އާމިރު މަންސޫރާއި ފުށުއަރާ އެސްޓީއޯ މަސްލަހަތު

އާމިރު މަންސޫރަކީ "މޯލްޑިވިއަން ފްރެންޗައިޒް"ގެ ބައްޕަ

އާމިރު މަންސޫރާއި ފުށުއަރާ އެސްޓީއޯ މަސްލަހަތު

ކުޅިވަރުގެ ރޮނގުން އާމިރު މަންސޫރަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ރާއްޖޭގައި ވަރަށް ވެސް ވިދުން ގަދަ ތަރިއެކެވެ. ފަހަކަށް އައިސް އާމިރު މަންސޫރަކީ ރާއްޖޭގައި ނަން ހިނގާ ވިޔަފާރިވެރިއެކެވެ.

އާމިރު މަންސޫރަކީ "މޯލްޑިވިއަން ފްރެންޗައިޒް"ގެ ބައްޕައެވެ. ރާއްޖޭގެ " މޭރީ ބްރައުން" އާއި "ސިކްރެޓް ރެސިޕީ" އާއި " ޕިއްޒާ މިއާ" ގެ މިލްކުވެރިއަކީ އާމިރު މަންސޫރެވެ. " ގްރޭޕް އެކްސްޕެކްޓޭޝަން" އަކީވެސް އާމިރު މަންސޫރެވެ.

" ނެސްކެފޭ އަލްޖެރިއާ" އާއި " ޕޯޓް ކެފޭ" އާއި " ކެފޭ ވެލްކަމް" ގެ އިތުރަށް " ވައިލްޑް ލައިޓްސް"ގެ ވެރިއަކީ ވެސް އާމިރު މަންސޫރެވެ. " ސްޓޮޕް އެންޑް ޝޮޕް" ވެސް ހިމެނެނީ އާމިރު މަންސޫރުގެ މިލްކިއްޔާތުގައެވެ. އަނެއް ކޮޅުން މަޝްހޫރު "ލިލީ އިންޓަނޭޝަނަލް" އާއި " ލިލީ އެފް އެން ބީ " އާމިރު މަންސޫރުގެ ވިޔަފާރީގެ ތެރޭގައި ގުނެއެވެ.

ކާމިޔާބު ވިޔަފާރިވެރިޔާ އާމިރު މަންސޫރަކީ ވިޔަފާރީގައި ސްމާރޓް، ދުރުފެންނަ، ކުޅަދާނަ ވިޔަފާރިވެރިއެކެވެ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި އާމިރު މަންސޫރު ފަދަ ތޫނުފިލި ސިކުނޑި ތަކަކީ މުހިންމު އެސެޓެކެވެ. ރާއްޖޭގެ ވިޔަފާރީގެ ވައްޓަފާޅި ބަދަލު ކޮށްލުމުގައި އާމިރު މަންސޫރު ފަދަ ވިޔަފާރިވެރިންގެ ދައުރު ބޮޑެވެ. 

އެހެނެއް ކަމަކު ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ސިޔަސަތު ކަނޑައަޅަން ހުންނަ އެންމެ އިސްމީހަކީ އާމިރު މަންސޫރު ކަމަށް ވުމަކީ ބަލައިގަނެވޭނެ ކަމަކަށް ގިނަ މީހުނަކަށް ނުވެއެވެ. މަސްލަހަތު ފުށުއެރުން ބޮޑުކަމުންނެވެ. 

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗެއަރމަނަކަށް އާމިރު މަންސޫރު އައްޔަނު ކުރުމަކީ އެސްޓީއޯގެ ވިޔަފާރީގެ ދައުރު ހަނިވެގެން ހިނގައިދާނެ ކަމެކެވެ. އެސްޓީއޯއަކީ ހަމައެކަނީ ކާޑާއި ތެލާއި ބޭސް ފަދަ އަސާސީ ބާވަތްތައް އަތްފޯރާފަށުގައި ބެހެއްޓުން ނޫން އެހެން ކަމެއް ނުކުރާ ތަނަކަށް ހެދުމުގެ ވިސްނުމަށް އެކުންފުނީގެ ވިޔަފާރި ނަގުލު ކޮށްފާނެ ކަމެކެވެ. އެސްޓީއޯއިން މިހާރު ކުރާ ގިނަ ވިޔާފާރި ތަކަކީ އަމިއްލަ ފަރާތްތަކުން ކުރާކަމަކަށް ހެދުމުގެ ވިސްނުން އެސްޓީއޯ ބޯޑުގައި އަށަގަންނުވާ އެމަގަށް އެސްޓީއޯގެ މިސްރާބު ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ނަތީޖާއަކީ ދައުލަތުން ސަބްސިޑީ ދީގެން ހިންގަންޖެހޭ ކުންފުންޏަކަށް އެސޓީއޯ ބަދަލު ވުމެވެ. 

އަމިއްލަ ފަރާތްތައް ބާރުވެރިކުރުވުމުގެ ނަމުގައި އަމިއްލަ ފަރާތްތަކަށް ދޫކޮށްލާން ރާވާ ކޮންމެ ވިޔަފާރިއެއް އަމިއްލަ ކުންފުންޏަށް ފުރޮޅާލަން އާމިރު މަންސޫރަށް ތަންމިނަށް ފުރުސަތު އޮންނާނެއެވެ. އެސްޓީއޯ ކުޑަކޮށްލާ އެސްޓީއޯގެ ވިޔަފާރީގެ ތެރެއިން ބޮޑު ބައެއް އަމިއްލަ މަސްލަހަތު އޮތް ކުންފުނިތަކަށް ޑައިވާޓް ކޮށްލުމަކީ ނުކުރުމަށްވުރެ ކުރުން ކައިރި ކަމެއް ކަމަށްވުމުގެ ފުރުސަތު ބޮޑެވެ. މީހުންގެ ކަން ބޮޑުވުން ހުރީ އެކަމާ ހެދިއެވެ. އާމިރު މަންސޫރުގެ ގާބިލުކަމާ މެދު ޝައްކެއް އޮވެގެނެއް ނޫނެވެ. 

އަމިއްލަ މަސްލަހަތު ދޫކޮށް ވިޔަފާރީގައި ހުރި ކުޅަދާނަކަން ގައުމީ މަސްލަހަތުގައި އެސްޓީއޯއަށް ހުސްކޮށްލައިފިނަމަ ކޮޅުނެތް ކޮޅަށް ނަސީބެވެ. ވިޔާފާރީގެ ސިޔާސަތު އެކަށައަޅާ މަގުދައްކަން އާމިރު މަންސޫރަކީ ދެވަނައެއް ނެތް ފަދަ ޗެއަރމަނެކެވެ. އާމިރު މަންސޫރުގެ ލީޑަރޝިޕްގައި އެސްޓީއޯ އައު އުސްމިން ތަކަކަށް ދާނެއެވެ.