އައިސްތުވެސް ޖަޕާނު މަހެއްހެން ނުވިހެވުމުގެ މޮޔައިގަ!؟
ދޭތެރެދުރުކުރިޔަސް އާއިލާރޭވިޔަސް ރައްކާތެރި މައިވަންތަކަމަށް ވިޔަސް ކުރީ އެއްކަމެއް
ސަރުކާރު ހިންގަން ތިބޭ ބަޔަކު ވަކިވަރަކަށްވުރެ ގުނބޯ ހެނދުނީމާ ގައުމަކަށް ނުވެނުދާނެ ހުރިހާ ގޮތެއްވެސް ވެއެވެ. ރާއްޖޭގެ އާބާދީއަށް ވެފައި މިއޮތީ އެހެންނެވެ. ހުރި ވަސީލަތްތައް ބޭނުން ކުރާން އޮތް އާބާދީ ބޮޑުވެ ފަގީރުވެދާނެ ކަމުގެ ބިރަށް އާބާދީ މަދުކުރަން ހިފާލީ އަމަށަކު ވަރަކަށް ނޫނެވެ. ރީތި ނަންނަމުގައި ޒާތްޒާތުގެ ޕްރޮގްރާމް ހިންގައިގެންނެވެ.
ގިނަ ކުދިން ލިބުމަކީ މައިމީހާގެ ސިއްހަތަށް ނުރައްކަލެއް ކަމަށް ހަދާ ބިރުދައްކަން ފެށީއެވެ. ދެ ކުއްޖަކަށް ވުރެން ގިނަ ކުދިން ތިބުމަކީ ކިޔަވާދީ ކާންބޯންދީ ނުހެދޭނެ ކަމެއް ކަމަށް ސިކުނޑިތަކަށް ވެއްދިއެވެ. ގިނަ ކުދިން ވިހެއުމަކީ މައިމީހާގެ އުމުރު ކުރުވާ ކަމެއްކަމަށް ބުނެ ކުދިން ހޯދުމަކީ ގޯހަކަށް ހެދިއެވެ.
ދޭތެރެ ދުރުކުރުމުގެ ނަމުގައި ޒާތްޒާތުގެ ހުރަސްތަކާއި ބޭސްތައް ތައާރަފްކޮށް އޮޕަރޭޝަންތައް ކުރިއެވެ. އެކަމާ އިންކާރު ކުރާ މީހުން ތިބުމުން ދޭތެރެ ދުރުކުރުން ފަހުން ބަދަލުކޮށްލީ އާއިލާ ރޭވުމަށެވެ. އާއިލާ ރާވާލަން ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނެތާއެވެ. ފުދިގެން ރީތި ތަނަވަސް ދިރިއުޅުމަކަށް އާއިލާ ނުރާވައެއް ނުވިއެވެ. އެގޮތަށް އާއިލާ ރޭވުމުގައި ދުވަސްގަނޑަކު މީހުންގަނޑު ޖައްސައިގެން އުޅުމަށް ފަހު ބަދަލުކޮށްލީ ރައްކާތެރި މައިވަންތަކަމަށެވެ.
ދޭތެރެ ދުރު ކުރިޔައސް އާއިލާރޭވިޔަސް ރައްކާތެރި މައިވަންތަ ކަމަށް ވިޔަސް ކަމަކީ އެއްކަމެކެވެ. އެއްވެސް އާއިލާއެއްގައި ގިނަ ކުދިންތަކެއް ތިއްބަ ނުދިނުމެވެ. އާއިލާއެއްގައި ގިނަ ކުދިން ނުތިބުމަށް ކުރި މަސައްކަތުން އާއިލާތައް ކުދިވިއެވެ. އެހެންނަމަވެސް އާއިލާތައް ކުޑަކޮށްގެން ހާސިލުވާނެ ކަމަށް ދެއްކި އެއްވެސް އެހެން ހެޔޮ ނަތީޖާއެއް ނުފެނުނެވެ.
ބާރތު ކޮންޓްރޯލު ކުރުމަށާއި ރައްކާތެރި މަޔަކަށް ވުމަށް ކޭހާ ބޭހާއި ޖެހިހާ އިންޖެކްޝަނުން މުޅި ހަށިގަޑަށް ގޮތްނޭނގޭ އުނދަގޫތަކެއް ނުވާ އަންހެނެއް ފިރިހެނެއް ނެތެވެ. ޒާތްޒާތުގެ ސިސްޓާއި ސްޓްރޮއިޑާއި ނަންހުސްކޮށް ނުޖެހޭ ބައްޔެއް ނެތެވެ. ދަރިމައި ނުވުމާއި ޒާތްޒާތުގެ ކެންސަރާއި ލޭއޮލަވުމާއި ދެންވެސް ނުވާކަމެއް ނެތެވެ. މަހަކު ހަތަރު ބުރަށް ޑޮކްޓަރަށް ގޮސް ބުރެއްގައި ހަތް ދުވަހު އެކަމާ އުޅެން ނުޖެހޭ އަންހެނަކު ނެތެވެ.
އަނެއްކޮޅުން ކުދިން މަދުވުމަކުން ކުރަން ޖެހުނު ހަރަދު މަދެއްނުވިއެވެ. ކުޑައެއް ނުވިއެވެ. މަދުކުދިންނަށްޓަކާވެސް މައިންބަފައިންނަށް ވަގުތެއް ނުދެވުނެވެ. ކުދިންގެ ތަރުބިއްޔަތަށް ދެމަފިރިން ކުރެއެކަށް ހުހެއްނުވެވުނެވެ. ދެމަފިރިންމެ އުޅެންޖެހެނީ ގުދާރު ބިނދޭންދެން މަސައްކަތުގައެވެ. ބައްޕަޔާއި މަންމަ މަސައްކަތުގައި އުޅުމުން ކުޑަކޮއްކޮގެ ކަންތައް ބަލަހައްޓާ ދޭކަށް ދައްތައެއް ބޭބެއެއް ނުހުރެއެވެ. ގިނަ މީހުންގެ ހާލަކީ މިއެވެ. ވިހާ އުމުރުގައި ޖަޕާނު މަހެއްހެން ވިހާނުލެވުނު މޮޔަ ގިނަ މައިންނަށް މިހާރު ހީވާ ކަހަލައެވެ.
ދޭތެރެ ދުރުކުރުމުގެ އެވޯޑް ދިން ދިނީނުން ރަށްރަށުގައި ކުޑަ ކުދިންނާއި ޒުވާނުންގެ އާބާދީ މުޅިން ނެތިދާން ތައްޔާރު ވެއްޖެއެވެ. މުސްކުޅިން ގިނަވެ މަސައްކަތް ކުރާ އުމުރުގެ މީހުން ނެތެނީއެވެ. މަސްކަތް ކުރާ އުމުރުގެ މީހުންގެ ވަގުތާއި އާމްދަނީގެ ބޮޑުބައި ދުއްވާލަން ޖެހެނީ މައިންބަފައިންނާ ދުވަސްވީ މީހުންނަށް އަޅާލުމާއި ފަރުވާ ދިނުމުގައެވެ. ބާކީބައި ހޭދަވަނީ އަނބިދަރިންގެ ސިއްހީ މަސައްލަތައް ހައްލު ކުރުމުގައެވެ. ދިރިއުޅުމަށް ކުރެވޭ މަސައްކަތުގައި އުޅެން ލިބެނީ ކުޑަވަގުތު ކޮޅެވެ.
ގައުމީ ނިސްބަތުގައިވެސް އޮތީ އެގޮތެވެ. ދައުލަތުގެ އާމްދަނީގެ ބޮޑުބައި ހޭދަވަނީ ސިއްހީ ހިދުމަތާށާއި ޕެންޝަނަށާއި ސޯޝަލް ވެލްފެއަރ އަށެވެ. ގައުމުގައި މަސައްކަތް އޮތްވަރާ ގާތަށްވެސް މަސައްކަތް ކުރާނެ މީހުނެއް ނެތެވެ. ފަންނީ މީހުން ކީއްކުރަން ހެއްޔެވެ. ލޭބަރުންވެސް ގެންނަން ޖެހިނީ ބޭރުނެނެވެ. ގައުމުގެ އާބާދީގެ ދެބައިކުޅައެއްބަޔާ ގާތައް ބޭރު މީހުންގެ އާބާދީ އެބައޮތެވެ. އަދިވެސް އޮތީ ކުރިއަށެވެ.
ރާއްޖޭގައި އުފެދޭ ކާބޯތަކެއްޗާއި އެތެރެކުރާ ކާބޯތަކެތީގެ 60 އިންސައްތަ ބޭނުންކުރަނީ ބޭރު މީހުންނެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަނީ ބޭރެވެ. އެންމެ ކުއްޖަކު ދެކުއްޖަކު ހުރީތީ މައިންބަފައިންވީ ލޯބިން ޒުވާނުންގެ އާބާދީގައި ތިބި އެތައް ބަޔަކު ތިބީ ހުޅުހުޅުން ދޫވެފައެވެ.
މިފާހަގަކޮށްލެވުނީ ދޭތެރެ ދުރުކުރުމުގެ ސަބަބުން ކުރިމަތި ވަމުންދާ ކަންކަމުގެ ތެރެއިން މަދުކަމެކެވެ. މިހާރު އައިސްތު ޝިހާމްމެން ހޯހޯ ގޮވިޔަސް ކުރާނެކަމެއް ނެތެވެ. ބާރުވެރިކަން ހޯދުމަށް ގުނބޯ ހެދިގެން ގައުމު ފުނޑާލީ އައިސްތުވެސް ބައިވެރިވެގެންނެވެ.