ފްލެޓް ދޭންވީ ގުރުއަތުން

ފްލެޓް ހައްލަކީ ޕޮއިންޓް ގުނުމަށް ވަގުތުތައް ދުއްވާލުމެއްނޫން

ފްލެޓް ދޭންވީ ގުރުއަތުން

ރައީސް ސޯލިހު ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމާ ގުޅޭގޮތުން އުފައްދައިގެން އުޅެނީ އަސާސެއްނެތް މައްސަލަ ތަކެކެވެ. ގެދޮރުވެރިޔާ ސްކީމް ފުޑުފުޑުކޮށްލަން ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ހިންގާ ފިތުނައިގެ ޖަޒްބާތުގައި އެންޓިކޮރަޕްޝަން ކޮމިޝަން ވެސް އޮތީ ޖެހިފައެވެ. މަޝްރޫއު ރޭވިފައި އޮތްގޮތާ ފްލެޓަށް ޝަރުތު ހަމަވެފައި ތިބި މީހުންގެ އަދަދާއި މުޅި މަޝްރޫއުގައި ފްލެޓް އަޅަން ހަމަޖައްސާ އަޅަން އެވޯޑްކުރެވިފައި އޮތް ފްލެޓްގެ އަދަދާ މެދު ވިސްނައެއް ނުލައެވެ. 

ރައީސް ސޯލިހު ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި 20،697 މީހަކު ފްލެޓަށް ކުރިމަތިލިއެވެ. ފްލެޓަށް ކުރިމަތިލީ މީހުންފެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލާފައި ވަނީ 6208 މީހުންނެވެ. ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ 14،489 މީހުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރަށް ކުރިމަތިލީ މީހުނަށް ދޫކުރަން ހަމަޖެހިފައިއޮތީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 13،000 ފްލެޓެވެ. އެހެންކަމުން ޖޮއިންޓް ވެގެން ކުރިމަތިލި މީހުން ހިމެނޭހެން 15000 މީހުނަށް ޝަރުތު ހަމަވިއެވެ. ޝަރުތު ހަމަ ނުވެގެން ގެދޮރުވެރި ސްކީމްގެ ފުރަތަމަ ބުރުން ފްލެޓް ނުލިބި ދާނީ 5600 މީހުންނަށެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ބޭނުމަށް ތަފާތު ކުންފުނި ތަކަކާ 13000 ފްލެޓް އަޅަން ވަނީ ހަވާލު ކުރެވިފައެވެ. މުޅި ޕްރޮގްރާމް އޮތީ ނިމެމުންދާ ވަރަކުން ޝަރުތު ހަމަވާ 15000 މީހުނަށް ތަރުތީބުން 13000 ފްލެޓް ހަވާލުކޮށް ނިންމާ ގޮތަށެވެ. ގެދޮރުވެރިޔާ ސްކީމްގެ 13000 ފްލެޓް އަޅާ ނިމޭއިރު ފުރަތަމަ ބުރުގައި ޝަރުތު ހަމަވި 15000 މީހުންގެ ތެރޭގައި ފްލެޓް ނުލިބޭ މީހަކު ނުހުންނާނެއެވެ. 

ފުރަތަމަ ނިމޭ 4000 ފްލެޓް، އެންމެ މަތިން މާރކްސް ލިބުނު 4 ހާސް މީހުނަށް ފުރަތަމަ ދިނުމަކީ ބޮޑު ކަންތައް ގަނޑަކަށް ހަދާއިރު ޝަރުތު ހަމަވި މީހުންގެ ތެރޭގައި ފްލެޓް ނުލިބޭނެ މީހަކު ހުރީއެއް ނޫނެވެ. ފްލެޓް ހައްގުވާ މީހަކަށް ލިބޭ ޕޮއިންޓް މަތިވެގެން ފްލެޓް ލިބުން އަވަސް ވުމަކީ އޮޓަމެޓިކުން މާރކްސް ޖަނަރޭޓްވާ ޕޯޓަލަކާ ކުޅެގެން ލިބުނު މާރކްސް ބަދަލުކޮށްގެން ވީކަމެއް ކަމެއް ކަމަށް ނުހެދޭނެއެވެ. އެ ޕޯޓަލަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ އެކައުންޓަށް ވަދެ ވާނުވާ ބެލޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލެކެވެ. އެޕްލިކޭޝަންގެ މުއްދަތު ހަމަވުމަށް ފަހު އެއްވެސް މީހަކަށް އެ ޕޯޓަލަށް އުނި އިތުރެއް ގެނެވޭކަށް ނޯވެއެވެ. މީހަކު ބޭނުންވާއިރަށް ބޭނުންހާ ގޮތަކަށް އެ ޕޯޓަލަކާ ނުކުޅެވޭނެއެވެ. 

ޝަކުވާ ހުސްވެގެން ކަމެއް ކުރުމަކީ މުސްތަހީލު ކަމެކެވެ. ނިމޭވަރަކުން ފްލެޓް ހަވާލު ކުރަންޏާ 13000 ފްލެޓް ހަވާލު ކުރެވެންދެން ނުދެވޭ ކޮންމެވެސް ބަޔަކު ތިބޭނެއެވެ. އެ މީހުންގެ ޝަކުވާ ހުންނާނެއެވެ. 

މިހާރުން މިހާރަށް މުޅި މައްސަލަ ހައްލު ކުރެވޭނެ އެއްގޮތަކީ ޝަރުތު ހަމަވާ އެންމެންގެ މެދުގައި ހުޅުވާލެވިގެން ގުރުއަތެއް ލުމެވެ. ގުރުއަތުން ލިބޭ ބަޔަކަށް ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމެވެ. އޭރުން މަރކްސް މަތިވެ ތިރިވުމުގެ މައްސަލައަށް އޮތް ހައްލަކަށް އެކަންވާނެއެވެ. އޭރުން 1އިން 13000އަށް ފްލެޓް ލިބޭ ތަރުތީބުކޮށްލެވި ދާނެއެވެ. ކަމުގެ އަވަސް ހައްލަކީ ޕޮއިންޓް ގުނުމަށް ވަގުތުތައް ދުއްވާލާ ފްލެޓް ދިނުން ލަސްކުރުމެއް ނޫނެވެ. ހައްލަކީ އަވަހަށް 13000 ފްލެޓް ނިންމާ ޝަރުތު ހަމަވާ މީހުނަށް ފްލެޓް ހަވާލު ކުރުމެވެ.