ދޮންއަމަޔަކާ ނުބެހެވޭނެ!

މީޑިއާ ކައުންސިލެއް ކަމަކު ދިޔަވަރެއް ކުރުސީއެއް ކިޔާނެ ކަމެއްނެތް

ދޮންއަމަޔަކާ ނުބެހެވޭނެ!

އިންޓަނެޓް މެދުވެރިކޮށް ޝާއިއުކުރާ ކޮންމެ ވެބްސައިޓަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ސައިޓެއް ކަމަށް ބަލައިގެން އުސޫލު ހަދާ އެސައިޓް ތަކަށް ފިޔަވަޅު އަޅަން ވިސްނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ދިވެހި ބަހުން ޝާއިއުކުރާ ކޮންމެ ވެބްސައީޓަކީ ރާއްޖޭގައި ޝާއިއުކުރާ ނޫހެއް މީޑިއާއެއް ކަމަށް ބެލެނީ ކޮން ހަމައަކުން ހެއްޔެވެ. 

ރާއްޖޭގެ މީޑިއާ ކައުންސިލަށް ރެގިއުލޭޓް ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކެވެ. މީޑިއާ ކައުންސިލްގެ ގާނޫނު ހިގާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ ތަކަށެވެ. މީޑިއާ ކައުންސިލްގެ ކޯޑް އޮފް އެތިކްސަށް ތަބާވާން ޖެހޭނީ އެ އެތިކްސަށް ތަބާވުމަށް އިގްރާރުވެފައިވާ މީޑިއާތަކެވެ.

އިސްލާމު ދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން ކޮންމެ މީހަކަށްވެސް ގާނޫނުއަސާސީ ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކެއް އެބައޮތެވެ. އެގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައިވެއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ހޯދާ ދީފައިވެއެވެ.

އެހެން ކަމުން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާނަމައެވެ. އެ ގޮތަށްވެސް އަސާސީ ހައްގެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެފަދަ ގާނޫނަކުންވެސް ހައްގެއް ހިފަހައްޓާ ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި އެ ހައްގެއް ހަނިކުރެވޭ އެންމެ ކުޑަ މިންވަރަށެވެ. މިއީ ގާނޫނު ދަންނަގޮތެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަންކަން އެ ގާނޫނުގައި ބަޔާން ކޮށްފައި އެބަހުއްޓެވެ. ފިޔަވަޅު އެޅޭނީ ކޮންކޮން ބަޔަކަށް ކިހިނެތްކަން ސާފުކޮށް އެބައޮތެވެ. މީޑީއާ ތަކުގެ ކޮންޓެންޓާއި ވައްޓަފާޅިއަކީ އެ މީޑިއާގެ އަމިއްލަ ހައްގެކެވެ. މީޑިއާތަކުން ގެނެސްދޭން ޖެހޭ ތަކެއްޗާއި ގެނަސް ދޭންޖެހޭ ގޮތަކީ މީޑިއާ ކައުންސިލާ ވެސް ބެހުމެއް އޮތްކަމެއް ނޫނެވެ. މީޑިއާއަކުން ގެނެސްދޭ އެއްޗެއްގެ ދޮގުތެދު ކަނޑައަޅާ މީޓަރަކީ ރައީސް އޮފީހެއް ނޫނެވެ. 

އަނެއް ކޮޅުން ގާނޫނު އަސާސީގައި ހިލާފު ނުވުމަށް ބުނާ އިސްލާމު ދީނުގެ އަސްލު ތަކަކީ ކޮބައިކަން ގާނޫނެއްގައި ކަނޑައަޅާ ބަޔާން ކޮށްފައެއް ނެތެވެ. އިސްލާމު ދީނުގެ އަސްލު ކަމުގައި މީހަކު މާނަކުރާ ކޮންމެ ކަމަކީ އަސްލެއް ކަމަށް ބަލައިގެން އޭގެ ދަށުން ވެސް މީޑިއާ ތަކަށް ފިޔަވަޅެއް އެޅޭ ގޮތަކަށް ގާނޫނެއް އަދިއެއް ނެތެވެ. އިސްލާމު ދީނުގެ އަސްލެކޭ ބުނެ ދޮގުވާހަކަ ފަތުރާ ކަމަށް ހަދައިގެން އެއްވެސް މީޑިއާއަކަށް ފިޔަވަޅެއް އެޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.  

މީޑިއަކުން ގެނެސްދޭ އެއްޗެއްގެ ދޮގުތެދު ކަނޑައެޅޭނީ ޝަރީއަތް މެދުވެރިކޮށެވެ. ޝަރީއަތުގެ ހުކުމެއްނެތި މީޑިއާއަކުން ފެތުރީ ދޮގެއްކަމަށް ބެލެވޭނީ ކުރެވޭ މިނިވަން ތަހުގީަކަށް ފަހު އެއީ ދޮގެއްކަމަށް އެ މީޑިއާ އަކުން އެއްބަސްވާ ހާލަތެއްގައެވެ. އެގޮތަށް ވެސް ފިޔަވަޅު އެޅެނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާ ތަކަށެވެ.

ރަޖިސްޓްރީ ނުކުރާ އޮންލައިން ނޫހަކަށް ފިޔަވަޅު އެޅޭނީ ސެންސަރޝިޕް ގާނޫނެއްގެ ދަށުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށެވެ. މީޑިއާ ކައުންސިލަކަށް ނޫނެވެ. ރައިސް އޮފީހުން ބުނާއިރަށް މީޑިއާ ކައުންސިލެއް ކަމަކު ދިޔަވަރެއް ކުރުސީއެއް ކިޔާނެ ކަމެއް ނެތެވެ. ދޮން އަމަޔަކާ ވެސް ނުބެހެވޭނެއެވެ.