އުލުބޭންދުމެވެ. 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނު ފާސްވުމުން ދެންވާނެ ގޮތްތަކާ މެދު ވިސްނާލާށެވެ. ހަމަޔާ އުސޫލުގެ ތެރެއިން ދައްކަންޖެހޭ ވާހަކަ ނުދެއްކި އުސޫލުން ބޭރުން އަދިރި މީޑިއާތަކެއް އުފަންވާނީއެވެ. ގޮތް ނޭނގޭ އެތައްހާސް ހަސަންކުރުސީއަކާއި ދޮންއަމައެއް އުފަންވާނީއެވެ. 

ނަތީޖާއެއްގެ ގޮތުން އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ގޮވޭގޮވުން އިތުރުވެ ފެންނަން ބޭނުންނުވާ މުޑުދާރު މަންޒަރުތަކާއި އަހަން ނޭދޭ ހުތުރު އަޑުތައް އާއްމުވެ ޒިންމާވާނެ ފަރާތެއްނެތި މިހާރަށް ވުރެވެސް ބޮޑަށް އަބުރާ އިއްޒަތް ގެއްލޭނީއެވެ. 

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ސަރުކާރުން މިހާރު ކުރާން އުޅޭ ބައެއް ކަންކަމަކީ:

  • ސްޓޫޑެންޓް ލޯނުގެ ފައިސާ ލިބުމުގެ ހައްގަށް ގޮވާލާ ދަރިވަރުންގެ އަޑު ކަނޑުވާލުން.
  • ކޮރަޕްޝަންގެ ސަބަބުން މުސްތަގުބަލު ނިގުޅައިގަނެވިފައިވާ ޒުވާނުންގެ އަޑު ކަނޑުވާލުން. 
  • އާސަންދައިގެ ހިދުމަތް ލިބުމުގެ ހައްގަށް އެދޭ ބަލިމީހުންގެ އަޑު ކަނޑުވާލުން. 
  • ބޭސް ނުލިބިގެން މަރަށްތެޅޭ ދުވަސްވީ އިސްރަށްވެހިންގެ އަޑު ކަނޑުވާލުން.
  • ޕާކިންގް ހޯދުމަށް މަސައްކަތްކުރާ ޓެކްސީ ޑްރައިވަރުން އަޑު ކަނޑުވާލުން. 
  • ގައުމީ ބަޖެޓަށް ވާގޮތް ބަލަން ބޭނުންވާ ޓެކްސް ދައްކާ ފަރާތްތަކުގެ އަޑު ކަނޑުވާލުން.
  • ސަރުކާރުން ދައްކަންޖެހޭ ފައިސާއަށް ނިމުމެއް ނެތި އިންތިޒާރުކުރާ ވިޔަފާރިތަކުގެ އަޑު ކަނޑުވާލުން.
  • ބިމާއި ފްލެޓް ލިބުމުގެ ހައްގުން މަހުރޫމް ކުރެވިފައިވާ އާއިލާތަކުގެ އަޑު ކަނޑުވާލުން.
  • އުފެއްދުންތަކުގެ އަގު ދަށްވުމާއި، ހަމަ އަގު ނުލިބި ވޭން ތަހައްމަލުކުރާ މަސްވެރިން އަޑު ކަނޑުވާލުން. 
  • ކަރަންޓް ބިލް ބޮޑުވުމުގެ ބުރަ އުފުލާ އާދައިގެ ރައްޔިތުންގެ އަޑު ކަނޑުވާލުން. 
  • މަސައްކަތާއި ނުބައްދަލު ކުޑަކުޑަ މުސާރައަކާއި އިނާޔަތްތެއް ލިބޭ ސިވިލް ސަރވަންޓުންގެ އަޑު ކަނޑުވާލުން.
  • ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމުން އެކަހެރިކުރެވިފައިވާ ރަށްފުށުގެ ރައްޔިތުންގެ އަޑު ކަނޑުވާލުން. 
  • ވެރިކަމުގައި ތިބި ފަރާތްތަކަށް ސުވާލުކުރުމަށް ހިތްވަރުކުރާ ނޫސްވެރިންނާއި އެކްޓިވިސްޓުން އަޑު ކަނޑުވާލުން. 
  • މުޢިއްޒު ގެނައުމަށް އުޅޭ އިންތިހާބީ ހަމަނުޖެހުންތަކާ މެދު ސުވާލު އުފައްދާ ވޯޓުލާ މީހުންގެ އަޑު ކަނޑުވާލުން.

މީޑިއާ ބިލުން ހާސިލުކުރާން އުޅޭ ކަންކަމަކީ މީޑިއާ އާއި އެއްވެސް ގުޅުންހުރި ކަންކަމެއް ނޫނެވެ. އެކަމަކު އެ ބިލަކީ ކޮންމެ އާއްމު ރައްޔިތަކާ ގުޅުންހުރި ބިލެކެވެ. ހައްގުތަކަށްޓަކައި އަޑުއުފުލަން ހިތްވަރުކުރާ ކޮންމެ މީހަކު ފަހާ ދުވެ ހަގީގަތް ނޭނގޭނެ ގޮތެއް ހެދުންނޫން ކަމެއް އެ ބިލަކުން ހާސިލެއް ނުވާނެއެވެ. މި ބިލު ހުއްޓުވަން ޖެހެއެވެ.