ހަނިފަރުބޭއަށް ދޮންފަނު ގުރުބާންކޮށް ފައިދާ އެހެން ބަޔަކަށް!

ހަނިފަރުބޭ ނުވަތަ ވަންދޫމާފަރު އަޑީތެރެ އަކީ އިއްޔެއަކު މިއަދަކު ފެނުނު ތަނެއް ނޫނެވެ. އެތަނުގެ ވައްޓަފާޅިއާއި އޮއި ދައުރުވާ ގޮތާއި ތަނުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ޔަގީނުންވެސް ދޮންފަނުގެ ރައްޔިތުންނެވެ. ކާބަފައިން ޒަމާނުންސުރެ އެ ތަނުގައި އެކިއެކި މަސައްކަތް ކުރަމުން އައިސްފައިވަނީ ދޮންފަނު މީހުންނެވެ.
ހަނިފަރުބޭ ސަރަހައްދުން ފެންނަ އެންމެހާ އެންމަޑި އާއި ފެހުރިހީގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އެކިވަގުތު ތަނުގައި އަޅާ އޮއިވަރާއި ތަނުގެ މުއްސަނދިވެށި އެންމެ ރަނގަޅަށް ދަންނަނީ ދޮންފަނު މީހުންނެވެ. އެތައްސަތޭކަ އަހަރެއް ވާންދެން އެތަން ތަޖުރިބާކުރީ ދޮންފަނު މީހުންނެވެ. ވަންދޫމާފަރު އަޑީތެރެއިން އެންމަޑި އާއި މިޔަރާއި ފެހުރިހި ހިފާ ފަޅައިގެން އޭގެން ތެޔޮ އުފައްްދާ އޮޑިދޯނި ފަހަރަށް އެޅި ޒަމާންވެސް ދޮންފަނު މީހުންވަނީ ތަޖުރިބާކޮށްފައެވެ.
ހަނިފަރުބޭ ގެ ގުދުރަތީ މުއްސަނދި ވެށީގެ ހަގީގަތް ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައިއުޅޭ ޖަމާއަތްތަކަށްވުރެ ބޮޑަށް ދޮންފަނު މީހުނަށް އެނގޭކަން ފަހަރުގައި ބަޔަކަށް ނޭނގި އޮވެދާނެއެވެ. އެހެނަސް މުޅި ބ. އަތޮޅު މިކަމަށް ހެކިވާނެއެވެ. ހަނިފަރާއި ހަނިފަރުބޭ އާއި ދޮންފަނާއި ގުޅި ލާމެހިފައިވާކަން ސަރުކާރަށާއި ތިމާވެށި ހިމާޔަތްކުރާ މީހުނަށް ވަޒަން ކުރެވުނީ ދޮންފަނު ބިންހިއްކުމާ ޖެހުމުންނެވެ.
ކަނޑުގެ ދިރުންތަކުން މުއްސަނދި ހަނިފަރުބޭ ސަރަހައްދުގެ ފޮނި މީރުކަން ރާއްޖެއަށް މިހާރު ލިބެމުން ދާކަމީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. އަނެއް ކޮޅުން ބ. އަތޮޅުގެ ވަސީލަތްތަކާއި ގުދުރަތީ މުއްސަނދިކަން ބޭނުން ކުރުމުގައި ހަމަހަމަކަމާއި އިންސާފެއް ނެތްކަމީވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. ކުޑަމިނުން ދޮންފަނާ ގުޅިލާމެހިފައިވާ ހަނިފަރުބޭ ބަޔަސްފިއަރ ރިޒާވް ބެލެހެއްޓުމާއި އޭގެން ނަފާވެރިކަމެއް ހޯދުމުގެ ހަނި ފުރުސަތެއް ވެސް ދޮންފަނަކަށް ނެތެވެ.
މެދު އިރުމަތީގެ ތެލުގެ ވަސީލަތައް އެމެރިކާއިން ގަދަވެގެންފައި ވާގޮތަށް، ދޮންފަނު ފަރާއި ދޮންފަނު ބޭރާއި ހަނިފަރާއި ހަނިފަރު ބޭ ފަދަ ބ. އަތޮޅުގެ ވަސީލަތްތަކުގެ މަންފާގެ މައްޗަށް އަތޮޅުގެ ވަކި ބަޔަކު ވެރިވެގަތުމަކީ އިންސާފެއް ނޫނެވެ. ދޮންފަނު ރައްޔިތުންނަށް ހައްގުވާ މިންވަރު ނުދީ ދޮންފަނު ރައްޔިތުން ގުރުބާންކޮށްގެން އެހެން ބަޔަކަު އެ ތަނުން މަންފާ ހޯދުމަކީ ކޮންފަދަ ބޭއިންސާފެއް ހެއްްޔެވެ.
ހަނިފަރުބޭ އަށްޓަކައި ދޮންފަނު ރައްޔިތުންނާއި ދޮންފަނު ގުރުބާން ކުރަންޖެހޭހެން ހަނިފަރުބޭ ގެ އެންމެ ބޮޑު މަންފާއެއް ކުރަން ޖެހޭނީ ވެސް ދޮންފަނަށެވެ.