ވޭޕް ބުއިމުން ބޮޑުޖޫރިމަނާ - ޑްރަގް ބުއިމުން ހިލޭފަރުވާ!
ސިނގިރެޓް ބޯމީހުން އިތުރުކުރުމުގެ ނުބައިނިޔަތް
![ވޭޕް ބުއިމުން ބޮޑުޖޫރިމަނާ - ޑްރަގް ބުއިމުން ހިލޭފަރުވާ!](https://heerasnews.com/uploads/images/202412/image_750x_675ed2884125b.jpg)
އަގު ހެޔޮކޮށް ގަނެގެން ބޭނުން ކުރުމުން ފޫނުބެއްދޭވަރުގެ ގެއްލުމެއްވާ އެއްޗެއް އަގުބޮޑުކޮށް ގަނެގެން ބޭނުން ކުރުމުން ގެއްލުން ކުޑަވަނީތާއެވެ. ސިނގިރެޓް އަގު ދެ ގުނައަށްވުރެ ބޮޑުކޮށްލުމުން ސިނގިރެޓުން ލިބޭގެއްލުން ދެގުނަ ކުޑަވާނީ އެހެން ވެގެންތާއެވެ. މުއިއްޒުގެ ހީލަތްތެރި ކަމުން ރައްޔިތުންގެ ތެރޭން އެތައް ހާސް ބަޔަކު ބޮމުން އައި ސިނގިރެޓްގެ ޓެކްސް ބޮޑުކޮށްގެން ސިނގިރެޓްގެ އަގު ދެ ގުނައަށްވުރެ ބޮޑުކޮށްލީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކުން ނަގާ ޓެކްސް ބޮޑުކޮށްގެން ސަރުކާރަށް ހޯދާ އާމްދަނީ އިތުރު ކުރުމުގެ ނުބައި ނިޔަތުގައެވެ.
ސިނގިރެޓް ބޯ މީހުން އިތުރު ކުރުމުގެ ނުބައި ނިޔަތްވެސް މުއިއްޒުގެ އަމަލުން ފާޅުވެއްޖެއެވެ. ކުރީން ސިނގިރެޓް ނުބޯން ވޭޕާއި އީ-ސިނގިރެޓް ބުއި މީހުނަށް މިއަދުން ފެށިގެން ސިނގިރޭޓް ބޯން މުއިއްޒު މަޖުބޫރު ކުރުވީއެވެ. އެއްވެސް އިސްތިސްނާއެއް، އިހުތިޔާރެއްނުދީ ވޭޕާއި އީ-ސިނގިރެޓް މަނާކޮށްލީއެވެ. މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައި ހަމައެކަނި ނިންމާލީއެއް ނޫނެވެ. ސަލާމަތް ނުވާވަރުގެ ބޮޑެތި ޖޫރިމަނާތައް ކުރަން ގާނޫނީ ގޮތުން ލާޒިމް ކުރީއެވެ.
- ވޭޕާއި އީ-ސިނގިރެޓް ވިއްކައިފިނަމަ 20000.00ރ ( ވިހިހާސް ރުފިޔާ) ގެ ޖޫރިމަނާއެވެ.
- ވިއްކާ ކޮންމެ ވޭޕަކާއި އީ-ސިނގިރެޓްއަކަށް 10000.00ރ ( ދިހަހާސް ރުފިޔާ) ގެ ޖޫރިމަނާއެވެ.
- ވޭޕް ނުވަތަ އީ-ސިނގިރެޓް އެހެން ފަރާތަކަށް ދީ ނުވަތަ ބަހައިފިނަމަ 10000.00ރ ( ދިހަހާސް ރުފިޔާ) ގެ ޖޫރިމަނާއެވެ.
- ވޭޕް ނުވަތަ އީ-ސިނގިރެޓް ބުއިނަމަ 5000.00ރ ( ފަސްހާސް ރުފިޔާ) ގެ ޖޫރިމަނާއެވެ.
ވޭޕާއި އީ-ސިނގިރެޓް ބޯ މީހާ 5 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ޑްރަގް ބޯ މީހާ ބައި ލާރިން ވެސް ޖޫރިމަނާ ނުކުރެއެވެ. ޑްރަގް ބޯ މީހާ ބަލިމީހެއްގެ ގޮތުގައި ދައުލަތުން ކާން ބޯންދީ ބޭސް ފަރުވާކޮށް ހާއްސަ ރައްކާތެރި ކަމުގައި ބަލަހައްޓަނީއެވެ.
އަނެއްކޮޅުން ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ވޭޕާއި އީ-ސިނގިރެޓް ބޯ މީހުން ގިނަ އަދަދަކަށް އައުދެއެވެ. މިއަދުން ފެށިގެން ރާއްޖޭގައި ވޭޕާއި އީ-ސިނގިރެޓް މަނާވުމުން އެތައް ފަތުރުވެރިން ބުކިންގްސް ކެންސަލްކޮށް އެ މީހުންގެ މަންޒިލް ބަދަލުކުރަމުން އެބަދެއެވެ. ސީއެންއެން ފަދަ ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުން މިއަދު އެ ވާހަކަ އެބަދައްކައެވެ. ވޭޕާއި އީ-ސިނގިރެޓް މަނާކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް މުއިއްޒު ދިން ހަމަލާއެކެވެ.
ކަންކަން މިހާވަރަށް ހައްދު ފަހަނަ އެޅީމާ އެއްޔަކީ ހެވެއް އެދިގެން ކުރާކަމެއް ނޫންކަން އެގޭނެއެވެ. މިވަރުވީމާ މުއިއްޒުގެ ހުރި ނުބައި ނުލަފާކަން ކުޑަކުއްޖަކަށް ވެސް އެނގޭނެއެވެ. ކަމެއް ރަނގަޅުކޮށް އިސްލާހު ކުރަންއުޅޭ ވެރިއެއްގެ ކިބައިން މިފާޑުގެ ހަރުކަށިކަމާއި ބަހުލޫލުކަމެއް ނުފެންނާނެއެވެ.
މިވާހަކަ ދެއްކެނީ ވޭޕާއި އީ-ސިނގިރެޓްއަކީ މާ ރަނގަޅު އެއްޗަކަށް ވާތީއެއް ނޫނެވެ. އެހެނެއް ކަމަކު މުޅި ގައުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އަންޒަމާނުއްސުރެ ހިފާފައިވާ ދެއްވަކުން ދުރުކުރުމަކީ ކުއްލިއަކަށް ކުރެވޭނެ ކަމެއްނޫން ވީމާ ދައްކާހިތްނުވިޔަސް ދެއްކޭނެއެވެ. ނުބައި އާދަތަކުން މީހުން ދުރުކުރަންއުޅޭ ބަޔަކު މިފާޑަކަށް ކަންކަމެއް ނުކުރާނެއެވެ.
މުއިއްޒު ހިތުހުރި ގޮތަކަށް ކުރާނީ މުއިއްޒާއި ސާޖިދާގެ އަމިއްލަ ކަންކަމެވެ. ގައުމެއްގެ ރައްޔިތުންނާއި ގުޅުން ހުންނަ ކަށީގެ މަދުގައި ހިފާފައި ހުންނަ ކަންކަން ކުއްލިއަކަށް މަނާކުރުމުން ނުވެނުދާނެ ކަންކަމާ މުއިއްޒެއް ކަމަކު ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ.