ދުވަހަކުވެސް ޑޮކްޓަރުންނާ ހޮސްޕިޓަލް ގޯހެއް ނުވާނެ!
ރާއްޖޭގައި މެޑިކަލް ނެގްލިޖެންސް ގާނޫނެއް ވުޖޫދު ނުވަނީ ކިއްވެ!
ގޯސްވަނީ ޑޮކްޓަރުންނާއި ހޮސްޕިޓަލްއިންކުރާ ނޭއްގާނި ކަންކަމުގެ ވާހަކަ ދައްކާ މީހާއެވެ. ފިޔަވަޅު އަޅާނެކަމަށް އިންޒާރުދެނީ ހޮސްޕިޓަލުގެ އިހުމާލުން ފޫނުބެއްދޭވަރުގެ ގެއްލުން ލިބޭ މީހުންނާއި އެވާހަކަ ދައްކާ މީހުންނަށެވެ. ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ކުށެއް ނޯވެއެވެ. އުފުލަންޖެހޭ ޒިންމާއެއް ދޭންޖެހޭ ބަދަލެއް އެޅޭ ފިޔަވަޅެއް ނޯވެއެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭގައި ހޮސްޕިޓަލްގެ އިހުމާލާއި ޑޮކްޓަރުންގެ ނޭއްގާނި އަމަލުތަކުގެ އެތައް މައްސަލައެއް ފެންމަތި ވެފައިވެއެވެ. މީޑިއާއަށް ތިލަނުވެ ހިންދާލެވިފައި ވަނީ އެތައް ސަތޭކަ މައްސަލައެވެ.
ފެންމަތިވާ ކޮންމެ މައްސަލައަކާ ގުޅިގެން އިންޓާނަލް ތަހުގީގެއް ހޮސްޕިޓަލުން އަމިއްލަ އަމިއްލައަށް ހަދާ ނިންމާލަނީއެވެ. މަދު ފަހަރެއްގައި އިދާރީ ފިޔަވަޅެއް އެޅުނަސް ގިނަކަންކަން ދަނީ ބޯމަތިންނެވެ. ނޫސް ބަޔާނަކުން ނިންމާ ލަނީވެސް މަދެއްކޮށް ނޫނެވެ. އާހިރުގައި ކަންނިމެނީ އަނިޔާ ލިބުނު މީހުންނާއި އެވާހަކަ ދައްކާ މީހުން ކުށްވެރިވެގެންނެވެ.
ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ހަގީގަތާއި ހިލާފަށް ވާހަކަ ދައްކާކަމަށް ވާނީ މީޑިއާއެވެ. ހޮސްޕިޓަލާއި ޑޮކްޓަރުން ގޯސްކޮށް ކުރާ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލު ކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށޭ ބުނެ ބޯދަމައިގަތީމާ އެވީއެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ވެސް ކަންކަން ތަރުތީބުވެފައި އޮންނަނީ ބަލިހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދާ މީހާއަށް އަވަހަށް ފަރުވާދޭން ފެށުމަށްވުރެ ކުރިއަށް އިދާރީ އިންތިޒާމްތައް ނިންމުމަށެވެ. ކަންކަން ނިމި ފަރުވާއަށް ފެށޭއިރު އޮންނަނީ ވާނެ އެއްޗެއްވެފައެވެ. ބަލިމީހުން ގްރޭޑް ކުރުމުގައި ފަރުވާކުރާ ޑޮކްޓަރަކާ ހަމައަށް ބަލިމީހާއަށް ނުދެވި ކިޔުގައި ތިން ހަތަރުގަޑި ވުމަކީ އާދައެވެ.
ސްޕެސަލިސްޓަކަށް އެޕޮއިންޓްމެންޓް ނުލިބި ކިޔުގައި މަސް ދެމަސް މަޑުކުރަން ޖެހެއެވެ. ސްޕެސަލިސްޓް ޑޮކްޓަރުން އައިޖީއެމް އެޗްގައި ދުވާލަކު ބަލާނީ ގިނަވެގެން ފަނަރަ ވަރަކަށް މީހުންނެވެ. ވާނީ އެހެންތާއެވެ. އައިޖީއެމްއެޗްގައި ބަލާ މީހުންގެ އަދަދު މަދުވި ވަރަކަށް ޑޮކްޓަރުންގެ އަމިއްލަ ކުލިނިކް ތަކަށް ދާނެ މީހުން ގިނަ ވާނެތާއެވެ. ސަރުކާރު ހޮސްޕިޓަލްތަކުގައި ކަންކަން އިންތިޒާމު ވެފައި ހުންނަނީ ޑޮކްޓަރުންގެ އަމިއްލަ ކްލިނިކް ތަކަށް ވިޔަފާރި ހޯދާދޭ ގޮތަށެވެ.
އަނެއްކޮޅުން މީހެއްގެ ގަޔަށް އެޗްއައިވީ ހުރި ލެޔެއް އެޅުނަސް ނުގުޅޭ ބޭހެއް ދީގެން މީހަކު ހުދުފުށް ވިޔަސް ވަކިކޮށްލަން ނުޖެހޭ ހާލަތެއްގައި މީހެއްގެ ގުނަނެއް ވަކިކޮށްލިޔަސް އުފުލަން ޖެހޭ ޒިންމާއެއް ދޭންޖެހޭ ބަދަލެއް ނޯވެއެވެ. ކުދިކުދި ކަންކަމުން ފެށިގެން މީހުންގެ ފުރާނަ ދިއުން ފަދަ އެތައްކަމެއް ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ އިހުމާލުން ހިނގާ ނިމި ގޮސްފައި އެބަހުއްޓެވެ. އެތައް އާއިލާއެއް އިޔާދަ ނުކުރެވޭ ބޮޑެތި ހިތާމަތަކާއި ގެއްލުމުގައި އުމުރު ހޭދަކުރާއިރު ނެރެލާ ބަޔާނަކުން ހުރިހާކަމެއް އަބަދަކު ހައްލެއް ނުވާނެއެވެ.
ވާޖިބު އަދާކުރުމަށް ހުރަސް އަޅާކަމަށް ބުނެ ބިރުދައްކައިގެން ކަންކަން އޮއްބާލެވޭނީ ވަކިވަރަކަށެވެ. ކަންކަން ފާލުންނައްޓާ މަގުމަތިން އިންސާފު ހޯދަން ބަޔަކު ނިކުތުމުގެ ކުރީން ރާއްޖޭގައި މެޑިކަލް ނެގްލިޖެންސް ގާނޫނެއް ވުޖޫދުކޮށް ސިއްހީ ދާއިރާގައި ހިނގާ ނޭއްގާނި ކަންކަމަށް ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވަން ޖެހެއެވެ. މިނިވަން ފަންނީ ތަހުގީގަކުން ގެއްލުމުގެ ބަދަލު ހޯދާދޭން ޖެހެއެވެ. މެޑިކަލް މާފިޔާ ގޭންގްތަކުން ސިއްހީ ނިޒާމު މިންޖުކުރަން ޖެހެއެވެ.